
'ކާންޓާ ލަގާ' އިން މަޝްހޫރުކަން ހޯދީ ޝެފާލީ ޖަރީވާލާ މަރުވެއްޖެ

އައިޝަތު އިބްރާހިމް - 28 ޖޫން 2025 - 06:59
އިންޑިޔާގައި ކާންޓާ ލަގާ ގާރލްގެ ގޮތުގައި މަޝްހޫރުވެގެން ގޮސްފައިވާ އެކްޓްރެސް ޝެފާލީ ޖަރީވާލާ މަރުވެއްޖެއެވެ.
ޝެފާލި މަޝްހޫރުވީ ޑީޖޭ ޑޯލް ރިމިކްސް އަލްބަމްގެ މިއުޒިކް ވީޑިއޯ ލަވަ 'ކާންޓާ ލަގާ'އިން އޭނަ ދެއްކި ކުޅަދާނަ އަދި ފަރި ޙަރަކާތްތަކުންނެވެ.
ކަލަސް ޓީވީގެ މަޝްހޫރު ރިއަލިޓީ ޝޯ 'ބިގް ބޮސް' 13 ވަނަ ސީޒަނުންވެސް ފެނުނު ބަތަލާ މަރުވެފައި ވަނީ ހާޓް އެޓޭކެއް ޖެހި ރޭގެ މެންދަމުގެ ކަމުގައި އިންޑިޔާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވެއެވެ.
އުމުރުން 42 އަހަރުގެ ބަތަލާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވަލާދީ އިންޑިއާގެ މީޑިއާތަކުން ވަނީ ބުނެފައެވެ. ބަތަލާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފައިވީ ނަމަވެސް ބަތަލާގެ މަރާ ގުޅޭ ގޮތުން އިތުރު ތަފުސީލު ދެވެން ނެތް ކަމަށް ހޮސްޕިޓަލުން ބުނެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޝެފާލީ އޭނަގެ ފިރިމީހާއެކު / ފޮޓޯ: ޝެފާލީގެ އިންސްތަގްރާމް
ޝެފާލީ ޖަރީވާލާ ހީވެސް ނުކުރާ ފަދަ ގޮތަކަށް މަރުވުމުން އެންމެން ވެސް ތިބީ ހައިރާންކަމާއި ނުތަނަވަސްކަމުގެ ތެރޭގައެވެ. އެންމެ ފުރަތަމަ މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މަރުވީ ކާޑިއެކް އެޓޭކެއް ޖެހިގެންނެވެ. ނަމަވެސް ނިއުސް އެޖެންސީ އައިއޭއެންއެސްގެ އައު ރިޕޯޓަކުން އެނގޭ ގޮތުގައި މުމްބާއީ ފުލުހުން އޭނާގެ މަރުގައި ޝައްކު ކަންތައްތަކެއް ހުރިކަމަށް ބެލެވޭކަމަށް ވަނީ ބުނެފައެވެ. ރިޕޯޓްތައް ބުނާ ގޮތުން މުމްބާއީ ފުލުހުން މިހާރު ވަނީ އިބްތިދާއީ ތަހުގީގެއް ފަށައި، އޭނާ މަރުވާން މެދުވެރިވި ހާދިސާ ދެނެގަތުމަށް ޝެފާލީގެ ކައްކާ އާއި ގޭތެރޭގެ މުވައްޒަފުންނާ ސުވާލު ކުރަމުންނެވެ.
ޝެފާލި ބޮލީވުޑަށް ތައާރަފްވީ ބޮލީވުޑަށް ތައާރަފުވީ ސަލްމާން ޚާން، އަކްޝޭ ކުމާރު އަދި ޕްރިޔަންކާ ޗޯޕްޅާ ލީޑް ރޯލް ކުޅުނު 2004 ވަނަ އަހަރު ރިލީޒްކުރި "މުޖްސޭ ޝާދީ ކަރޯގީ" އިންނެވެ. އެފަހުން ޝެފާލީ ވަނީ ސްޓާ ޕްލަސްއިން ގެނެސްދިން ޑާންސް ޝޯ 'ނަޗް ބަލިޔޭ 5'ގައި ފިރިމީހާ ޕަރަގް ތިޔާގީއާ އެކު ޝެފާލީ ފެނިފައިވާއިރު އޭނާ ވަނީ ބައެއް ވެބް ސީރީސްތަކުގައި ވެސް މަސައްކަތް ކޮށްފައެވެ. އޭގެތެރޭގައި 2018 ވަނަ އަހަރު ރިލީޒްކުރި "ބޭބީ ކަމް ނާ" ހިމެނެއެވެ.
މީގެ އިތުރުންވެސް ސަލްމާން ޚާން ހޯސްޓް ކުރާ ބިގް ބޮސް 13 ވަނަ ސީޒަނުގައި ޝެފާލީގެ ނަން ވަރަށް މަޝްހޫރުވެގެން ދިޔައެވެ. އޭގެ ފަހުން ޝެފާލީ، ސައުތު އިންޑިއާގެ ފިލްމީ ދާއިރާއަށް ނުކުތީ މަޝްހޫރު އެކްޓަރު ޕުނީތު ރާޖްކުމާރާ އެކު ކަންނާޑާ ޕްރޮޖެކްޓެއް ކުޅެގެންނެވެ. މި ދެ ތަރިން އެކުގައި ފެނިގެން ދިޔައީ 2011 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ހުދުގަރޫ"ގެ ލަވަ ޕަންކާޖާގެ ފަރި ހަރަކާތްތަކުންނެވެ.
ޝެފާލީ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރު ސްޓާރ ބާރަތުއިން ގެނެސްދިން ރޮމޭންޓިކް ހޮރޯ ފެންޓަސީ ޑްރާމާ "ޝައިތާނީ ރަސްމޭ" ކިޔާ ސީރީސްއަކުންނެވެ. ގިނަ ބަޔަކު މިހާރު އިންތިޒާރުކުރަމުން އަންނަނީ ޝެފާލީގެ މަރާ ގުޅިގެން އާއިލާގެ ފަރާތުން ރަސްމީ ބަޔާނެއް ނެރޭނެ ވަގުތަކަށެވެ.
ޝެފާލީގެ ކުއްލި މަރާ އެކު ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު އަންނަނީ ހިތާމަފާޅުކޮށް ތައުޒިއްޔާގެ މެސެޖުތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. ބައެއް ޓެލެވިޒަން ތަރިންނާ އެކު ވެސް މަސައްކަތްކޮށްފައިވާ ޝެފާލީގެ މަރުގެ ޚަބަރު ލިބުމުން ގިނަ ބަޔަކަށް ހައިރާންކަމެއް ލިބިފައިވާ ކަމަށް ވެސް މީޑިއާތަކުން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން