.jpg&w=3840&q=75)
މުވައްޒަފަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ފަތުރަނީ ދޮގު ވާހަކަތަކެއް: ހުޅުމާލެ ހޮސްޕިޓަލް

އާމިނަތު ޝަޒްލާ - 09 އޯގަސްޓު 2026 - 06:40
ޑޮކްޓަރަށް ދައްކަން ދިޔަ މީހަކަށް އެތަނުގެ ޑޮކްޓަރަކު ޖިންސީ ގޯނާކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު، ދޮގު ވާހަކަތަކެއް ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ބުނެފިއެވެ.
މިކަމާ ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އެ ހޮސްޕިޓަލުގެ މުވައްޒަފަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓަކީ، ހޮސްޕިޓަލަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.
ހުޅުމާލޭ ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުން ފޯރުކޮށްދޭ ހުރިހާ ހިދުމަތްތަކަކީ ވެސް ބަލި މީހުންގެ ރައްކާތެރިކަމާއި، ކަރާމާތާއި، އަމިއްލަ މިނިވަންކަމުގެ އިތުރުން އިތުބާރު ދެމެހެއްޓުމަށް އެންމެ އިސްކަމެއް ދީގެން ފޯރުކޮށްދޭ ހިދުމަތްތަކެއް ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އަދި ބަލި މީހުން ހުށަހަޅާ ކޮންމެ ކަންބޮޑުވުމެއް ނުވަތަ މައްސަލައަކީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ކަނޑައެޅިފައިވާ ސިޔާސަތުތަކާއި ގާނޫނުތަކުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަބަދުވެސް އަޅަމުންދާނެ ކަމަށް އެ ހޮސްޕިޓަލުން ބަޔާންކުރެއެވެ.
އެ ހޮސްޕިޓަލަކީ ބަލި މީހުންނަށް ދޭ ފަރުވާ އާއި ސިއްހީ ހިދުމަތުގެ ފަންނީ މިންގަނޑުތައް އެންމެ މަތީ ދަރަޖައެއްގައި ހިފެހެއްޓުމަށް މަސައްކަތްކުރާ މުއައްސަސާއެއްކަން ފާހަގަކުރަމުން ބަޔާނުގައި ބުނީ، ބަލިމީހާގެ ރުހުން ހޯދުމާއި ކްލިނިކަލް އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހުރިހާ މުވައްޒަފުންނަށް ބާރުއަޅަމުންދާ ކަމަށެވެ. މީގެ އިތުރުން، ދައުލަތުގެ ސިއްހީ މުއައްސަސާއެއްގެ ހައިސިއްޔަތުން ބަލި މީހުންނާއި މުވައްޒަފުންގެ ސިއްރުތައް ހިފެހެއްޓުމަކީ ގާނޫނީ ގޮތުން ކަށަވަރުކޮށްދޭނެ ކަމެއް ކަމަށްވެސް ހޮސްޕިޓަލުން ބުނެއެވެ.
ހަގީގަތް ބެލުމެއް ނެތި ފަތުރާ މިފަދަ ދޮގު މައުލޫމާތުތަކުގެ ސަބަބުން ހިދުމަތް ހޯދާ ފަރާތްތަކާއި ސިއްހީ ހިދުމަތްތެރިންނަށް ނަފްސާނީ ނުތަނަވަސްކަން ލިބޭކަން ފާހަގަކޮށް، ކަށަވަރުނުވާ މައުލޫމާތު ސޯޝަލް މީޑިއާގައި ނުފެތުރުމަށް ހުޅުމާލޭ ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ.






