logo

ޣައްޒާގައި ޤާއިމުކުރާ ސުލްޙަ ބަލަހައްޓާ ފައުޖަށް އެމެރިކާއިން 206 މިލިއަން ޑޮލަރު ދޭން ނިންމައިފި

profile

އާމިނަތު ޝަޒްލާ - 20 އޯގަސްޓު 2026 - 13:41

ފަލަސްޠީނުގެ ޣައްޒާގައި ޤާއިމުކުރުމަށް ހުށަހަޅާފައިވާ ބައިނަލްއަޤުވާމީ ސުލްޙަ ބަލަހައްޓާ ފައުޖަށް 206 މިލިއަނަށް ވުރެ ގިނަ އެމެރިކާ ޑޮލަރު ފޮނުވާނެކަން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އެ ޤައުމުގެ ޤާނޫނުހަދާ މަޖިލިސް (ކޮންގްރެސް) އަށް އަންގައިފިއެވެ.

https://wamco.com.mv/

މިއީ ޔަހޫދީންގެ ނިރުބަވެރި ޢުދުވާނުތަކުގައި ސުންނާފަތިވެފައިވާ ޣައްޒާ އަލުން އާރާސްތުކުރުމަށް އެމެރިކާއިން އެކުލަވާލާފައިވާ ޕްލޭނު ތަންފީޒުކުރުމަށް ކަނޑައެޅި ފުރަތަމަ މާލީ އެހީއެވެ.

ކޮންގްރެސްއަށް ފޮނުވާފައިވާ ރަސްމީ ލިޔެކިޔުންތަކާ ޙަވާލާދީ ރޮއިޓަރސް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާގެ ޚާރިޖީ ވުޒާރާއިން ވަނީ "އިންޓަރނޭޝަނަލް ސްޓެބިލައިޒޭޝަން ފޯސް" (އައިއެސްއެފް) ގެ އާލަތްތަކާއި، އުމްރާނީ ވަޞީލަތްތަކާއި، އުޅަނދުތައް އަދި ހިންގުމުގެ ޚަރަދުތަކަށް 200 މިލިއަން ޑޮލަރު ދިނުމަށް ނިންމާފައެވެ. މީގެ އިތުރުން، މި ފައުޖުގެ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން އެމެރިކާ އަސްކަރިއްޔާގެ ބައެއް އުޅަނދުތަކަށް ބަދަލުގެނައުމަށް 6.3 މިލިއަން ޑޮލަރު ބޭނުންކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކޮންގްރެސްގެ ކަމާގުޅޭ ކޮމިޓީތަކަށް ފޮނުވި ލިޔުންތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ފައުޖުގެ މައިގަނޑު ބޭނުމަކީ ޣައްޒާގައި ސަލާމަތީ އޮޕަރޭޝަންތައް ހިންގުމާއި، ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ރައްކާތެރިކަމާއެކު އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމެވެ. އިސްރާއީލާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާއަތުން މި ޕްލޭނަށް ދެކޮޅުހަދަމުން ދިޔަނަމަވެސް، ޓްރަމްޕްގެ ސަރުކާރުން ދަނީ މި ސުލްޙައިގެ މަގުޗާޓު ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަމުންނެވެ.

މި ބައިނަލްއަޤުވާމީ ފައުޖު އެކުލަވާލުމަށްޓަކައި މިހާތަނަށް އިންޑޮނޭޝިއާ، މޮރޮކޯ، ކަޒަކިސްތާން، ކޮސޯވޯ އަދި އަލްބޭނިއާއިން ސިފައިން ފޮނުވުމަށް ވަޢުދުވެފައިވެއެވެ. އަދި މިޞްރާއި އުރުދުންއިން ވަނީ ފަލަސްޠީނުގެ ފުލުހުން ތަމްރީނުކުރުމުގެ ޒިންމާ ނެގުމަށް އެއްބަސްވެފައެވެ. އެހެންނަމަވެސް، މި ފައުޖު ޣައްޒާގެ ބިމަށް ފޮނުވައި ޚިދުމަތް ފަށާނެ ސީދާ ތާރީޚެއް އަދި މިހާތަނަށް ސާފުވެފައެއް ނުވެއެވެ.

އޮކްޓޯބަރު 7، 2023 ގައި ޣައްޒާގެ މައުސޫމް ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ އިސްރާއީލުން ފެށި ލާއިންސާނީ ޢުދުވާންތައް ހުއްޓުވުމަށްޓަކައި، ރައީސް ޓްރަމްޕް ވަނީ 21 ނުކުތާގެ މައްޗަށް އެކުލެވޭ ސުލްޙައިގެ ޕްލޭނެއް ހުށަހަޅުއްވާފައެވެ. މިއަހަރުގެ ޖުލައި މަހު މި ޕްލޭނާ ގުޅޭ އެއްބަސްވުމެއް އިޢުލާނުކުރި ނަމަވެސް، ޔަހޫދީންގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޙަމާސުން ފުރިހަމައަށް ހަތިޔާރު ނުބަހައްޓަނީސް ފަހަތަށް ނުޖެހޭނެ ކަމަށް ބުނެ އެއްބަސްވުމަށް އަމަލުކުރުމަށް އިންކާރުކޮށްފައެވެ.

https://wamco.com.mv/
tel:+9607331319