.webp&w=3840&q=75)
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟުގެ މަންޒަރެއް، ފޮޓޯ: ގަލްފް ޓައިމްސް
ސައުދީގެ ރިޔާޟު ސިޓީއަށް ވައިގެ މަގުން ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ދީފި

އާމިނަތު ޝަޒްލާ - 09 ނޮވެމްބަރު 2026 - 12:08
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟުގެ ވިޔަފާރި ސަރަހައްދަށް ދިން ހަމަލާއަކާ ގުޅިގެން، އެ ސިޓީގެ ރައްޔިތުންނަށް ވައިގެ މަގުން ކުރިމަތިވެދާނެ ނުރައްކަލަކަށް ސަމާލުވުމަށް ސައުދީ ކަމާބެހޭ ފަރާތްތަކުން ހޯމަ ދުވަހު ކުރު މުއްދަތަކަށް އިންޒާރު ދީފި ކަމަށް 'ގަލްފް ޓައިމްސް' އިން ރިޕޯޓްކޮށްފިއެވެ.
ކަމާބެހޭ އިދާރާތަކުން އާންމުކުރި އިންޒާރުގެ މެސެޖުގައި ބުނެފައިވަނީ، އެ ސަރަހައްދަށް ވައިގެ މަގުން ދުޝްމަނުންގެ ހަމަލާއެއް އަތުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. އެހެންކަމުން، ހާސްނުވެ ގޭތެރޭގައި ނުވަތަ ރައްކާތެރި ތަނެއްގައި މަޑުކުރުމަށާއި، ކުޑަދޮރުތަކާއި ދޮރުތަކާ ދުރަށް ޖެހިވަޑައިގެން ސިވިލް ޑިފެންސްގެ އިރުޝާދުތަކަށް ތަބާވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ނަމަވެސް، މި އިންޒާރު ދިންތާ މަދު މިނެޓުކޮޅެއްގެ ތެރޭގައި ވަނީ އަނބުރާ ގެންގޮސްފައެވެ.
މި އިންޒާރު ނެރެފައި މިވަނީ، ރިޔާޟުގެ ވިޔަފާރި ސަރަހައްދަށް އާދީއްތަ ދުވަހު ދިން ހަމަލާތަކަކާ ގުޅިގެންނެވެ. އެ ހަމަލާތަކުގެ ޒިންމާ ޔަމަނުގެ ހޫޘީން އުފުލާފައިވާއިރު، އެ ސަރަހައްދުގައި ހުރި ސައުދީގެ ގައުމީ ތެޔޮ ކުންފުނި ކަމަށްވާ އަރަމްކޯގެ އުސް އިމާރާތަކަށް ގެއްލުން ލިބިފައިވާ ކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެއެވެ. ސައުދީގެ ކަމާބެހޭ އިދާރާތަކުން ވެސް ވަނީ އެ އިމާރާތަށް ހަމަލާއެއް ދިނުމަށް މަސައްކަތް ކޮށްފައިވާ ކަން ކަށަވަރުކޮށްދީފައެވެ.
ފަހަކަށް އައިސް ހޫޘީން ދަނީ އަރަމްކޯގެ ތެޔޮ ޓޭންކަރުތަކާއި، ތެޔޮ ސާފުކުރާ ކާރުޚާނާތަކާއި، ގުދަންތަކުގެ އިތުރުން އެ ކުންފުނީގެ މައި އިދާރާއަށް ތަކުރާރުކޮށް ހަމަލާދެމުންނެވެ. ރަތްކަނޑުގެ އައްސޭރިފަށުގައި ތިބި ސައުދީން ތާއީދުކުރާ ސަރުކާރުގެ ސިފައިން އެ ސަރަހައްދުތަކުން ބޭރުކޮށްލުމަށްފަހު، ހޫޘީން ސައުދީއާ ދެކޮޅަށް ކުރަމުންދާ ހަރަކާތްތައް ވަރުގަދަކުރުމާ ގުޅިގެން، މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން އެ ގައުމަށް ދަނީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ހަމަލާތައް އަމާޒުވަމުންނެވެ.
ޔަމަނުގެ ދިގުލީ ދާޚިލީ ހަނގުރާމަ މެދުކަނޑާލުމަށް 2022 ވަނަ އަހަރު ގާއިމުކުރި ސުލްހައިގެ އެއްބަސްވުން މިދިޔަ ޖުލައި މަހު އުވިގެން ދިއުމާ ގުޅިގެން، ސައުދީ އަރަބިއްޔާއާއި ހޫޘީންނާ ދެމެދު ދަނީ ވަރުގަދައަށް ހަމަލާތައް ބަދަލުކުރެވެމުންނެވެ. މިގޮތުން، ހޫޘީން ދަނީ ސައުދީގެ އެއާޕޯޓްތަކަށާއި، އަސްކަރީ މަރުކަޒުތަކުގެ އިތުރުން ހަކަތަ އުފައްދާ މުހިންމު ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާތައް ފޮނުވަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ރަސްމާލެ ވިއްކުން ހުއްޓުވަން ދެކެވޭ ވާހަކަތައް އޮއްބާލަން ނޫސްވެރިންނަށް ނުފޫޒު ފޯރުވަނީ!
42 މިނިޓު ކުރިން

ދަން ޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރަން ބިލް ހުށައަޅައިފި!
3 ގަޑިއިރު ކުރިން

ރަސްމާލޭގެ ބިމާއެކު ސަރުކާރު ޒަޔަނިސްޓުންގެ ދަންތުރައެއްގައި ތާށިވެއްޖެ؟
11 ގަޑިއިރު ކުރިން

މޭ އައްޑަނައަކަށް ދިއްކޮށްގެން ވެސް ރަސްމާލެ މަޝްރޫޢު ހުއްޓުވާނަން: މޮސްޓާ
ދުވަހެއް ކުރިން


