
ނޮވެމްބަރު 13 ގައި ރަސްމާލެ މަޝްރޫއު ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމާ ދެކޮޅަށް ބޭއްވި އެއްވުމުގެ ތެރެއިން---
މޫސުން ތަންނުދިނުމުގެ ސަބަބުން "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުގެ މިރޭގެ އެއްވުން ފަސްކޮށްފި

ޖިނާން ޙުސައިން ޖަބީން - 20 ނޮވެމްބަރު 2026 - 14:03
ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި ސަރުކާރުން ހިންގުމަށް ނިންމާފައިވާ މެރީނާ މަޝްރޫއާ ދެކޮޅަށް އަޑުއުފުލުމަށް، "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުގެ ފަރާތުން މިރޭ ބޭއްވުމަށް ހަމަޖެހުނު ސުލްހަވެރި އެއްވުން މޫސުން ތަންނުދިނުމުގެ ސަބަބުން ފަސްކޮށްފިއެވެ.
މިކަން ހާމަކުރައްވައި، މި ހަރަކާތް އިންތިޒާމުކުރުމުގައި އިސްކޮށް އުޅުއްވާ ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ، ހުޅުމާލޭގައި މިރޭ ކުރިއަށްގެންދަން ރޭވި އެއްވުން ފަހުގެ ތާރީހަކަށް ފަސްކުރަން ޖެހުނީ މޫސުމީ ގޮތުން ކުރިމަތިވި ހާލަތުގެ ސަބަބުން ކަމަށެވެ. މީގެއިތުރުން، މި ހަރަކާތަށް އެކި ގޮތްގޮތުން އެހީތެރިވެ، ދެއްވަމުން ގެންދަވާ އެއްބާރުލުމަށްޓަކައި އެންމެހައި ރައްޔިތުންނަށް އޭނާ ވަނީ ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.
"ރަތް ރޮނގު" ގެ ނަމުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިރޭ 9:00 ގައި ބޭއްވުމަށް ތައްޔާރުވި މި އެއްވުމަކީ، މީގެ ކުރިން މާލޭގައި އެ ހަރަކާތުގެ ފަރާތުން ބޭއްވި މިފަދަ އެހެނިހެން ހަރަކާތްތަކެކޭ އެއްފަދައިން ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވާނެ ކަމަށް ބެލެވުނު ހަރަކާތެކެވެ. މި ހަރަކާތް އިންތިޒާމުކުރާ ފަރާތްތަކުން އަދި އިދިކޮޅު ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ދިގު މުއްދަތަކަށް ބިން ދިނުމަކީ ރާއްޖޭގެ އިގުތިސާދީ މިނިވަންކަމަށާއި ދިވެހި ރައްޔިތުންގެ ހައްގުތަކަށް އުނިކަން ލިބިގެންދާނެ ކަމެކެވެ.
މިކަމާ ގުޅޭގޮތުން ސަރުކާރުގެ ފަރާތުން ހާމަކުރައްވާފައިވަނީ، ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ އިގުތިސާދު ސިންދަފާތުކޮށް، ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން ބޮޑެތި އިންވެސްޓްމަންޓްތަކެއް ގެނައުމަށްޓަކައި ހިންގޭ މުހިންމު މަޝްރޫއެއް ކަމަށެވެ. އަދި މިފަދަ މަޝްރޫއުތަކުގެ ސަބަބުން ގައުމަށް އިގުތިސާދީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބި، ގިނަ ވަޒީފާތަކެއް އުފެދިގެންދާނެ ކަމަށް ވެސް ސަރުކާރުން ބަޔާންކުރެއެވެ.
މޫސުމީ ގޮތުން ކުރިމަތިވި ހާލަތުގެ ސަބަބުން މިރޭގެ އެއްވުން ފަސްކުރި ނަމަވެސް، މި ހަރަކާތް ދެން ބާއްވާނެ ވަކި ތާރީހެއް ގައުމީ ހަރަކާތުގެ ފަރާތުން އަދި ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ. އެހެންނަމަވެސް، މޫސުން ތަންދިން އެންމެ އަވަސް ފުރުސަތެއްގައި މި އެއްވުން ބާއްވާނެ އައު ތާރީހެއް އާންމުކުރާނެ ކަމަށް ބެލެވެއެވެ.
ގުޅުން ހުރި ޙަބަރުތައް

މުއްތަލިބް އެއުޅެނީ މަޖިލިސް ނަޖިސް ކުރަން: އިމްރާން
8 ގަޑިއިރު ކުރިން

"މިވަގުތު ކުރެވެން އޮތް ކަމަކީ މި ގައުމަށް ޔަހޫދީން އެތެރެވެވޭނެ ދޮރުތައް ބަންދުކުރުން"
9 ދުވަސް ކުރިން

ރާއްޖޭގައި އޮތް ވެރިކަން ހިންގުމުގެ ނިޒާމަކީ ވަރަށް ފުރިހަމަ ނިޒާމެއް : އައިބީ
2 އަހަރު ކުރިން

ޕްރިފަރެންޝަލް ވޯޓިންގ ނިޒާމެއް ރާއްޖެއަށް ގެނައުމަކީ ހިކިދިޔައިގައި ފަރުމައްޗަށް އޮޑިބޭލުން ކަހަލަކަމެއް: ބޮންޑެ
2 އަހަރު ކުރިން


