logo

ޢިލްމީ ޖީލެއް ބިނާ ކުރެވޭނީ ޤުރްޢާނުގެ މަންޙަޖަށް ރުޖޫޢަވެގެން - ޚުތުބާ

profile

އަހުމަދު ޒަލީފު - 13 ޖެނުއަރީ 2023 - 06:29

އިސްލާމީ މަރުކަޒުގައި ހުކުރު ކުރަނީ

އިސްލާމީ މަރުކަޒުގައި ހުކުރު ކުރަނީ

ކީރިތި ޤުރުއާނަކީ މީސްތަކުންނަށް ސީދާވެގެންވާ ތެދުމަގު ބަޔާންކުރެއްވުމަށްޓަކައި ﷲ ތަޢާލާ ބާވާލެއްވި އެއިލާހުގެ ކަލާމްފުޅެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

https://wamco.com.mv/

﴿اللَّـهُ نَزَّلَ أَحْسَنَ الْحَدِيثِ كِتَابًا مُّتَشَابِهًا مَّثَانِيَ تَقْشَعِرُّ مِنْهُ جُلُودُ الَّذِينَ يَخْشَوْنَ رَبَّهُمْ ثُمَّ تَلِينُ جُلُودُهُمْ وَقُلُوبُهُمْ إِلَىٰ ذِكْرِ اللَّـهِ ۚ ذَٰلِكَ هُدَى اللَّـهِ يَهْدِي بِهِ مَن يَشَاءُ ۚ وَمَن يُضْلِلِ اللَّـهُ فَمَا لَهُ مِنْ هَادٍ﴾ [سورة الزمر ٢٣]

މާނައީ: “ﷲ އެންމެ ރިވެތިބަސްތައް ފޮތެއްގެ ސިފައިގައި ބާވައިލެއްވިއެވެ. (ފުރިހަމަކަމުގައި) އެއްފަދަވެގެންވާ، ތަކުރާރުކޮށް ކިޔެވޭ ފޮތަކަށްވާ ޙާލުގައެވެ. އެ ފޮތް ކިޔެވޭހިނދު، އެއުރެންގެ ރައްބަށް ބިރުވެތިވާމީހުންގެ ގައިގެހަންތައް ތުރުތުރު އަޅައިގެންދެއެވެ. ދެން އެއުރެންގެ ގައިގެހަންތަކާއި، ހިތްތައް ﷲ ހަނދުމަކުރުމަށް މަޑުމޮޅިވެދެތެވެ. އެއީ ﷲ ގެ ތެދުމަގެވެ. އެއިލާހު އިރާދަކުރައްވާ މީހަކަށް، އެއިން މަގުދައްކަވައެވެ. އަދި ﷲ މަގުފުރައްދަވާ މީހަކަށް، ފަހެ ތެދުމަގު ދައްކާނޭ ހަމައެކަކުވެސް ނުވެއެވެ.”

ކީރިތި ޤުރުއާނުގެ ތަޢާރުފު

ބަހުގެ ގޮތުން ޤުރުއާނުގެ މާނަތަކުގެ ތެރޭގައި: ޖަމާކުރުމާއި ކިޔެވެލި ހިމެނެއެވެ.

ޢިލްމުވެރިންގެ އިޞްޠިލާޙުގައި ޤުރުއާނަކީ: ކިޔެވުން އަޅުކަމެއްގެ ގޮތުގައި ލައްވަވައި، މުޞްޙަފުތަކެއްގައި ލިޔެ ރައްކާތެރި ކުރައްވާފައިވާ، މުޢުޖިޒާތެއްގެ ގޮތުގައި ލައްވާފައިވާ، ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ މައްޗަށް ބާވައިލެއްވި، މުތަވާތިރުކޮށް ނަޤުލުވެފައިވާ، ﷲ ތަޢާލާގެ ކަލާމްފުޅެވެ.

ކީރިތި ޤުރުއާނުގެ މާތްކަން

ހަމަކަށަވަރުން މަތިވެރިވެގެންވާ ޤުރުއާނަކީ ﷲ ތަޢާލާގެ ބަޔާންވެގެންވާ ފޮތެވެ. އެ ފޮތުގެ ކުރިމައްޗަކުންވެސް އަދި އޭގެ ފަހަތަކުންވެސް އެފޮތަކަށް ބާޠިލުކަމެއް ނާންނާނެއެވެ. އެ ފޮތަކީ ޙަމްދު ލިބިވޮޑިގެންވާ ޙަކީމްވަންތަ އިލާހުގެ ޙަޟްރަތުން ބާވައިލެއްވި ފޮތެވެ. އެފޮތުގެ މާތްތަކަމުގެ ތެރޭގައި:

١ ޤުރުއާނަކީ މާތް ﷲ ބާވައިލައްވައިފައިވާ ކަލާމްފުޅަށްވުން

٢ ޤުރުއާން މަގުދައްކަނީ ސީދާވެގެންވާ ތެދުމަގަށް

٣ ޤުރުއާނަކީ ބަރަކާތްތެރި ފޮތެއްކަމުގައިވުން

٤ ޤުރުއާން އޭގެ އަޙުލުވެރިންނަށް ޤިޔާމަތްދުވަހުން ޝަފާޢަތްތެރިވުން

٥ ޤުރުއާނަށް އިޖާބަދޭ މީހުންނަށް ހުރި ދިރުމެއްކަމުގައި ޤުރުއާންވުން

٦ އިސްލާމީ އުންމަތަށް ހުރި ޝަރަފެއްކަމުގައި ލެއްވުން

٧ ޤުރުއާނުގައި ވަރުގަދައަށް ހިފަހައްޓައިފި މީހަކު މަގުފުރެދިގެން ނުދިޔުން

ޤުރްއާން ކިޔެވުމުގެ މާތްކަމުގެ ތެރޭގައި: ޤުރްއާން ކިޔެވުމުގައި މާހިރުން ވާހުށީ މާތްވެގެންވާ ހެޔޮލަފާ މަލާއިކަތުންނާއެކުގައެވެ. ޙަދީޘްގައިވާ ފަދައިންނެވެ. ((الْمَاهِرُ بِالْقُرْآنِ مَعَ السَّفَرَةِ الْكِرَامِ الْبَرَرَةِ، وَالَّذِي يَقْرَأُ الْقُرْآنَ وَيَتَتَعْتَعُ فِيهِ، وَهُوَ عَلَيْهِ شَاقٌّ، لَهُ أَجْرَانِ))([1]) މާނައީ: “ޤުރްއާން ކިޔެވުމުގައި މާހިރުން ވާހުށީ މާތްވެގެންވާ ހެޔޮލަފާ މަލާއިކަތުންނާއެކުގައެވެ. އަދި އެ ފޮތްކިޔެވުމުގައި އުނދަގުލާއެކު ލަސްލަހުން ކިޔަވާމީހަކަށް ދެ ދަރުމަ ލިބިގެންވެއެވެ. (އެއީ؛ ކިޔެވުމުގެ ދަރުމައާއި، ކިޔެވުމުގައި އުނދަގޫ އުފުލާތީ ލިބޭ ދަރުމައެވެ.)”

(12) ޤުރްއާން ކިޔެވުމާއި، އެ ފޮތް ހިތުދަސްކުރުމުގެ މާތްކަމުގެ ތެރޭގައި: ޤުރްއާން ރަނގަޅަށް ހިތުދަސްކުރާމީހާގެ ދަރަޖަ ސުވަރުގޭގައި އުފުލިގެންވެއެވެ. ޙަދީޘްގައިވާ ފަދައިންނެވެ. ((يُقَالُ لِصَاحِبِ الْقُرْآنِ: اقْرَأْ، وَارْتَقِ، وَرَتِّلْ كَمَا كُنْتَ تُرَتِّلُ فِي الدُّنْيَا، فَإِنَّ مَنْزِلَكَ عِنْدَ آخِرِ آيَةٍ تَقْرَؤُهَا))([2]) މާނައީ: “(ޤިޔާމަތްދުވަހު) ޤުރްއާން ހިތުދަސްކޮށް، އެ ފޮތަށް ޢަމަލުކުރި މީހާއަށް ބުނެވޭނެއެވެ. ކިޔަވާށެވެ! އަދި މައްޗަށް އަރަމުން ދާށެވެ! އަދި ދުނިޔޭގައި ތިބާ ތަރުތީލުކޮށް([3]) ކިޔެވިފަދައިން ތަރުތީލުކޮށް ކިޔަވާށެވެ! އަދި ތިބާގެ މަންޒިލަކީ ޤުރްއާނުގެ އެންމެފަހު އާޔަތް ތިބާ ކިޔަވާއިރު ހުންނަ ހިސާބެވެ.”

(13) ކީރިތި ޤުރްއާން ކިޔަވައި، އެ ފޮތުގެ ޢިލްމު އުގެނުމަކީ ދުނިޔޭގައިވާ ޚަޒާނާތަކަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ކަމެކެވެ. ޢުޤުބަތު ބުން ޢާމިރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ތިމަންމެން ޞުއްފާގައި([4]) ތިއްބައި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ނުކުމެވަޑައިގެން ޙަދީޘްކުރެއްވިއެވެ. “ކޮންމެ ދުވަހަކު ހެނދުނުކޮޅު ބުޠުޙާނައަށް ގޮސްފައި ނުވަތަ ޢަޤީޤަށް([5])ގޮސްފައި، ފާފައަކަށް އަރައިނުގަނެ (އެބަހީ؛ ވައްކަންކުރުމާއި، ފޭރިގަތުންފަދަކަމަކަށް އަރައިނުގަނެ)، އަދި ގާތްތިމާގެކަމުގެ ގުޅުމެއް ނުކަނޑައި (އެބަހީ؛ ގާތްތިމާގެ މީހެއްގެ އަތުން އޭނާގެ ނުރުހުމެއްނެތި) ގޮންގަނޑު ވަރުގަދަ ދެ ޖަމަލު ގެނެވޭނީ ކާކަށް ހެއްޔެވެ؟” ފަހެ، ތިމަންމެން ދެންނެވީމެވެ. “އޭ ﷲގެ ރަސޫލާއެވެ! (އެކަމަށް ކުޅަދާނަނުވިނަމަވެސް އެފަދަ ޖަމަލުތަކެއް ކޮންމެދުވަހަކު) ގެނައުމަށް ތިމަންބޭކަލުން ލޯބިކުރައްވަމެވެ.” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިޔައިގެ ތެރެއިން ބޭކަލަކު ދުވާލުގެކުރީކޮޅު މިސްކިތަށް ދިޔުމަށްފަހު، ﷲ عَزَّ وَجَلَّ ގެ ފޮތުން ދެ އާޔަތެއްގެ ޢިލްމު އުގެނި ނުވަތަ ދެ އާޔަތް ކިޔެވުމަކީ ދެ ޖަމަލަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ކަމެކެވެ. އަދި ތިން އާޔަތް ތިން ޖަމަލަށްވުރެ ހެޔޮކަން ބޮޑުވެގެންވެއެވެ. އަދި ހަތަރު އާޔަތް ހަތަރު ޖަމަލަށްވުރެ ހެޔޮކަން ބޮޑުވެގެންވެއެވެ. އަދި (މިގޮތަށް ގިނަ) އާޔަތްތަކުގެ ޢަދަދަށްވާ ޖަމަލުތަކަށްވުރެ ހެޔޮކަން ބޮޑުވެގެންވެއެވެ.”([6])

(14) ޤުރްއާން ކިޔަވައި، އެ ފޮތަށް ޢަމަލުކުރާ މުއުމިނަކީ އެމީހެއްގެ ބޭރުފުށާއި އެތެރެފުށްވެސް ހެޔޮ މީހެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވާ ފަދައިންނެވެ. “ޤުރްއާން ކިޔަވާ މީހާގެ މިސާލަކީ ‘އުތުރުއްޖާ’ (ނާރިނގުގެ އާއިލާގެ ވައްތަރެއް) ގެ މިސާލެވެ. އޭގެ ރަހަ ރަނގަޅެވެ. އަދި ވަސްވެސް ރަނގަޅެވެ. ޤުރްއާން ނުކިޔަވާ މީހާގެ މިސާލަކީ ކަދުރެއްގެ މިސާލެވެ. އޭގެ ރަހަ މީރެވެ. ނަމަވެސް އޭގައި ވަހެއް ނުހުރެއެވެ. ޤުރްއާން ކިޔަވާ ފާޖިރެއްގެ މިސާލަކީ ގަނދަކޯޅީގެ މިސާލެވެ. އޭގެ ވަސް ރަނގަޅެވެ. ރަހަ ހިއްޗެވެ. އަދި ޤުރްއާން ނުކިޔަވާ ފާޖިރެއްގެ މިސާލަކީ ‘ޙަންޡަލާ’ (ކެކުރީގެ ވައްތަރެއް) ގެ މިސާލެވެ. އޭގެ ރަހަ ނުބައެވެ. އަދި އެއްވެސް ވަހެއް ނުހުރެއެވެ.”([7])

(15) މުސްލިމުން އެއްބަޔަކު އަނެއްބަޔަކާ ވާދަކޮށް ކުރިއަރައިގެންދާންޖެހޭނެ އެންމެބޮޑު އެއް ނިޢުމަތަކީ ޤުރްއާން ކިޔެވުމާއި، އެ ފޮތާ އެއްގޮތަށް ޢަމަލުކުރުމެވެ. ޙަދީޘްގައި އައިސްފައިވެއެވެ. ((لَا حَسَدَ إِلَّا فِي اثْنَتَيْنِ: رَجُلٌ عَلَّمَهُ اللَّهُ القُرْآنَ، فَهُوَ يَتْلُوهُ آنَاءَ اللَّيْلِ، وَآنَاءَ النَّهَارِ، فَسَمِعَهُ جَارٌ لَهُ، فَقَالَ: لَيْتَنِي أُوتِيتُ مِثْلَ مَا أُوتِيَ فُلاَنٌ، فَعَمِلْتُ مِثْلَ مَا يَعْمَلُ، وَرَجُلٌ آتَاهُ اللَّهُ مَالًا فَهُوَ يُهْلِكُهُ فِي الحَقِّ، فَقَالَ رَجُلٌ: لَيْتَنِي أُوتِيتُ مِثْلَ مَا أُوتِيَ فُلاَنٌ، فَعَمِلْتُ مِثْلَ مَا يَعْمَلُ))([8]) މާނައީ: ދެ މީހަކާމެދުގައި މެނުވީ ޙަސަދަވެރިވުމެއްނުވެއެވެ. (އެއިގެ ތެރެއިން އެކަކީ؛) ﷲ އެމީހަކަށް ޤުރްއާން އުގަންނަވައިދެއްވާފައިވާ މީހެކެވެ. ފަހެ، އެމީހާ ރޭގަނޑުގެ ވަގުތުތަކުގައްޔާއި ދުވާލުގެ ވަގުތުތަކުގައި އެ ފޮތް ކިޔަވައެވެ. އެމީހާގެ ކިޔެވުމުގެ އަޑު އިވޭހިނދު، އެމީހާގެ އަވަށްޓެރިޔާ ބުނެއެވެ. “ތިމަންނައަށް ހުރި ދެރަކަމާއެވެ! އެވެނި މީހަކަށް ލިބިގެންވި ކަންތައް ތިމަންނައަށްވެސް ލިބިގެންވީނަމައެވެ. ފަހެ، ތިމަންވެސް އެމީހަކާ އެއްގޮތަށް ޢަމަލުކުރީމުހެވެ.” އަދި (ދެވަނަ މީހަކީ؛) ﷲ އެމީހަކަށް މުދާ ދެއްވާފައިވާ މީހެކެވެ. ފަހެ، އެމީހާ ޙައްޤުގޮތުގައި އެ މުދާތައް ހޭދަކުރެތެވެ. ފަހެ، (އެތަން ފެނިފައި) މީހަކު ބުނެއެވެ. “ތިމަންނައަށް ހުރި ދެރަކަމާއެވެ! އެވެނި މީހަކަށް ލިބިގެންވި ކަންތައް ތިމަންނައަށްވެސް ލިބިގެންވީނަމައެވެ. ފަހެ، ތިމަންވެސް އެމީހަކާ އެއްގޮތަށް ޢަމަލުކުރީމުހެވެ.”

މި ޙަދީޘްގައިވާ ޙަސަދައިގެ މުރާދަކީ: الغِبْطَةُ އެވެ. އެއީ؛ އެހެންމީހަކަށް ލިބިފައިވާ ނިޢުމަތެއް، އެމީހެއްގެ ކިބައިން އެ ނިޢުމަތެއް ފިލައިދިޔުމަށް ނޭދޭޙާލު، އެ ނިޢުމަތެއް ތިމާއަށްވެސް ލިބުމަށްއެދުމެވެ. ކިޔަމަންތެރިވުމުގެ ގޮތުން ކުރެވޭ ކަންކަމުގައި މިއީ އެދެވިގެންވާ މުސްތަޙައްބުކަމެކެވެ. އެހެންކަމުން، ޙަދީޘްގެ މާނައަކީ: ނިޢުމަތެއް އެހެންމީހެއްގެ ކިބައިން ފިލައިދިޔުމަށް ނޭދި، ތިމާއަށްވެސް އެ ނިޢުމަތެއް ލިބުމަށް އެދެވިގެންވާ މުސްތަޙައްބުކަމެއްކަމުގައިވާނީ (ޙަދީޘްގައި ބަޔާންވެގެންވާ) ދެ ޞިފައާއި އެ ދެ ޞިފައިގެ މާނާގައިވާ އެހެނިހެން ހެޔޮކަންކަމެވެ.([9])

https://etukuri.mv/
tel:+9607331319