
ގައުމީ ހަރަކާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން---
ރަސްމާލެ މަޝްރޫއާ ދެކޮޅަށް ބާއްވާ ބޮޑު އެއްވުން މި މަހުގެ 13 ވަނަ ދުވަހަށް ފަސްކޮށްފި

ޖިނާން ޙުސައިން ޖަބީން - 04 ނޮވެމްބަރު 2026 - 14:38
ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ މެރީނާ މަޝްރޫއާ ދެކޮޅަށް، ގައުމީ ހަރަކާތުން އިންތިޒާމުކުރާ ބޮޑު އެއްވުން މި ހިނގާ ނޮވެމްބަރު މަހުގެ 13 ވާ ހުކުރު ދުވަހަށް ފަސްކޮށްފިއެވެ.
މި އެއްވުން ބޭއްވުމަށް ކުރިން ތާވަލުކޮށްފައި އޮތީ މި މަހުގެ ހަވަނަ ދުވަހުއެވެ. ނަމަވެސް، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ، އެއްވުން ފަސްކުރަން ނިންމީ އެމްޑީޕީން މި ހަރަކާތާ ގުޅުމާ ގުޅިގެން، ހަރަކާތް އިތުރަށް ވަރުގަދަކޮށް ފުރިހަމައަށް ތައްޔާރުވުމުގެ ގޮތުން ކަމަށެވެ.
މި މައްސަލައާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރި ގަރާރަށް އިޝާރާތްކުރައްވަމުން އިމްރާން ވިދާޅުވީ، މިއީ ރަސްމާލެ މަޝްރޫއު އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތް ހުއްޓުވުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އަދި މި މައްސަލައިގައި ރައްޔިތުންގެ ކަންބޮޑުވުންތަކާއި ފާޑުކިޔުންތައް އިތުރުވަމުންދާތީ، ސަރުކާރަށާއި އީގަލް ހިލްސް ކުންފުންޏަށް މިހާރު ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އިމްރާން ތުހުމަތުކުރެއްވި ގޮތުގައި މި މައްސަލައިގައި ސަރުކާރުން ފަހަތަށް ޖެހުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ވަކި ފަރާތަކާ ހަވާލުކުރެވިފައިވާ ފައިސާތަކެއްގެ މައްސަލައެވެ. އަދި އެ ފައިސާ ދައްކާނެ ގޮތެއް ސަރުކާރުގެ އިސްވެރިން އަމިއްލަފުޅަށް ހޯއްދަވަންޖެހޭނެ ކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު، ކުރިއަށް އޮތް ތަނުގައި އެކުލަވައިލެވޭ ވެރިކަމެއްގައި މި އެއްބަސްވުން ބާތިލުކުރާނެކަމުގެ ޔަގީންކަން ގައުމީ ހަރަކާތުން ދޭކަމަށާއި، ރައްޔިތުންގެ ރުހުމާ ހިލާފަށް މި މަޝްރޫއު ކުރިއަށްގެންގޮސްފިނަމަ، އެއްބަސްވުން ބާތިލުކުރުމުން އީގަލް ހިލްސްއަށް ލިބިދާނެ އެއްވެސް ގެއްލުމެއްގެ ބަދަލު ދައުލަތުން ނުދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދައުލަތުގެ ބަޖެޓުން ބޮޑު ހަރަދެއް ކޮށްގެން ހިއްކަމުންދާ ރަސްމާލޭގެ ފަސްސަތޭކަ ހެކްޓަރުގެ ބިން، އީގަލް ހިލްސް ކުންފުންޏަށް ދިނުމުގެ ވިޔަފާރި އެއްބަސްވުމުގެ ކޮމާޝަލް ޓާރމްސްގައި ސޮއިކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.
ގުޅުން ހުރި ޙަބަރުތައް

ޔަހޫދީންގެ އަތްމައްޗަށް ގައުމު ދާތަން ބަލަން ނުތިބެ، ގައުމު ދިފާއުކުރަން ނުކުތުމަށް އިމްރާން ގޮވާލައްވައިފި
2 ގަޑިއިރު ކުރިން

2028 ގައި ވެރިކަމަށް އަންނަ ވެރިއަކު ރަސްމާލެ މަޝްރޫއު ބާތިލްކުރާކަން ކަށަވަރުކުރާނަން: ޝެއިހް އިމްރާން
4 ދުވަސް ކުރިން

"ރަސްމާލެ މަޝްރޫއާ ގުޅިގެން ރެފަރެންޑަމްއަކަށް ނުގޮސްފިނަމަ މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަންޖެހޭ"
6 ދުވަސް ކުރިން

"ރަސްމާލެ މައްސަލައިގައި އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމި ނިންމުމަކީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ލިބުނު ތަސައްލީއެއް"
6 ދުވަސް ކުރިން


