logo

ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޝަހީދުންގެ ބިނާގައި ދިދަ ޖެހުމުގެ ރަސްމިއްޔާތު ބާއްވައިފި

profile

އައިމިނަތު ރޫޔާ - 03 ނޮވެމްބަރު 2024 - 12:00

ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޝަހީދުންގެ ބިނާގައި ދިދަ ޖެހުމުގެ ރަސްމިއްޔާތު ބާއްވައިފި-- ފޮޓޯ: ރައީސް އޮފީސް

ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޝަހީދުންގެ ބިނާގައި ދިދަ ޖެހުމުގެ ރަސްމިއްޔާތު ބާއްވައިފި-- ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގެ ފަޚުރުވެރި 36 ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާ ސަރަހައްދުގައި މިއަދު ހެނދުނު 06:00 ގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި ރަސްމިއްޔާތުގައި ދިދަ ޖަހައި، ގާޑު މައުންޓްކޮށްފައި ވަނީ ދިދަ ޕާޓީގައި ހިމެނޭ ސިފައިންނެވެ. ދިދަވެރިން ދިދަ ޖަހައި، ގާޑު މާއުންޓް ކުރުމުން ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާގައި ޝަހީދުވި ޤައުމީ ބަޠަލުންގެ ހަނދާނުގައި ހަތް ބަޑީގެ ސަލާމެއް އަރުވައި، ހިމޭންކަމުގެ ސުކޫތެއް ވަނީ ގެނެސްފައެވެ. އަދި މީގެ އިތުރުން ދުވަހާގުޅިގެން ޚާއްޞަ ދުޢާއެއް ވެސް ވަނީ ކޮށްފައެވެ.

އެމްއެންޑީއެފް އިން ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްއާއި، ސަރުކާރުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޡްގެ އިތުރުން ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ސިފައިންގެ އިސްރަށްވެހިންނާއި ސީނިއަރ އޮފިސަރުންނާއި އަދި އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ގިނަ ހަރަކާތްތަކެއް ބޭއްވުމަށް އެމްއެންޑީއެފް އިން ވަނީ ނިންމާފައެވެ.

މިގޮތުން ނަޞްރުގެ ދުވަހުގެ އިހުތިފާލުތައް ފަށާފައިވަނީ ސިފައިން އެއްޖަމާޢަތެއްގައި ކުރި ފަތިސް ނަމާދުންނެވެ.

އިސްލާމީ މަރުކަޒުގައި ޖަމާޢަތުގައި ކުރެވުނު ފަތިސް ނަމާދުގައި ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑރ.މުޙައްމަދު މުޢިއްޒުއާއި ދިފާޢީ ވަޒީރު، އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫންއާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ޖެނެރަލް އޮފިސަރުންނާއި، އޮފިސަރުންގެ އިތުރުން ގިނަ އަދަދެއްގެ ސިފައިންނާއި އާންމުން ބައިވެރިވިއެވެ..

https://int.etukuri.mv/
tel:+9607331319