logo

ވޭޕުގެ ނުރަށްކާ ވަރަށް ބޮޑު: ޖީލެއް ހަލާކުވެދާނެ ކަމުގެ ބިރު އެބައޮތް: އާފިޔާ

profile

އައިޝަތު އިނާޝާ - 28 ސެޕްޓެމްބަރު 2024 - 12:00

ބާބު ޕްރޮގްރާމްގެ ތެރެއިން-   ޓޮބޭކޯ ކޮންޓްރޯލް ބޯޑުގެ މެމްބަރު އާފިޔާ އަބްދުލް އަޒީޒް: ފޮޓޯ އަސްލު ޓީވީ

ބާބު ޕްރޮގްރާމްގެ ތެރެއިން- ޓޮބޭކޯ ކޮންޓްރޯލް ބޯޑުގެ މެމްބަރު އާފިޔާ އަބްދުލް އަޒީޒް: ފޮޓޯ އަސްލު ޓީވީ

އީ ސިނގިރޭޓު ނުވަތަ ވޭޕު އާންމުވުމުގެ ސަބަބުން ޖީލެއް ހަލާކުވެގެން ހިނގައިދާނެ ކަމުގެ ބިރު ބޮޑު ކަމަށާއި، އޮތް ހައްލަކީ ވަގުތުން ވަގުތަށް ވޭޕު ބޭން ކުރުން (މަނާކުރުން) ކަމަށް ޓޮބޭކޯ ކޮންޓްރޯލް ބޯޑުގެ މެމްބަރު އާފިޔާ އަބްދުލް އަޒީޒް ވިދާޅުވެއްޖެ

އަސްލުޓީވީގެ ބާބު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އާފިޔާ ވަނީ ސްކޫލްތަކުގައި ކިޔަވަމުންދާ ކުޑަ ކުދިންވެސް ވޭޕު ބޭނުން ކުރަމުންދާ ކަން ފާހަގަ ކުރައްވާފައެވެ.

އާފިޔާ ވިދާޅުވި ގޮތުގައި، ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ދުންފަތުން އިސްތިއުމާލުކުރާ މީހުންގެ އުމުރު މިހާރު ވަނީ 9 އަހަރަށް ވެއްޓިފައެވެ . 9 އަހަރުގެ ތުއްތު ކުދިންވެސް ސްކޫލްތެރޭގައި ވޭޕު ބޭނުން ކުރާ ކަމުގެ މައްސަތައް ފެންމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުޑަކުދިންނަށް އެކުދިންގެ ގާނޫނުން މުޅި ދުނިޔޭގައި ރައްކާތެރިކަން ދީފައިވާކަން ފާހަގަ ކުރައްވައި އާފިޔާ ވިދާޅުވީ، މި ގައުމުގެ ޅަ ދަރިން ރައްކާތެރި ކުރުމަކީ މުޅި މުޖުތަމައުގެ ޒިންމާއެއް ކަމަށެވެ.

އަޅުގަނޑުމެންގެ ދަރިން، އަޅުގަނޑުމެންގެ ދަރިވަރުން، އަޅުގަނޑުމެންގެ ގައުމުގެ ކުޑަކުދިން ރައްކާތެރި ކުރުމަކީ އަޅުގަނޑުމެންގެ މުޅި މުޖުތަމައުގެ ޒިންމާއެއް. އަޅުގަނޑުމެންގެ ވެރިންގެ ޒިންމާއެއް. އަޅުގަނޑުމެންގެ މައިން ބަފައިންގެ ޒިންމާއެއް، އަޅުގަނޑުމެންގެ ކޮންމެ ފަރުދެއްގެ ޒިންމާއެއް. އާފިޔާ

ވޭޕު އަކީ މިހާތަނަށްވެސް އޭގެ ހަގީގަތް ހޯދިފައި ނުވާ އެއްޗެއްކަން ފާހަގަ ކުރައްވަމުން އާފިޔާ ވަނީ، ދުނިޔޭގެ 40 އަށް ވުރެގިނަ ގައުމުގައި ވޭޕު މަނާ ކޮށްފައިވާކަން ފާހަގަ ކުރައްވާފައެވެ. އެހެންކަމުން ރާއްޖޭގައި ވެސް ވޭޕު ބޭން ނުކުރެވެންވީ ސަބަބެއް ނެތްކަމަށް އޭނާ ވިދާޅުވިއެެވެ.

ހަގީގަތުގައިވެސް ބިރުވެރިކަން އެބައޮތް ކުޑަކުދިންގެ މުސްތަގްބަލާ ދޭތެރޭގައި. އަޅުގަނޑުމެން ކުއްޖަކު ސްކޫލަށް ފޮނުވާއިރު، ނޫންނަމަ އަޅުގަނޑުމެން ގޭތެރެއިން އެފަދަ މާހައުލެއް ކުދިންނަށް ކްރިއޭޓް ކޮށްދޭއިރު އަޅުގަނޑުމެން ވިސްނާލަން ޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުރި. އަސްލު ވޭޕު ބޭން ކުރުމުގެ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަވެގެންމިދަނީ ވޭޕުގެ ތެރެއަށް މަސްތުވާތަކެތި އަޅާފައި ކުޑަކުދިންނަށް ބޯން ދީ ކުޑަކުދިން އޭގެ ތެރެޔަށް ވައްދަމުންދާތީވެ. އާފިޔާ

އާފިޔާ ވިދާޅުވީ ސްކޫތަކުގެ ބައެއް ދަރިވަރުންނަށް ޓާގެޓްކުރެވިގެން ކޮންމެވެސް ސަބަބަކާހެދި ވޭޕު ދެމުންދާ ކަމަށެވެ. އަދި ވޭޕުގެ ތެރެއަށް މަސްތުވާތަކެތި އަޅާފައިވެސް ކުދިންނަށް ދެމުންދާ ކަމަށް އާފިޔާ ވިދާޅުވިއެވެ.

އާފިޔާ ވިދާޅުވީ މިއީ ވަރަށް ބޮޑަށް ރޭވިގެން ކުރިޔަށް ގެންދެވޭ ކަމެއް ކަމަށެވެ.

މީގެ ކުރީގައި ރާއްޖޭގައި ޑްރަގް އެޑިކްޓުންގެ ގޮތުގައި ތިބީ 9،000 މީހުންކަން ފާހަގަ ކުރައްވަމުން އާފިޔާ ވިދާޅުވީ މިއަދު އެ އަދަދު ދެގުނައަށް ބޮޑު ވެފައިވާ ކަމަށެވެ.

މިކަމުގެ ސަބަބުން ކުރިޔަށް އޮތް ޖީލު ހަލާކުވެގެން ހިނގައިދާނެ ކަމުގެ ނުރައްކާ ބޮޑު ފާހަގަ ކުރައްވަމުން އާފިޔާ ވިދާޅުވީ، ކުޑަކުދިންނާއި އަންހެނުންވެސް ވޭޕު ބޭނުން ކުރާ މިންވަރުން ނިސްބަތުން ވަރަށް ބޮޑަށް އިތުރު ވެފައި ކަމަށެވެ. މިކަމުގެ ސަބަބުން އިހުސާސްވެސް ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުތަކެއް ގައުމަށް ކުރިމަތިވުމުގެ ފުރުސަތު އެބައޮތް ކަމަށް އާފިޔާ ވިދާޅުވިއެވެ.

ވޭޕު ބޭނުން ކުރުމުގެ ސަބަބުން އަންހެންނުން ދަރިމައިވުމަށް ހުރަސް އެޅޭކަން ފާހަގަކުރައްވާ އާފިޔާ ވިދާޅުވީ، ކުޑަކުދިން މިކަމުގެ ތެރެޔަށް ވައްދަމުންދަނީ އެކުދިންނަށް މިއީ ކޮންއެއްޗެކަންވެސް ނޭނގޭ ހާލުގައި ކަމަށެވެ.

އާފިޔާގެ ވާހަކައިގައި ކުރިޔަށް ރަނގަޅު ޖީލެއް ބިނާކުރުމަށް ރާއްޖެއިން ކޮންމެހެންވެސް ވެޕު ބޭން ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319