logo

ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 27.1 ބިލިއަން ރުފިޔާ ލިބިއްޖެ

profile

އާމިނަތު ޝަޒްލާ - 21 އޯގަސްޓު 2026 - 09:48

މި އަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 27.1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އެންމެ ފަހުން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް" ރިޕޯޓުން ދައްކައިފިއެވެ.

https://wamco.com.mv/

ފައިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، 13 އޯގަސްޓް 2026 ގެ ނިޔަލަށް ލިބުނު މި އާމްދަނީއަކީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 24.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 2.6 ބިލިއަން ރުފިޔާ ނުވަތަ 10.4 އިންސައްތައިގެ ކުރިއެރުމެކެވެ. ފާއިތުވެދިޔަ ހަފުތާގައި ދައުލަތުގެ އާމްދަނީ މި މިންވަރަށް މައްޗަށް ދިއުމުގެ މައިގަނޑު ސަބަބެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީ.ޖީ.އެސް.ޓީ) އިން ލިބުނު އާމްދަނީ އިތުރުވުމެވެ.

އެގޮތުން، ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ޖުމްލަ 7.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 13 އޯގަސްޓް 2025 އާ ހަމައަށް ލިބުނު 6.8 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 447.1 މިލިއަން ރުފިޔާ ނުވަތަ 6.6 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ އިތުރުން، މުދަލާއި ހިދުމަތުގެ އަގުން ނަގާ ޖުމްލަ ޓެކްސް (ޖީ.އެސް.ޓީ) ގެ އާމްދަނީ ވަނީ 9.9 ބިލިއަން ރުފިޔާއިން 10.7 ބިލިއަން ރުފިޔާއަށް (7.9 އިންސައްތަ) އިތުރުވެފައެވެ. އަދި އާންމު މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީ.ޖީ.އެސް.ޓީ) އާމްދަނީ ވަނީ 3.1 ބިލިއަން ރުފިޔާއިން 3.5 ބިލިއަން ރުފިޔާއަށް ނުވަތަ 10.8 އިންސައްތަ މައްޗަށް ގޮސްފައެވެ.

ރިޕޯޓުގައިވާ ގޮތުން ދައުލަތަށް ލިބުނު އާމްދަނީގެ ބޮޑުބައެއް އަދިވެސް ހިއްސާކުރަނީ ޓެކްސް އާމްދަނީއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކްސްގެ ގޮތުގައި 18.8 ބިލިއަން ރުފިޔާ ލިބުނު ނަމަވެސް، މިއަހަރުގެ މިހާތަނަށް އެ އަދަދު ވަނީ 21.1 ބިލިއަން ރުފިޔާއަށް އަރައި 11.9 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ. މީގެ ތެރޭގައި ހިމެނެނީ:

  1. ވިޔަފާރި ފައިދާއިން ނަގާ ޓެކްސް: 4.5 ބިލިއަން ރުފިޔާއިން 5.4 ބިލިއަން ރުފިޔާއަށް (20.6 އިންސައްތަ އިތުރު)
  2. އިމްޕޯޓް ޑިއުޓީ: 1.8 ބިލިއަން ރުފިޔާއިން 2.1 ބިލިއަން ރުފިޔާއަށް (16.4 އިންސައްތަ އިތުރު)
  3. އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސް: 1.2 ބިލިއަން ރުފިޔާ (14.3 އިންސައްތަ އިތުރު)
  4. ގްރީން ޓެކްސް: 1.4 ބިލިއަން ރުފިޔާ (6.3 އިންސައްތަ އިތުރު)

ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ދައުލަތަށް 5.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ 5.5 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.9 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ ތެރެއިން ހަރުމުދަލުން ލިބުނު އާމްދަނީ 1.3 ބިލިއަން ރުފިޔާއިން 1.7 ބިލިއަން ރުފިޔާއަށް ނުވަތަ 32.1 އިންސައްތަ މައްޗަށް ގޮސްފައިވާއިރު، އޭގެ ތެރޭގައި ރިސޯޓް ކުލީގެ ގޮތުގައި ލިބުނު 1.2 ބިލިއަން ރުފިޔާ (10.7 އިންސައްތަ އިތުރުވުން) ހިމެނެއެވެ.

މީގެ އިތުރުން، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ (15.4 އިންސައްތަ އިތުރުވުން) ލިބިފައިވާއިރު، އެހެނިހެން ފަރާތްތަކުން ދައުލަތަށް ލިބުނު ހިލޭ އެހީގެ މިންވަރު ވަނީ 242.1 މިލިއަން ރުފިޔާއިން 460.4 މިލިއަން ރުފިޔާއަށް ނުވަތަ 90.1 އިންސައްތައިގެ ބޮޑު ކުރިއެރުމެއް ހޯދާފައެވެ.

https://wamco.com.mv/
tel:+9607331319