
ރަސްމާލެ ވިއްކުން ހުއްޓުވަން ދެކެވޭ ވާހަކަތައް އޮއްބާލަން ނޫސްވެރިންނަށް ނުފޫޒު ފޯރުވަނީ!

ރިޟްވާން މޫސާ - 09 ނޮވެމްބަރު 2026 - 15:16
ރަސްމާލެ މަޝްރޫޢުގެ ތެރެއިން 500 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ބޭރުގެ ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ރައްޔިތުންނާއި ސިޔާސީ ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކުގެ އަޑު ކަނޑުވާލައި، އެކަން ހުއްޓުވުމަށް މީޑިއާތަކަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ އަޑުތަކެއް ފެތުރިއްޖެއެވެ.
މި މައްސަލައިގެ ކަންބޮޑުވުންތައް އިތުރަށް ގަދަވެގެން ގޮސްފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމާ ގުޅިގެންނެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މިއަދުގެ ބައްދަލުވުން އިންތިޒާމުކޮށް ގެންދިޔަ ގޮތުން ވެސް މި ނުފޫޒުތައް ވަރަށް ސާފުކޮށް ފެނިގެން ގޮސްފައިވެއެވެ.
އެގޮތުން، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޚަބަރު ފަތުރާ ދާއިރާގެ އިތުރުން ފިލްމީ ދާއިރާގައި މަސައްކަތްކުރާ ބައެއް ފަރާތްތައް ވެސް ބައިވެރިވެފައިވެއެވެ. އަދި ގާތްގަނޑަކަށް 26 ނޫސްވެރިއަކު ބައިވެރިވި މި ބައްދަލުވުމުގައި، ފާޑުކިޔާ މީޑިއާތަކުގެ ގިނަ ނޫސްވެރިންނަށް ސުވާލު ކުރުމުގެ އެއްވެސް ފުރުސަތެއް ދީފައެއް ނުވެއެވެ.
ސުވާލު ކުރުމުގެ ފުރުސަތު ލިބުނު މަދު ނޫސްވެރިންގެ ތެރެއިން ރަސްމާލޭގެ މައްސަލައިގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމާ ބެހޭގޮތުން ސުވާލު ކުރުމުގެ ފުރުސަތު ލިބުނީ އެންމެ ނޫސްވެރިއަކަށެވެ. އެ ސުވާލުގެ ޖަވާބުގައި ރައީސް މުޢިއްޒު ވަނީ، މިއީ އެއްވެސް ރައްޔިތަކަށް ކުރަން ފެންނަ ކަމެއްތޯ ނުވަތަ ނޫންތޯ ބައްލަވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.
ރަސްމާލޭގެ އަޑުތައް އޮއްބާލަން މަސައްކަތްކުރާ ކަމުގެ ތުހުމަތުތައް ފެންމަތިވެފައިވާއިރު، މި ފަހުން ދުބާއީގެ އީގަލް ހިލްސް ކުންފުނިން ދިން ދަޢުވަތަކަށް ރާއްޖޭގެ ގިނަ އަދަދެއްގެ ނޫސްވެރިން ވަނީ އެ ޤައުމަށް ގެންގޮސްފައެވެ. އެ ދަތުރުގައި ބައިވެރިވި ބައެއް ނޫސްވެރިން "އަސްލުޓީވީ" އަށް މަޢުލޫމާތު ދިން ގޮތުގައި، ދަތުރުގެ ތެރެއިން ކޮންމެ މީހަކަށް 5،000 އެމެރިކާ ޑޮލަރާއި އެންމެ ފަހުގެ އައިފޯނު ފަދަ އަގުބޮޑު ހަދިޔާތައް ވަނީ ދީފައެވެ.
ސިޔާސީ ދާއިރާގެ ގިނަ ފަރާތްތަކުން ދެކޭގޮތުގައި، ސަރުކާރުން އިސްވެ މިފަދަ ފުރުސަތުތައް ފަހިކޮށްދީގެން މަސައްކަތް ކުރަމުން ދަނީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރުގެ ބަޔަކަށް ވިއްކާލުން ހުއްޓުވުމަށް އާންމުން ކުރަމުންދާ އިހުތިޖާޖުތަކާއި ފާޑުކިޔުންތަކުގެ އަޑު މީޑިއާތައް މެދުވެރިކޮށް ކަނޑުވާލުމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ދިވެހި ރައްޔިތުންނަށް ހިއްސާ ލިބޭނެ ކަމަށް ބުނެ އައު ކުންފުންޏެއް އުފައްދައިފި
3 ގަޑިއިރު ކުރިން

ދަން ޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރަން ބިލް ހުށައަޅައިފި!
3 ގަޑިއިރު ކުރިން
.webp&w=3840&q=75)
ސައުދީގެ ރިޔާޟު ސިޓީއަށް ވައިގެ މަގުން ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ދީފި
4 ގަޑިއިރު ކުރިން

"ރަސްމާލެ މަޝްރޫއާ ގުޅިގެން ރައްޔިތުންގެ ހިޔާލު ހޯދަން ފެންނަ ނުފެންނަ ވޯޓެއް ނުނަގާނަން"
7 ގަޑިއިރު ކުރިން


