logo

ވޭޕު މަނާކުރަންދެން ޑިއުޓީ ބޮޑުކުރަން ހުށަހަޅައިފި

profile

ޝުރުފާ މުހައްމަދު - 20 އޮކްޓޯބަރު 2024 - 23:03

ރައްޔިތުންގެ މަޖިލީހުގެ ތަޅުން --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ތަޅުން --- ފޮޓޯ: މަޖިލިސް

ރާއްޖެ އަށް ވޭޕް އެތެރެކޮށް ވިއްކުން މަނާކުރަންދެން ވޭޕުން ނަގާ ޑިއުޓީ ބޮޑުކުރަން، ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ހުށަހަޅާ އެ ބިލް މަޖިލިހަށް ހުށަހަޅުއްވަނީ މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް މުހައްމަދެވެ.

މި އިސްލާހުގައި ހިމަނާފައި ވަނީ އީ-ސިނގިރޭޓަށް ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންކުރާ އެ ނޫން ވެސް އާލާތްތަކަށް އަޅާ ފްލޭވާ އާއި ކެމިކަލް އިން ނަގާ ޑިއުޓީ %50 ބޮޑުކޮށް، މިލިލީޓަރަކަށް 8ރ. ނެގުމަށެވެ. އަދި އީ-ސިނގިރެޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި ޓޮބޭކޯ ހީޓިން ޕްރޮޑަކްޓްތައް ނުވަތަ އާލާތްތަކާއި އެ ތަކެތީގެ ބައި ބަޔަށް ނަގާ ޑިއުޓީ %200 ބޮޑުކުރުމަށް ވެސް ހުށަހަޅާފައިވެ އެވެ.

މެމްބަރު މި ބިލު ހުށަހަޅުއްވާ އިރު، ރާއްޖެއަށް ވޭޕް އެތެރެކުރުން ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ. އެހެން މެމްބަރުގެ މި ބިލާ ގުޅޭގޮތުން ބައެއް ފާޑުކިޔުންތައް އަމާޒުވެފައިވާތީ އެކަން ސާފުކޮށްދެއްވާ އެޓަރނީ ޖެނެރަލް އަހުމަދު އުޝާމު ވިދާޅުވީ ރައީސް މުއިއްޒު ނިންމަވާފައި ވަނީ ނޮވެމްބަރު އެއްވަނަ ދުވަހުން ފެށިގެން ދުންފަތުގެ ޑިއުޓީ ބޮޑުކުރަން ކަމަށެވެ. އަދި ނޮވެމްބަރު 15 އިން ފެށިގެން ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖެ އެތެރެކުރުން މަނާކުރުމަށް ކަމަށާއި ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ 1 ނޮވެމްބަރުން ފެށިގެން 15 ނޮވެމްބަރު މި މުއްދަތުގެ ތެރޭގައި އެތެރެކުރާ ވޭޕްކުރުމަށް ބޭނުންކުރާ ތަކެތީގެ ޑިއުޓީ ބޮޑުކުރުމަށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށް ވިދާޅުވި އެވެ.

މަޖިލީހަށް މި އިސްލާހު ހުށަހަޅާފައިވާއިރު، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ އަންނަ ޑިސެމްބަރު މަހުން ފެށިގެން ބޮޑުކުރަން ނިންމާ އެކަމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް މަޖިލީހަށް ހުށަހެޅުމަށް ވެސް ރައީސް ވަނީ ނިންމަވާފަ އެވެ. އެގޮތުން ދުންފަތުގެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ އަންނަ މަހުން ފެށިގެން 8 ރުފިޔާ އަށް ބޮޑުކުރުމަށް އެމަނިކުފާނު ވަނީ ނިންމަވާފަ އެވެ. މިއާ އެކު ކޮންމެ ސިނގިރޭޓަކުން 5ރ. ބޮޑުވާނެ އަދި މިހާރު ސިނގިރޭޓު ފޮއްޓެއް ގަންނަން ލިބޭ އަގަށް ވުރެ 100ރ. ބޮޑުވާނެ އެވެ.

https://int.etukuri.mv/
tel:+9607331319