ފަސް އަހަރު ދުވަހަށް ފަހު ރާއްޖޭގައި ނަޞްރުގެ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.
މިއަހަރުގެ ނަޞްރުގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ވަނީ ދުރާލައި ތައްޔާރުވެ ގިނަ ހަރަކާތްތަކެއް ހިންގާފައެވެ. މީގެ ތެރޭގައި ސިފައިން ކުރިއަށް ގެންދިޔަ އަސްކަރީ ހަރަކާތްތަކާއި މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖުން ކުރިއަށް ގެންދިޔަ ރަސްމީ އިހްތިފާލުތައް ފާހަގަކޮށްލެވެއެވެ.
އަދި ސަރުކާރުގެ ވުޒާރާތަކާއި ވަކިވަކި މުއައްސަސާތަކާއި ސަރުކާރާ ގުޅުންހުރި އިދާރާތަކުން، އަތޮޅު، ރަށު، އަދި ޖަމާއަތުގެ ފެންވަރުގައި ހަރަކާތްތައް އިންތިޒާމުކޮށް ކުރިއަށް ގެންދިޔަކަން ފާހަގަކުރެވެއެވެ.
ރާއްޖޭގެ 36 ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ހަރަކާތްތައް ފަށާފައިވަނީ ނޮވެމްބަރު ތިނެއްގައި ބޮޑު ޖަމާޢަތުގައި ކުރި ފަތިސްނަމާދުންނެވެ. އެއަށްފަހު ނޮވެމްބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު ވަަނީ ބާއްވާފައެވެ.
ތިނެއް ނޮވެމްބަރުގެ ހަނދާނީ ބިނާ ސަރަހައްދުގައިހެނދުނު 06:00 ގައި ބޭއްވި މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒުއެވެ.
އަސްކަރީ ހަރަކާތް ބައްލަވާލެއްވުމަށް ރައީސް ބައިވެރިވެވަޑައިގަތުން
މި ރަސްމިއްޔާތުގައި ދިދަ ޖަހައި، ގާޑު މައުންޓްކޮށްފައި ވަނީ ދިދަ ޕާޓީގައި ހިމެނޭ ސިފައިންނެވެ. ދިދަވެރިން ދިދަ ޖަހައި، ގާޑު މާއުންޓް ކުރުމުން ނޮވެމްބަރު ތިނެއްގެ ޢުދުވާނީ ހަމަލާގައި ޝަހީދުވި ޤައުމީ ބަޠަލުންގެ ހަނދާނުގައި ހަތް ބަޑީގެ ސަލާމެއް އަރުވައި، ހިމޭންކަމުގެ ސުކޫތެއް ވަނީ ގެނެސްފައެވެ. އަދި މީގެ އިތުރުން ދުވަހާގުޅިގެން ޚާއްޞަ ދުޢާއެއް ވަނީ ކޮށްފައެވެ.
ދުވަސް ފާހަގަކުރުމުގެ ގޮތުން ވެރިރަށް މާލޭ ސިޓީގައި ދެން އޮތީ " ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު" ހުޅުވުމެވެ. ނޭޝަނަލް އާޓް ގެލަރީގައިފެށި މިމައުރަޒު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒެވެ.
އާންމުކޮށް ހުޅުވާލި މައުރަޒު ޚާއްޞަކޮށްފައިވަނީ 1988 ނޮވެންބަރު 3 ވަނަ ދުވަހުގެ ޢުދުވާނީ ހަމަލާގައި ޝަހީދުވެ ދިޔަ، ޝަހީދުންގެ ޒިކުރާއާއި ދިވެހިންނަށް ލިބުނު ނަޞްރާއި ކާމިޔާބީއަށެވެ. މި މައުރަޒަށް ވަޑައިގަންނަވާ ފަރާތްތަކަށް، ރާއްޖެއަށް އެ ދުވަހުގެ ޢުދުވާނު ހަމަލާތައް ފެށި ވަގުތުން ފެށިގެން ދިވެހިންނަށް ނަޞްރު ލިބުމާ ހަމައަށް ހިނގައިދިޔަ ކަންތައްތަކުގެ ވަގުތު ފީތާއެއް ގޮތަށް ސިފަ ކޮށްލެވޭނެ ގޮތަށް ކުރެހުންތަކާއި، ފޮޓޯތަކާއި، ހަމަލާގައި އެކުލެވިފައިވާ ބައެއް ޢަސްލު އާލާތްތަކާއި، އަޑާއި މަންޒަރާއި، އަދި ލިޔުންތައް ވަނީ ހިމަނާފައެވެ. އަދި، ދިވެހި ސިފައިންނާއި ދިވެހިން ވީ ޤުރުބާނީއާއި ދެއްކި ގަދަހިތްވަރު، މި މައުރަޒުން ތަޞައްވުރުކޮށްލެވޭނެއެވެ.
ނަޞްރުގެ ދުވަހުގެ ހަވީރު، ދިވެހި ގައުމީ ދިފާއީ ބާރު، އެމްއެންޑީއެފުން ޖުމްހޫރީ މައިދާނުގައިސިފައިންގެ އަސްކަރީ ހަރަކާތްތަކެއް ކުރިއަށް ގެންދިޔައެވެ.
މޫސާ އަލީ ޖަލީލަށް ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް ވަނީ އަރުވާފަ
އަސްކަރީ ހުށަހެޅުމުގެ ހަރަކާތް ފެށުމުގެ ކުރިން، ދިވެހި ސިފައިން ވަނީ، ރައީސުލްޖުމްހޫރިއްޔާއަށް އަސްކަރީ ކުރުނީހެއް އަރުވައިފައެވެ. އެއަށްފަހު، ސިފައިންގެ އެހާރާއި މިހާރުގެ ހާލަތު ދައްކުވައިދޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދެއްކިއެވެ.
އެ ހަރަކާތުގައި، ދިވެހި ގައުމީ ދިފާއީ ބާރުން ކުރިއަށް ގެންދިޔަ ހާއްސަ އަސްކަރީ ހުށަހެޅުންތަކުގައި، ދިވެހި ސިފައިންގެ ސްޕެޝަލް ބޯޓް ސްކޮޑްރަން ހަރަކާތްތެރިވާ ގޮތާއި، ސްޕެޝަލް ބޯޓް ސްކޮޑްރަންގެ އަންޑ ވޯޓާ ޑިމޮލިޝަން ވީޑިއޯއެއްގެ އިތުރުން، ސްޕެޝަލް ފޯސަސްގެ ހަރަކާތްތަކާއި، ރެޕަލިންގްގެ ހަރަކާތްތަކާއި ކައުންޓާ އެޓޭކެއްގެ މައިދާނީ ހަރަކާތްތަކެއް ދައްކުވައިދިނެވެ. އޭގެ އިތުރުން، އެއާ ފޯސް ކޭޕަބިލިޓީސް، މެރިޓައިމް ކޭޕަބިލިޓީސް އަދި ލޭންޑް ފޯސް ކޭޕަބިލިޓީސްގެ އަސްކަރީ އަދި ހެވިކަމުގެ ހަރަކާތްތައް ވެސް ކުރިއަށްގެންދިޔައެވެ. އަސްކަރީ ޙަރަކާތްތައް ނިންމާލާފައި ވަނީ، މިލިޓަރީ ބޭންޑްގެ ފަރާތުން ހުށަހަޅައިދިން ލަވަޔަކުންނެވެ. އެއަށްފަހު، ސްޕެޝަލް ބޯޓް ސްކޮޑްރަންއާއި ސްޕެޝަލް ފޯސަސްގެ ކޯހުން ގްރެޖުއޭޓްވި ދަސްވެނިންނަށް ބެރޭ ހަވާލުކޮށްދިނެވެ. ދަސްވެނިންނަށް ބެރޭ ހަވާލުކޮށްދެއްވީ ރައީސްއެވެ.
ސިފައިންގެ އަސްކަރީ ހުށަހެޅުމުގެ އެ ހަރަކާތްތައް ނިންމައިލުމުގެ ގޮތުން، ހަނދާނީ ގުރޫޕު ފޮޓޯއެއް ނެންގެވިއެވެ. ރައީސްގެ އަރިހުގައި، ދިފާއީ ވަޒީރާއި ދިވެހި އަސްކަރިއްޔާގެ އިސް އޮފިސަރުން އެ ފޮޓޯގައި ބައިވެރިވެވަޑައިގަތެވެ.
ނަސްރުގެ ދުވަހު އެންމެ ހާއްސަ ކަމަކަށް އޮތީ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާއެވެ.
އެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ނިޝާން ޢަސްކަރީގެ ވެރިކަމުގެ ޢިއްޒަތް، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް އަރުވައިފައެވެ.
ނަސްރުގެ ދުވަހުގެ ޚާއްސަ ޖަލްސާގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވާހަކަފުޅުދައްކަވަނީ---- ފޮޓޯ ރައީސް އޮފީސް
މި ޢިއްޒަތް، ނ.ޢ.ވ. މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ، ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ޢަސްކަރީ ގޮތުން ކުރެއްވި އަގުހުރި ޚިދުމަތްތަކާއި، ޤައުމުގެ އިސްތިޤްލާލާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކޮށްދެއްވި މަސައްކަތްޕުޅުތަކާއި، ޚާއްޞަކޮށް، 1988 ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލާއާ ގުޅިގެން، ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި އެމަނިކުފާނު ކުރެއްވި މަތިވެރި ޖިހާދުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ.
މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި، ނޮވެމްބަރު ތިނެއްގެ އުދުވާން ހިންގިއިރު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމްގެ ދެކަނބަލުން ބައިވެރިވެވަޑައިގަތެވެ.
މޫސާ އަލީ ޖަލީލަށް ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް ވަނީ އަރުވާފަ
މިއީ ފާއިތުވި ފަސް އަހަރުގެ މެދުކެނޑުމަކަށް ގައުމީ ފެންވަރުގައި ގުލަގަދަކޮށް ނަޞްރުގެ ދުވަސް ފާހަގަކުރި ފަހަރެކެވެ.
2018ވަނަ އަހަރުން ފެށިގެން މިހާ ހަމައަށް ނަޞްރުގެ ދުވަހަގެ ކުލަ ވަނީ ވަރަށް ބޮޑަށް ފަނޑުވެފައެވެ. ދިވެހިން ޒަމާނުއްސުރެ ފާހަގަކުރަމުން އައި ނަޞްރުގެ ދުވަސް ފާހަގަކުރުން އޮތީ ހުއްޓިފައެވެ.
ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ކަންކޮޅުތަކުގައި ބާއްވަމުން އައި ޚާއްސަ ރަސްމިއްޔާތުތައް ހުއްޓިފައެވެ. ޤައުމީ ދިފާޢީ ބާރުން މިދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައި ނުގަންނަވައެވެ. ދިވެހިންނަށް ލިބުނު ނަޞްރުގެ ވާހަކަ ދައްކާލަންވެސް ކެރިވަޑައިނުގަތެވެ.