logo

އަސްޙާބުބޭކަލުންނަށް ބަދުބަސްބުނުން، އެމީހެއްގެ އަޤީދާ ފާސިދުކަމުގެ ދަލީލަކަށް ފުދޭ: ހުކުރު ހުތުބާ

profile

މުޙައްމަދު ފަޟްލޫން - 08 އޯގަސްޓު 2025 - 08:48

އަސްޙާބުބޭކަލުންނަކީ އެންމެ މާތް އަދި އެންމެ ރަނގަޅަށް ދީން ފަހުމްވެވަޑައިގަތް ބޭކަލުންކަމަށާއި، އެބޭކަލުންނަށް ބަދުބަސް ބުނުމަކީ، އެމީހެއްގެ އަޤީދާ ފާސިދުކަމުގެ ދަލީލަކަށްފުދޭ ކަމެެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

https://wamco.com.mv/

މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއުއަކީ ޞަޙާބީންނާއި އަހުލުބައިތުންނަށް ލޯބިކުރުމާއި އެ ބޭކަލުންގެ މަޤާމު މިއެވެ.

ޚުތުބާގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހިރާއްޖެ އިސްލާމްވުމަށްފަހު މިހައި ހިސާބަށް އައިސްފައި މިވަނީ ސުންނީ މުސްލިމު ޤައުމެއްގެ ގޮތުގައެވެ. އަދި އަހަރެމެން ނަބިއްޔާ ﷺ އަށްފަހު އެންމެ މަތިވެރިކުރާ ބަޔަކީ އެކަލޭގެފާނުގެ ލޮބުވެތި އާލުބައިތުންނާއި ޞަޙާބީން ކަމުގައި ޚުތުބާގައި ބަޔާންކުރެއްވިއެވެ.

ހުކުރު ޚުތުބާގައި އަހަރުމެން ވާންޖެހޭނީ ސަޙާބީންނާއި، އަހުލުބައިތުންނަށް މާތްކޮށްހިތައި، އެބޭކަލުންދެކެ ލޯބިވާ، އަދި އެބޭކަލުން ދެއްކެވި ރިވެތި ނަމޫނާގައި ހިފައި، އެބޭކަލުންނަށް ފުރައްސާރަ ކުރާ މީހުންގެ ކިބައިން ބަރީއަވެގެންވާ ބަޔަކުކަމުގައިކަމަށް ބުނެފައިވެއެވެ.

އަސްޙާބުބޭކަލުންނަކީ އެންމެ މާތް އަދި އެންމެ ރަނގަޅަށް ދީން ފަހުމުވެވަޑައިގަތް ބޭކަލުންކަމަށާއި، އަދި އެ ބޭކަލުންނަކީ، އިސްލާމްދީން އަހަރެމެންނާ ހަމައަށް ފޯރުކޮށްދެއްވި ބޭކަލުންކަން ހަނދާންކޮށްދެއްވާ ޚުތުބާގައި ބުނެފައިވަނީ އަސްޙާބުބޭކަލުންނަށް ބަދުބަސް ބުނާ މީހުންނަކީ އެއްވެސް ޤަދަރެއް ނެތް ބަޔެއް ކަމަށެވެ.

ވޭތުވެ ދިޔަ ޒަމާންތަކުގައި ދިވެހި ޢިލްމުވެރީން، މަތިވެރިވެގެންވާ އާލުބައިތުންނާއި، މާތް ޞަޙާބީންނާއި ތާބިޢީންނަށް ބަދުބަސްބުނެ، އިސްލާމީ ތާރީޚުގައި ހިނގައިފައި ހުރި ފިތުނަތަކުގެ ވާހަކަތައް ދައްކައި ފަތުރައި، އެބޭކަލުންނަށް ކުޑައިމީސްކޮށް ހަދައިފައިނުވާ ކަން ފާހަގަކުރެއްވިއެވެ. އަދި ޚުތުބާގައި އިލްތިމާސްކުރެއްވީ، އެ ބޭކަލުން މާތްކޮށް، އެ ބޭކަލުން ދެކެ ލޯބިވާ، އެ ބޭކަލުން ދެއްކެވި ރިވެތި ނަމޫނާގައި ހިފައި، އެ ބޭކަލުންނަށް ފުރައްސާރަ ކުރާ މީހުންގެ ކިބައިން ބަރީއަވެގެންވާ ބަޔަކުކަމުގައި ވާންޖެހޭނެ ކަމުގައެވެ.

ޚުތުބާ ނިންމަވާލައްވަމުން އިލްތިމާސްކުރެއްވީ، ސުންނަތް ޖަމާޢަތުގެ މި މަތިވެރި ޢަޤީދާގެ މަތީގައި އަހަރެމެން ފައިތިލަ ސާބިތުކޮށްގެން ތިބޭންޖެހޭނެ ކަމުގައެވެ. އަދި މި ޢަޤީދާއަކީ އަހަރެމެން ވަޠަނެއްގެ ގޮތުގައި އެއްބައިވަންތަކޮށް އެކައްޗެއްގެ ގޮތުގައި ހިފައިހައްޓައިދިން ވަރުގަދަ އަޤީދާއެއް ކަމުގައި ބަޔާންކުރެއްވިއެވެ. މި ޢަޤީދާއިން ފައި ކައްސައިލައިފި ނަމަ، އަހަރެމެންގެ ތެރޭގައި ބައިބައިވުމާއި ތަޅައިފޮޅުމާއި ފިތުނަތައް އުފެދޭނެކަމަށް އިންޒާރުދެއްވައި، އަހަރެމެން ބައިބައިކުރާން ނުކުންނަ އެއްވެސް ފަރާތަކަށް ފުރުޞަތު ނުދިނުމަށް ހުރިހައި މުސްލިމުންނަށް ވަޞިއްޔަތްކުރެއްވިއެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay