
ބަންގްލަދޭޝްގެ އައު ރައީސް ކަމަށް މިރުޒާ ފަޚްރުލް އިސްލާމް އަލަމްގީރު އިންތިޚާބުކޮށްފި

އާމިނަތު ޝަޒްލާ - 21 އޯގަސްޓު 2026 - 09:37
ބަންގްލަދޭޝްގެ ވެރިކަންކުރާ ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ އިސް ލީޑަރު މިރުޒާ ފަޚްރުލް އިސްލާމް އަލަމްގީރު އެ ޤައުމުގެ އައު ރައީސް ކަމަށް އިންތިޚާބު ކޮށްފިއެވެ.
އަލަމްގީރު މި މަޤާމަށް އިންތިޚާބުކޮށްފައިވަނީ ބަންގްލަދޭޝްގެ ޤާނޫނު ހަދާ މަޖިލީހުގައި ނެގުނު ވޯޓަކުންނެވެ.
ޤާނޫނު ހަދާ މަޖިލީހުގައި ނެގުނު ވޯޓުގައި ޢުމުރުން 78 އަހަރުގެ އަލަމްގީރު ރައީސް ކަމަށް ހޮވިވަޑައިގަތީ ޕާލަމެންޓުގެ 255 މެންބަރުންގެ އަޣުލަބިއްޔަތު ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ. މި އިންތިޚާބުގައި ޖަމާޢަތޭ އިސްލާމީ އިސްވެ އޮތް 11 ޕާޓީގެ އިދިކޮޅު އިއްތިހާދުގެ ފަރާތުން ވާދަކުރެއްވި ލިބެރަލް ޑިމޮކްރެޓިކް ޕާޓީގެ ޗެއާމަން އަދި ރިޓަޔާޑް އާމީ ކާނަލް، ޢުމުރުން 84 އަހަރުގެ ޢޮލީ އަޙްމަދަށް ލިބިވަޑައިގަތީ 88 ވޯޓެވެ.
މަޖިލީހުން އައު ރައީސަކު އިންތިޚާބު މިކުރީ ކުރީގެ ރައީސް، ޢުމުރުން 76 އަހަރުގެ މުޙައްމަދު ޝަހާބުއްދީނު، ބޮޑު ބައްޔެއް ތަޙައްމަލު ކުރައްވަމުން ގެންދަވާތީ ޞިއްޙީ ސަބަބުތަކަށްޓަކައި މަޤާމުގެ ދައުރު ހަމަވުމުގެ ދެ އަހަރު ކުރިން، މިދިޔަ ޖުލައި މަހުގެ 24 ގައި އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ. ބަންގްލަދޭޝްގެ ޤާނޫނުއަސާސީ ބަޔާންކުރާ ގޮތުގައި ރައީސަކު އިސްތިޢުފާ ދެއްވައިފިނަމަ 90 ދުވަހުގެ ތެރޭގައި އައު ރައީސަކު އިންތިޚާބު ކުރަންޖެހެއެވެ.
ބީއެންޕީއިން ބަންގްލަދޭޝްގެ ވެރިކަމާ ހަވާލުވީ 2024 ވަނަ އަހަރު ޒުވާނުން ކުރި މުޒާހަރާތަކާ ގުޅިގެން ޝައިޚް ޙަސީނާގެ އަވާމީ ލީގު ސަރުކާރު ވެއްޓުމަށްފަހު ބޭއްވި ޢާންމު އިންތިޚާބުގައެވެ. ފެބްރުއަރީ 12 ގައި ބޭއްވި އެ އިންތިޚާބުގައި ޕާލަމެންޓުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ހޯދައި، ބޮޑުވަޒީރު ކަމަށް ވަނީ ޠާރިޤް ރަޙުމާން އިންތިޚާބުކޮށްފައެވެ.
އަލަށް އިންތިޚާބުވި ރައީސް އަލަމްގީރަކީ 1990 ގެ އަހަރުތަކުގެ ކުރީކޮޅު ބީއެންޕީއާ ގުޅިވަޑައިގެންނެވި، ޙަސީނާގެ ވެރިކަމުގައި އިދިކޮޅު ލީޑަރެއްގެ ގޮތުގައި ފާހަގަކޮށްލެވުނު ބޭފުޅެކެވެ. ސިޔާސީ ބޭނުމުގައި ކުރި ކަންކަން ކަމަށް ބެލެވޭ ގޮތަށް އެ ދުވަސްވަރު އޭނާ ތަކުރާރުކޮށް ހައްޔަރުކޮށްފައިވެއެވެ. އޭނާ އެންމެ ފަހުން އަދާކުރެއްވީ ލޯކަލް ގަވަމެންޓް ވަޒީރުގެ މަޤާމެވެ. އަދި އޭގެ ކުރިން ދަނޑުވެރިކަމާއި، އޭވިއޭޝަން އަދި ޓޫރިޒަމް ހިމެނޭހެން ގިނަ ވުޒާރާތަކެއްގެ ވަޒީރުކަން ވެސް ކުރައްވާފައިވެއެވެ.
ބަންގްލަދޭޝްގެ ވެރިކަމުގެ ނިޒާމު އޮންނަ ގޮތުން ރައީސްކަމަކީ މައިގަނޑު ގޮތެއްގައި ރަމްޒީ މަޤާމެއް ނަމަވެސް، ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތާއި ޤައުމުގެ ޢަސްކަރިއްޔާގެ ކޮމާންޑާ އިން ޗީފްގެ ޒިންމާ އަދާކުރައްވަނީ ރައީސެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 27.1 ބިލިއަން ރުފިޔާ ލިބިއްޖެ
8 ގަޑިއިރު ކުރިން

މި ސަރުކާރުން އަންހެނުން ބާރުވެރިއެއް ނުކުރޭ! އަންހެނުން ބޭނުންކުރަނީ: ކަނބާ
8 ގަޑިއިރު ކުރިން
.jpg&w=3840&q=75)
މާތް ނަބިއްޔާ ދެކެ ލޯބިވުމާއި އެކަލޭގެފާނު ދިފާޢުކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ދީނީ ވާޖިބެއް: ޚުޠުބާ
9 ގަޑިއިރު ކުރިން

ޣައްޒާގައި ޤާއިމުކުރާ ސުލްޙަ ބަލަހައްޓާ ފައުޖަށް އެމެރިކާއިން 206 މިލިއަން ޑޮލަރު ދޭން ނިންމައިފި
ދުވަހެއް ކުރިން


