logo
ކިންގް ސަލްމާން މިސްކިތް: މާލެ

ކިންގް ސަލްމާން މިސްކިތް: މާލެ

މާތް ނަބިއްޔާ ދެކެ ލޯބިވުމާއި އެކަލޭގެފާނު ދިފާޢުކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ދީނީ ވާޖިބެއް: ޚުޠުބާ

profile

އާމިނަތު ޝަޒްލާ - 21 އޯގަސްޓު 2026 - 08:16

މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ދެކެ ލޯބިވުމާއި، އެކަލޭގެފާނު ދިފާޢުކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ދީނީ ވާޖިބެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ "މާތް ނަބިއްޔާ ދެކެ ލޯބިވުން" މި މަޢުޟޫއަށެވެ.

މާތް ﷲ ގެ ޙަޟުރަތުގައި ޤަބޫލުވެވިގެންވާ ހަމައެކަނި ދީނަކީ އިސްލާމްދީންކަން ފާހަގަކުރައްވައި ޚުޠުބާގައި ވިދާޅުވީ، ނަބީކަމާއި ރަސޫލުކަމާއިގެން ކައުއިތުރު ރަސޫލާ صلى الله عليه وسلم ފޮނުއްވުމުގެ ކުރިން ދުނިޔެ އޮތީ ބޮޑުވެގެންވާ ޖާހިލިއްޔަތުކަމެއްގެ ތެރޭގައި ކަމަށެވެ. އެގޮތުން މަދު ބަޔަކު ފިޔަވައި ގިނަ މީސްތަކުން އަޅުކަންކުރަމުން ދިޔައީ ބުދަށާއި، ގަސްގަހާގެއްސަށާއި، އަލިފާނަށާއި، ފެނަށާއި، ހިލައަށާއި އަދި އިންސާނުންނަށް ކަމަށާއި އަޅުކަންކުރުން ޙައްޤުވެގެންވާ ހަގީގީ އިލާހަކީ ކޮބައިކަން ދަންނަ މީހުން އެ ޒަމާނުގައި ވަރަށް މަދު ކަމަށް ޚުޠުބާގައި ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ކުރީން ބާވައިލެއްވުނު އިލާހީ ޝަރީޢަތްތައް ތަޙުރީފުކުރެވި އޭގެ އަޞްލު ގެއްލިފައިވާއިރު، މުޅި ދުނިޔޭގައި އޮތީ ޖަންގަލީގެ ޤާނޫނު ކަމަށް ވެސް ވިދާޅުވިއެވެ.

ޚުޠުބާގައި ވިދާޅުވީ، ވިޔަފާރި މުދަލެއް ފަދައިން އިންސާނުން ބާޒާރުގައި ގަނެވިއްކުމާއި، އަނިޔާވެރިކަމާއި، އަންހެން ދަރިން ދިރިތިއްބައި ވަޅުލުމާއި، ރާބުއިމާއި، ޖުވާކުޅުމާއި ރިބާގެ މުޢާމަލާތްތައް ފަދަ އެންމެހައި މުންކަރާތްތަކެއްގެ ތެރެއަށް އިންސާނިއްޔަތު ވެއްޓިފައިވަނިކޮށް، މުޅި އިންސާނިއްޔަތު އެ އަނދިރިކަމުން ސަލާމަތްކުރެއްވުމަށްޓަކައި މާތް ﷲ ފޮނުއްވި ރަޙުމަތުގެ ނަބިއްޔާއަކީ މުޙައްމަދުގެފާނު ކަމަށެވެ. އެކަލޭގެފާނު ފޮނުއްވުނީ މުޅި ޢާލަމްތަކަށް ރަޙުމަތެއް ކަމުގައާއި ހިދާޔަތުގެ މަގަށް އަލިކޮށްދޭ ވޮށެއްގެ ގޮތުގައެވެ.

މާތް ސާހިބާ މުޙައްމަދު صلى الله عليه وسلم އަކީ ތަޤުވާވެރިންގެ އިމާމު ކަމަށާއި، ރަސޫލުކަމާއި ނަބީކަން ޚަތިމުކުރެއްވި އެންމެ ފަހުގެ ނަބިއްޔާ ކަމަށް ޚުޠުބާގައި ބަޔާންކުރެއްވިއެވެ. އަދި އެކަލޭގެފާނަކީ ޤިޔާމަތް ދުވަހުން ޙަމްދުލިބިގެންވާ މަޤާމާއި، ކައުޘަރުގެ ވެރި ސާހިބާ ކަމަށާއި، އެންމެ ފުރަތަމަ ސުވަރުގޭގެ ދޮރުކޮޅު ހުޅުވޭނޭ މާތް ބޭކަލަކީ ވެސް އެކަލޭގެފާނު ކަމުގައި ޚުޠުބާގައި ވިދާޅުވިއެވެ.

ނަބީބޭކަލުންނާއި ރަސޫލުބޭކަލުންނަށް ފުރައްސާރަކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ޚުޠުބާގައި ވިދާޅުވީ، އެއީ އިއްޔެއަކު އަދަކު ދިމާވެގެން އުޅޭ ކަމެއް ނޫން ކަމަށެވެ. ތާރީޚުގައި މީސްތަކުންގެ ގާތަށް މާތް ﷲ ފޮނުއްވި ކޮންމެ ނަބީބޭކަލަކަށް އަދި ރަސޫލުބޭކަލަކަށް ވެސް ފުރައްސާރަކުރި ބަޔަކު އުޅުނު ކަމަށާއި، އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާއަށް ވެސް އެފަދަ އެތައް ދުއްތުރާތަކަކާ ކުރިމަތިވެވަޑައިގެންނެވި ކަމަށެވެ. އެހެންނަމަވެސް، މާތް ﷲ ވަނީ އެފަދަ ފުރައްސާރަވެރިން ނިކަމެތިކުރައްވައި، އެކަލާނގެ ރަސޫލާއަށް ފުރިހަމަ ނަޞްރާއި ކާމިޔާބީ މިންވަރުކުރައްވާފައެވެ.

ހުކުރު ޚުޠުބާ ނިންމަވާލައްވަމުން، މާތް ނަބިއްޔާ ދެކެ ލޯބިވުމުގެ އެންމެ މުހިންމު ޢަލާމާތަކީ އެކަލޭގެފާނު ގެނެސްދެއްވި ދީނަށް ފުރިހަމައަށް ތަބާވުން ކަމުގައި ފާހަގަކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ މަތިވެރި ސީރަތުން ނަމޫނާ ލިބިގަނެ، އެކަލޭގެފާނު އުންމަތަށް ދައްކަވައިދެއްވި ރިވެތި އަޚުލާޤީ މިންގަނޑުތަކުގައި ހިފެހެއްޓުމަށް މިއަދުގެ ޚުޠުބާގައި ވަނީ އެންމެހައި މުސްލިމުންނަށް ގޮވާލައްވާފައެވެ.

https://wamco.com.mv/
tel:+9607331319