logo

މާލޭ މަގު ހެދުމުގެ ސާވޭއަކަށް ޗައިނާ ވަފުދެއް ރާއްޖެއަށް

profile

ޒިދާން މުޙައްމަދު - 05 ނޮވެމްބަރު 2024 - 13:15

މާލެ ސިޓީގެ މަގު ހެދުމުގެ ފީސިބިލިޓީ ސްޓަޑީ ހެދުމަށް ޗައިނާ ވަފުދެއް ރާއްޖެ އަތުވެއްޖެއެވެ.

ފީސިބިލިޓީ ސްޓަޑީއަކީ މަގުތައް ތަރައްގީކުރުމަށް، ޑިޒައިނެއް ހެދުމުގެ ކުރިން ހަދަން ޖެހޭ ސާވޭއެކެވެ. މި ސާވޭ ހެދުމަށް ޗައިނާގެ ވަފުދު ނޮވެމްބަރު 3 ގައި ރާއްޖެ އައިސްފައިވާއިރު، އެމީހުންނާއެކު އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ މުވައްޒަފުން ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.

ޗައިނާއިން ރާއްޖެއައި މާހިރުންގެ ވަފުދުން، މިމަހު 5 އިން 21 އަށްސްޓޭކްހޯލްޑަރުންގެ މަޝްވަރާތަކާއި، ސައިޓް ސާރވޭތަކާއި، ޑޭޓާ އެއްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެއެވެ.

ފުރަތަމަ މަޝްވަރާ ބައްދަލުވުމުގައި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ މިނިސްޓަރ އޮފް ސްޓޭޓް އިބްރާހިމް ތޮޢާމް މުޙައްމަދާއި މިނިސްޓްރީގެ ޓެކްނިކަލް ޓީމުގެ ބައެއް މުވައްޒަފުން ބައިވެރިވެވަޑައިގެންފައިވެއެވެ.

ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވެވި ދަތުރުފުޅުގައި މާލޭގެ މަގުތަކާއި ވިލިމާލޭގެ މަގުތަށް ތަރައްގީކުރުމަށް ޗައިނާ ސަރުކާރާއެކު މަޝްވަރާކުރައްވާފައިވެއެވެ. ޗައިނާ ސަރުކާރުން ރާއްޖެއަށް ދޭން ނިންމާފައިވާ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން މި މަސައްކަތް ކުރުމަށް އެ ގައުމުން އެއްބަސްވެފައިވެއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ގައު ޖަހައިގެން ހަދާފައިވާ މާލޭގެ މަގުތަކުގެ ހާލަތު އިންތިހާއަށް ގޯހެވެ. އަޑިގުޑަންތަކުގެ ސަބަބުންނާއި ވާރޭ ވެހިއްޖެނަމަ ފެން ބޮޑުވުމުގެ ސަބަބުން މަގުތައް ބޭނުން ކުރާ ފަރާތްތަކަށް ގިނަ ދަތިތަކެއް ކުރިމަތިވެއެވެ.

މާލޭގެ މަގުތަކުގެ ތެރެއިން ބޮޑުތަކުރުފާނު މަގުގެ ބައެއް އަދި އަމީނީމަގު ފިޔަވައި ތާރުއަޅައިގެން އެއްވެސް މަގެއް ހަދާފައެއް ނުވެއެވެ.

އެހެންކަމުން މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަކީ ރައީސްޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

https://int.etukuri.mv/
tel:+9607331319