logo

ރާޔާ އެއާވޭސް އިން ވީއައިއޭ އަށް ތާވަލުކުރެވިގެން ކުރާ ކާގޯ ދަތުރުތައް ފަށައިފި

profile

މުޙައްމަދު ފަޟްލޫން - 14 އޯގަސްޓު 2026 - 10:44

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީ.އައި.އޭ) އަށް ތާވަލުކޮށްގެން ކުރާ ކާގޯ ދަތުރުތައް މެލޭޝިއާގެ ރާޔާ އެއާވޭސް އިން ފަށައިފިއެވެ.

https://wamco.com.mv/

މި ދަތުރުތަކަކީ މެލޭޝިއާގެ ޕެނޭންގް އާއި މާލެއާ ދެމެދު ސީދާކޮށް ކުރެވޭ ދަތުރުތަކެކެވެ.

މި އެއާލައިނުން ހަފުތާއަކު ދެ ދުވަހު ރާއްޖެއަށް ދަތުރުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުތަކުގައި ބޭނުންކުރަނީ ބޮއިންގް 767-200 މަރުކާގެ ކާގޯ ބޯޓުފަހަރެވެ.

މި ބޯޓުތަކުގައި ކޮންމެ ދަތުރަކު އެވްރެޖުކޮށް 46 ޓަނުގެ މުދާ އުފުލޭނެ ކަމަށް އެ އެއާލައިނުން މައުލޫމާތުދެއެވެ.

މިއީ މެލޭޝިއާއިން ރާއްޖެއަށް ތާވަލުކޮށްގެން ފެށި ފުރަތަމަ ކާގޯ ދަތުރުތަކެވެ.

މި ހިދުމަތަކީ ދެކުނު އިރުމަތީ އޭޝިއާގެ މަޝްހޫރު ލޮޖިސްޓިކްސް ކުންފުނި ޓެލެޕޯޓް އިން ޗާޓަރުކޮށްގެން ހިންގާ ދަތުރުތަކެކެވެ.

މި އާ ދަތުރުތަކާއެކު، ދެކުނު އޭޝިއާ އާއި ރާއްޖެއާ ދެމެދު ގަވާއިދުން މުދާ އުފުލުމުގެ އާ ފުރުސަތުތަކެއް ހުޅުވި، ދެ ގައުމުގެ ދެމެދުގައި ސީދާ ވައިގެ ގުޅުމެއް ވަނީ ގާއިމުވެފައެވެ.

މި ދަތުރުތަކުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، އުފުލާ ކާގޯގެ 80 އާއި 90 އިންސައްތައަކީ ޓްރާންސްޝިޕްމަންޓް ކާގޯ ކަމުގައި ވުމެވެ.

މީގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ކާގޯ ގުޅުވައިދޭ މުހިންމު ހަބެއް ގެ ގޮތުގައި ތަރައްގީވެ، އެއާޕޯޓުގެ ދައުރު އިތުރަށް ވަރުގަދަވެގެންދާނެއެވެ. އަދި މުދާ ފޮނުވާ ފަރާތްތަކަށް ދުނިޔޭގެ މުހިންމު ބާޒާރުތަކަށް ވާސިލުވުމަށް އިތުރު މަގުތައް ހުޅުވި ފަސޭހަވެގެންދާނެއެވެ.

ރާޔާ އެއާވޭސް އަކީ ވީ.އައި.އޭ އަށް މިހާރު ތާވަލުކޮށްގެން ދަތުރުކުރާ ދެވަނަ ކާގޯ އެއާލައިނެވެ.

މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ އާ ކާގޯ އެއާލައިންތައް ރާއްޖެއަށް ގެނެސް، ކާގޯގެ ހިދުމަތްތައް ފުޅާކޮށް ސަންދަފާތުކުރުމެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ބައިނަލްއަގުވާމީ ފެންވަރުގެ ޓްރާންސްޝިޕްމަންޓް ގޭޓްވޭއެއްގެ ގޮތުގައި ތަރައްގީކުރުމަކީވެސް މި މަޝްރޫއުގެ އަމާޒެކެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، ޖެނުއަރީ 2026 އިން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ވީ.އައި.އޭ އިން ވަނީ ގިނަ އަދަދެއްގެ ކާގޯ ހެންޑްލްކޮށްފައެވެ. އެގޮތުން މި މުއްދަތުގެ ތެރޭގައި 390 ކާގޯ ދަތުރު މެދުވެރިކޮށް، ޖުމްލަ 3,228 ޓަނުގެ ކާގޯ ވަނީ ހެންޑްލްކޮށްފައެވެ.

ރާޔާ އެއާވޭސްގެ ދަތުރުތަކާއެކު މި އަދަދު އިތުރަށް މަތިވެގެންދާނެ ކަމަށް ބެލެވެއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ 2025 ވަނަ އަހަރަކީވެސް ކާގޯ އޮޕަރޭޝަންތަކުގައި ފާހަގަކޮށްލެވޭ ކާމިޔާބު އަހަރެކެވެ. އެގޮތުން އެ އަހަރުގެ ތެރޭގައި ޖުމްލަ 518 ކާގޯ ދަތުރުކޮށްފައިވާއިރު، 4,300 ޓަނަށްވުރެ ގިނަ ކާގޯ ވަނީ ހެންޑްލްކޮށްފައެވެ.

https://wamco.com.mv/
tel:+9607331319