logo

ވެމްކޯގެ ޚިދުމަތް ރަށްރަށަށް ފުޅާކުރުމަށް ބޭނުންވާ އުޅަނދުތައް އެ ކުންފުންޏާ ހަވާލުކޮށްފި

profile

އާމިނަތު ޝަޒްލާ - 14 އޯގަސްޓު 2026 - 12:36

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ޚިދުމަތް އަތޮޅުތަކުގެ ރަށްރަށަށް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ކުނި އުފުލުމަށް ބޭނުންކުރާ އުޅަނދުތަކެއް އެ ކުންފުންޏާ ހަވާލުކޮށްފިއެވެ.

https://wamco.com.mv/

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މި އުޅަނދުތައް ވެމްކޯއާ ހަވާލުކޮށްދެއްވީ އެ ވުޒާރާގެ އިސް ބޭފުޅުންނެވެ. ރާއްޖެއަށް ކުރިމަތިވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ސަރުކާރުން އަންނަނީ ވަށާޖެހޭ ނިޒާމެއްގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އަތޮޅުތަކުގައި ޤާއިމުކުރާ ކުނި މެނޭޖްކުރާ މަރުކަޒުތަކާއެކު، ރައްކާތެރި ގޮތުގައި ކުނި ނައްތާލުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ.

View post on Twitter

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރުގެ ނައިބު އަޙްމަދު ނިޒާމު ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްރަށާއި އާބަން ސެންޓަރުތަކުގައި ވެމްކޯގެ ޚިދުމަތް ފެށުމަށާއި، އެ ޚިދުމަތް ފުޅާކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް ކުރިއަށްގެންދާ މަސައްކަތުގެ މުހިންމު ބައެއް ކަމަށެވެ. މި އުޅަނދުތައް ރާއްޖެއަށް ގެނައުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ލިޓަސް އޮޓޯ މޮބައިލްއާއެވެ.

ނިޒާމު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްތަކާއި އާބަން ސެންޓަރުތަކުގައި މިހާރު ކުނީގެ ޚިދުމަތް ދެމުންދަނީ ކައުންސިލްތަކުންނެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި އެ ރަށްރަށުގައި ވެމްކޯއިން ޚިދުމަތް ދިނުމަށް ތައްޔާރުވަމުންދާ ކަމަށާއި، މި ހަވާލުކުރެވުނު އާލާތްތަކަކީ އެ މަސައްކަތް ފެށުމަށް ބޭނުންވާ އެންމެ މުހިންމު ވަސީލަތްތަކެވެ.

މި ފަހަރު ވެމްކޯއާ ހަވާލުކޮށްފައިވަނީ 10 ރަށުޕިކަޕާއި 350 ކިލޯގެ ބަރުދަން އުފުލޭ 12 ޕިކަޕެވެ. މީގެ އިތުރުން މި މަހުގެ ތެރޭގައި ވެސް އިތުރު އުޅަނދުތައް ރާއްޖެ ގެނެސް ވެމްކޯއާ ހަވާލުކުރާނެ ކަމަށް ތިމާވެށްޓާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއެވެ. މި މަޝްރޫޢުގެ ސަބަބުން ރަށްރަށުގެ ކުނި މެނޭޖްކުރުމުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

https://wamco.com.mv/
tel:+9607331319