logo

ދުންފަތުގެ ޓެކްސް ބޮޑުކުރުމުގެ ބުރަ ރައްޔިތުންނަށް ނުއުފުލޭނެ ކަމުގެ ކަންބޮޑުވުން

profile

މަރްޔަމް އުމްނާ އިސްމާޢީލް - 22 އޮކްޓޯބަރު 2024 - 12:15

ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ

ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ

ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ދުންފަތާއި އީ ސިނގިރޭޓުން ނަގާ ޓެކްސް ބޮޑުކޮށްފިނަމަ، އެއީ ރައްޔިތުންނަށް "ތަހަމައްލު" ކުރެވިދާނެ ބުރައެއްތޯ ސުވާލު އުފައްދަވައި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މެމްބަރު މިކަމުގެ ކަންބޮޑުވުން ފާޅުކުރެއްވީ، ދުންފަތާއި އޭގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކުގެ އިތުރުން އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރަން ބޭނުންކުރާ އާލާތްތަކުން ނަގާ ޓެކްސް ބޮޑުކުރަން ސަރުކާރުގެ ފަރާތުން އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ.

އިދިކޮޅު އެމްޑީޕީ ތަމްސީލުކުރައްވާ މެމްބަރު ޣަފޫރު ޑިއުޓީ ބޮޑުކުރަން ތާއީދުކުރައްވައެވެ. އެކަމަކު، ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ޑިއުޓީ ބޮޑުކުރަން ތާއީދެއް ނުކުރައްވައެވެ.

މިކަމާ ގުޅިގެން މެމްބަރު އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވި އެއް ކަމަކީ، ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދުންފަތަށް ދެވި ހިފާފައިވާއިރު، ޑިއުޓީ ބޮޑުކުރުމުން ރައްޔިތުންނަށް އެ ބުރަ ތަހައްމަލު ނުކުރެވުމެވެ. ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ޓެކްސް ބޮޑު ކުރެވުނު ނަމަވެސް އެކަން ކުރަންޖެހޭނީ ރައްޔިތުންނަށް އެކަމުން ތަކުލީފެއް ނުޖެހޭ ގޮތަށް ކަމަށް މެމްބަރު ވިދާޅުވިއެވެ.

"ރާއްޖޭގެ 18 އަހަރުން މަތީގެ އާބާދީގެ 40 އިންސައްތަ މީހުންނަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުން. މިކަން މިހާހިސާބުގަ އޮއްވާ ރައްޔިތުންނަށް ތަހައްމަލު ނުކުރެވޭނެ އަގެއް ޖެހީމާ ދެން ގައުމަށް ވެގެންދާނެ ގޮތް އެއީ ހަމަ އަޅުގަނޑުމެން ދެވަނަ ފަހަރަށް ވިސްނާލަން ޖެހޭ ކަމެއް." މެމްބަރު ޣަފޫރު

މީގެއިތުރުން، ރާއްޖޭގައި ވޭޕާއި ސިނގިރޭޓު ވިއްކުމަށް އިންވެސްޓްކޮށްފައި ތިބި މީހުންނަށް ވާނެ ގޮތަކާ މެދު ވެސް މެމްބަރު ސުވާލު އުފެއްދެވިއެވެ. މެމްބަރު ޣަފޫރު ވިދާޅުވީ އެފަރާތްތަކަށް ސަރުކާރުން ބަދަލު ދެވިދާނެތޯ އެއީ ވެސް ވިސްނާލަން ޖެހޭ ކަމެއް ކަމަށެވެ.

"މިއަދު އަޅުގަނޑުމެން ވޭޕް މަނާކުރާއިރުގައި ރާއްޖޭގައި މިކަމަށް އިންވެސްޓް ކޮށްފަ ތިބި ފަރާތްތައް އެބަތިބި. އެބޭފުޅުންނަށް ހަމަ މާދަމާ ފިހާރައިގައި ތަޅު އަޅުވާލާފާ އޭގެ ބަދަލެއް ދެނެތޯ ނުވަތަ ނުދޭނެތޯ ވެސް އެއީ ހަމަ ވިސްނާލަންޖެހޭ ކަމެއް އިއްޒަތްތެރި ރައީސް. ރާއްޖެއަކީ މިނިވަން ވިޔަފާރި ކުރާ ގައުމެއް، ވިޔަފާރީގެ ސިނާއަތުގެ ތެރޭގައި އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހެނީ. " މެމްބަރު ޣަފޫރު

ބިލުގައި ހިމަނާފައި ވަނީ އީ-ސިނގިރޭޓަށް ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންކުރާ އެ ނޫން ވެސް އާލާތްތަކަށް އަޅާ ފްލޭވާ އާއި ކެމިކަލް އިން ނަގާ ޑިއުޓީ %50 ބޮޑުކޮށް، މިލިލީޓަރަކަށް 8ރ. ނެގުމަށެވެ. އަދި އީ-ސިނގިރެޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި ޓޮބޭކޯ ހީޓިން ޕްރޮޑަކްޓްތައް ނުވަތަ އާލާތްތަކާއި އެ ތަކެތީގެ ބައި ބަޔަށް ނަގާ ޑިއުޓީ %200 ބޮޑުކުރުމަށް ވެސް ހުށަހަޅާފައި ވެއެވެ.

https://wamco.com.mv/
tel:+9607331319