logo

ސިނގިރޭޓުން ޓެކްސް ބޮޑުކުރުމަކީ ޖުމްލަ ހައްލެއް ނޫން: އަޙްމަދު ނާޒިމް

profile

މަރްޔަމް އުމްނާ އިސްމާޢީލް - 22 އޮކްޓޯބަރު 2024 - 11:10

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގައި ސިނގިރޭޓާއި ވޭޕު ބޭނުންކުރުން ހުއްޓުވުމަށްޓަކައި، އެތަކެތިން ނަގާ ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް މަރުހަބާ ވިދާޅުވާ ކަމަށާއި، އެހެން ނަމަވެސް އެއީ އެ މައްސަލައަށް އޮތް ޖުމްލަ ހައްލެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަދި ދިއްގަރު ދާއިމާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިފަދައިން ވިދާޅުވީ، ދުންފަތާއި އޭގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކުގެ އިތުރުން އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރަން ބޭނުންކުރާ އާލާތްތަކުން ނަގާ ޓެކްސް ބޮޑުކުރަން ސަރުކާރުގެ ފަރާތުން އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލަށް ބަހުސްކުރައްވަމުން ނެވެ. ސަރުކާރުން ހުށަހަޅާފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 15 އިން ފެށިގެން އީ- ސިނގިރޭޓާއި ވޭޕް ކުރަން ބޭނުންކުރާ އާލާތްތައް ރާއްޖެއަށް އެތެރެކުރުން މަނާކުރުމާ ހަމަޔަށް އޭގެން ނަގާ ޓެކްސް ބޮޑުކުރުމަށެވެ.

ދިއްގަރު ދާއިރާގެ މެމްބަރު ނާޒިމް ވިދާޅުވީ ރާއްޖޭގައި ވޭޕާއި ދުންފަތް މަނާކުރާ ހިސާބަށް ދިޔައީ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނުގެ ދަށުން ވޭޕް ރެގިއުލޭޓް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކުރީގެ ސަރުކާރު ތަކުން އަޅަން ފަސްޖެހުމުން ކަމަށެވެ. އަދި ރާއްޖޭގައި ވޭޕް ބޭނުންކުރުން އާއްމުވެގެންދިޔައީ ޓެކުހަށް މަކަރު ހަދައި، ހެޔޮ އަގުގައި ވޭޕް ލިބޭނެ ގޮތް މަގުފަހިވެގެން ދިޔުމުން ކަމަށްވެސް ވިދާޅުވިއެވެ.

"ބޭރުގެ އެހެން ގައުމުތަކުގައި ވޭޕަށް ޓެކްސް ކުރަމުންދިޔައީ ސިނގިރެޓަށް ކުރާ ގޮތަށް، ސިނގިރެޓަށް ކުރަނީ ކޮންމެ ގްރާމަކަށް ވަކިވަރެއް އަދި ވޭޕަށް ކުރަނީ ކޮންމެ މިލި ލީޓަރަކަށް ވަކި ވަރެއް. އެކަމަކު ރާއްޖޭގައި އެކަން ނުގެނެވުމުގެ ސަބަބުން ވޭޕް ކަންތައް ފެތުރިގެންގޮސް ބޮއްސުން ލައިގެން ވަބާއަކަށް ވާ ހިސާބުން ސަރުކާރުން މިވަނީ ވޭޕް މަނާކުރަން ނިންމާފަ. " ނާޒިމް

ޓެކްސް ބޮޑުކުރުމަކީ މުޅި މައްސަލައަށް އޮތް ހައްލެއް ކަމަކަށް ނާޒިމް ގަބޫލެއް ނުކުރައްވައެވެ. ނާޒިމް ދެކިވަޑައިގަންނަވާ ގޮތުގައި އެ ތަކެތިން ނަގާ ޓެކްސް ބޮޑުކުރުމުގެ އިތުރުން ދުންފަތާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތައް ރަނގަޅަށް ތަންފީޒުކުރެވެން ޖެހެއެވެ. އެކަން ނުކުރެވިއްޖެ ނަމަ، ކަޅު ބާޒާރުގައި ސިނގިރޭޓާއި ވޭޕް ދައުރުވުން އިތުރުވެ، ދަށް ކޮލިޓީގެ ތަކެތި ބާޒާރަށް ނުކުމެދާނެ ކަމަށް މެމްބަރު ވިދާޅުވިއެވެ.

"ސަބަބަކީ މީގެކުރިން ދުނިޔޭގެ ގައުމުތަކުން މިގޮތަށް ސިނގިރޭޓުގެ އަގު ބޮޑުކުރީމާ ބްލެކު މާކެޓުގައި ސިނގިރެޓު ދައުރުވުން އިތުރުވެ އަގުހެޔޮ ބާވަތްތަކުގެ ސިނގިރެޓު ބާޒާރަށް ނުކުންނަ ގޮތް ވަނީ މެދުވެރިވެފަ. ސިނގިރެޓުގެ ބާވަތްތަކުގެ ތެރެއިން ރާއްޖޭގައި ގިނައިން ބޭނުންކުރާ ބާވަތްތަކަކީ ވަރަށް ކޮލިޓީ ރަނގަޅު އަދި އެންމެ ފުންނާބު އުސް ކުންފުނިތަކުން އުފައްދާ ވައްތަރުތައް. އެހެންކަމަށްވުމާއެކު ސިނގިރެޓުގެ އަގު ބޮޑުވެގެން ފޮށްޓެއްގެ އަގު މިގޮތަށް ބޮޑުވެގެން ދިއުމުން އަގުހެޔޮ ސިނގިރެޓުތައް ބާޒާރަށް ނުކުމެގެން ދިއުމަކީ އަޅުގަނޑުމެން ކަންބޮޑުވާންޖެހޭ ކަމެއް. ސަބަބަކީ އެކަހަލަ ދަށް ކޮލިޓީ ސިނގިރެޓަކީ މިހާރު މި ބޭނުންކުރާ ސިނގިރޭޓަށް ވުރެ މާ ހިރާސްކަން މާ ބޮޑު އެއްޗެއް." ނާޒިމް

ހަމައެއާއެކު، ސިނގިރޭޓާއި ވޭޕްގެ ބާވަތްތައް ސްމަގްލް ނުކުރެވޭނެކަން ކަށަވަރުކުރަން ޖެހޭ ކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ. މެމްބަރު ވިދާޅުވީ، އުފެއްދުންތެރި ގޮތަކަށް އެ މައްސަލަ ހައްލުކުރަން ސަރުކާރުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

https://wamco.com.mv/
tel:+9607331319