މިއަދުން ފެށިގެން ރާއްޖެ އަށް ވޭޕް އެތެރެކުރުން މަނާ ވެއްޖެއެވެ.
ރާއްޖޭގައި ވޭޕް މެދުވެރިކޮށް މަސްތުވާތަކެތި ބޭނުންކުރުމަށް ގިނަ ކުޑަކުދިންތަކެއް މިކަމަށް ހުށަހެޅޭ މައްސަލަ އިތުރުވެފައިވާތީ ސަރުކާރުން ވަނީ މިކަން ހައްލުކުރުމަށް ރާއްޖެ އަށް ވޭޕް އެތެރެކުރުން މަނާ ކުރުމަށް ގާނޫނަށް އިސްލާހު ގެނެސްފައެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވަނީ އީ- ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް އެތެރެކުރުން މަނާކުރުމާއި، ވިއްކުމާއި ބޭނުންކުރުން މަނާކުރުމަށާއި، ގާނޫނާ ހިލާފަށް އަމަލުކުރާ ފަރާތްތަކާ މެދު އެޅޭ ގާނޫނީ ފިޔަވަޅުތައް އިތުރުކުރުމަށެވެ.
މިދިޔަ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލިހުން ފާސްކުރި އެ އިސްލާހުގައިވާ ގޮތުން، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތައް ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުން މަނާވާނީ ޑިސެމްބަރު 15 ވަނަ ދުވަހުން ފެށިގެންނެވެ. އެކަމަކު، ބިލް ތަސްދީގު ކުރެއްވުމާ އެކު، ރާއްޖެ އަށް ވޭޕް އެތެރެކުރުން މިއަދުން އިން ފެށިގެން މަނާވާނެއެވެ.
މީގެ އިތުރުން ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ ހަގު އުމުރަކީ ގާނޫނުގައި އޭރު އޮތް 18 އަހަރުގެ ބަދަލުގައި 21 އަހަރަށް ވަނީ މަތިކޮށްފައެވެ. އެހެން ކަމުން މިއަދުން ފެށިގެން، 21 އަހަރުން ދަށުގެ ޒުވާނުންނަށް ދުންފަތުގެ ބާވަތެއް ވިއްކުން މަނާވާނެއެވެ.
މީގެއިތުރުން، ދައުލަތުގެ ހުރިހާ އިދާރާތައް ހިންގާ އިމާރާތްތަކާއި އެ ތަންތަނުގެ ގޯތިތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާވާނެ ކަމަށް ސަރުކާރުން ހުށަހެޅި ބިލުގައި އޮތް ނަމަވެސް ކޮމިޓީ މަރުހަލާގައި ވަނީ ގަވާއިދަކުން ކަނޑައަޅާ ގޮތަކަށް އެކަން ކުރުމުގެ ފުރުސަތު ދިނުމަށް ނިންމާފައެވެ.
ވޭޕް ބޭނުން ކުރުމާއި އެތެރެ ކުރުން މަނާ ކުރުމަށްފަހު، އެފަދަ ކަމެއް ކޮށްފިނަމަ، ޖޫރިމަނާ ކުރެވޭނެ އެވެ. އެގޮތުން ވޭޕާއި ވޭޕް ކުރަން ބޭނުން ކުރާ ތަކެތި ރާއްޖެއަށް އެތެރެ ކޮށްފިނަމަ، އެތެރެ ކުރި މީހަކު 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވިދާނެ އެވެ. އަދި އެތެރެ ކުރާ ކޮންމެ ވޭޕަކަށް އިތުރު 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރުމާ، ވޭޕް ވިއްކާ ކޮންމެ މީހަކަށް 20،000 ރުފިޔާގެ ޖޫރިމަނާއެއް، އަދި ވިއްކި ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރުން ހިމެނެ އެވެ.
މީގެ އިތުރުން ހިލޭ މީހަކަށް ވޭޕެއް ދީފިނަމަ 10،000 ރުފިޔާއިން ޖޫރިމަނާ ކުރުމާ ވޭޕް ބޭނުން ކުރާ މީހަކު 5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.