logo
ރައީސް މުހައްމަދު މުއިއްޒު---

ރައީސް މުހައްމަދު މުއިއްޒު---

ރަސްމާލެ މަޝްރޫއާ ގުޅިގެން ރައްޔިތުންގެ ހިޔާލު ހޯދަން ފެންނަ ނުފެންނަ ވޯޓެއް ނުނަގާނަން: ރައީސް

profile

ޖިނާން ޙުސައިން ޖަބީން - 09 ނޮވެމްބަރު 2026 - 09:27

މި ސަރުކާރުން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއާ ގުޅިގެން، ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ އެއްވެސް ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާނެތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، މިކަމަކީ ފެންނަ ނުފެންނަ ވޯޓަކާ ހަމައަށް ދާންޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި މި މަޝްރޫއުގެ ހުރިހާ މަރުހަލާއެއްވެސް ކުރިއަށް ގެންދާނީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫއާ ގުޅިގެން އެކުލަވާލާފައިވާ ބިލަކީ ދިވެހި ރައްޔިތުންގެ އެންމެހައި ހައްގުތަކާއި، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ފުރިހަމައަށް ރައްކާތެރިކުރެވޭނެ ގޮތަށް އެކުލަވާލެވިފައިވާ ބިލެކެވެ. ހަމައެއާއެކު، ސަރުކާރުގެ މައިގަނޑު އަމާޒަކީ ދައުލަތަށާއި ރައްޔިތުންނަށް ފައިދާވާނެ ގޮތަށް، ގާނޫނީ އިމުގެ ތެރެއިން މި މަޝްރޫއު ކުރިއަށް ގެންދިއުން ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް މި މޭރުމުން ވިދާޅުވެފައިވާއިރު ފާހަގަކޮށްލަންޖެހޭ ކަމަކީ، ރަސްމާލޭގައި އީގަލް ހިލްސް ކުންފުނިން ހިންގާ މަޝްރޫއާ މެދު ރައްޔިތުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ. އެގޮތުން، މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް ގޮވާލައި ގިނަ ބަޔަކު އަޑުއުފުލަމުން ދަނީ، އެ ކުންފުނީގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޔަހޫދީންނާ ގާތް ގުޅުމެއް ބާއްވައި، އެމީހުންނަށް ވާގިވެރިވާ ފަރާތެއް ކަމަށްވާތީއެވެ. މި މަޝްރޫއާ މެދު ރައްޔިތުންގެ ކަންބޮޑުވުންތަކެއް އޮތް ނަމަވެސް، ސަރުކާރުން ނިންމާފައިވަނީ މަޝްރޫއު ކުރިއަށް ގެންދިއުމަށެވެ.

ރައީސް މުއިއްޒު މި މޭރުމުން ވިދާޅުވެފައިވީ ނަމަވެސް، މިހިނގާ ނޮވެމްބަރު މަހުގެ 13 ވާ ހުކުރު ދުވަހުގެ ރޭ، މި މަޝްރޫއާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށްޓަކައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުގެ ފަރާތުން ބޮޑު އެއްވުމެއް މާލެ ސިޓީގައި ބޭއްވުމަށް ވަނީ ނިންމަވާފައެވެ. މި އެއްވުމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ރައްޔިތުން ބައިވެރިވާނެ ކަމަށް ބެލެވެއެވެ.

https://wamco.com.mv/
tel:+9607331319