
ދޫ ރައްކާތެރިކުރުމާއި އައުރަ ނިވާކުރުން
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 27 އޯގަސްޓު 2025 - 05:54
މިއިންކޮންމެ ނިޢުމަތެއްދެއްވި ކަމަށް ޓަކައި މާތް ﷲ އަށް ޙަމްދާއި ޝުކުރުކުރަންޖެހެއެވެ. އެގޮތުން އެއިން ކޮންމެ ނިޢުމަތެއްގެ ބޭނުން ކުރަންވާނީ އެކަލާނގެ ރުހިވޮޑިގެންވާ ގޮތުގެ މަތީންނެވެ.
މިގޮތުން އިންސާނުންނަށް ދެއްވި އެއް ނިޢުމަތަކީ ދުލުގެ ނިޢުމަތެވެ. އިންސާނުން ހިތުގައި އުފެދޭ ޝުޢޫރުތައް ބޭރުކުރުމަށާއި ކާބޯތަކެތީގެ ރަހަބެލުމަށް ދޫ ދެއްވިއެވެ. އެކަލާންގެ ވަޙި ބަސްފުޅުގައިވެއެވެ. (ألم نجعل له عينين، ولسانا وشفتين) البلد: ٨ – ٩ މާނައަކީ: "ތިމަން ﷲ އެއިންސާނާ އަށް ދެލޯނުދެއްވަމުހެއްޔެވެ. އަދި ދުލަކާއި ދެތުންފަތެވެ".
އީމާންކަމާއި ކުފުރު ތަފާތުކޮށްދެނީ ދުލުން ބުނާބަހަކުންނެވެ. އިންސާނާ ސުވަރުގެވަންތަވެރިއަކަށްވުމާއި ނުވުން ގުޅިފައިވަނީ ދުލާއެވެ. ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (إن العبد ليتكلم بالكلمة ما يتبين فيها يزل بها إلى النار أبعد ما بين المشرق والمغرب) މާނައަކީ: "އަޅާ ތެދުދޮގުބެލުމެއްނެތި ވާހަކަދެއްކުމުގެ ސަބަބުން ނަރަކައަށް ވައްޓައިލެވެއެވެ". އެހެންކަމުން މިދޫ ރައްކާތެރިކުރަން އެބަޖެހެއެވެ. އެކަންނުކުރެވިއްޖެނަމަ އެމީހަކު ނަރަކައިގެ އަލިފާންގަނޑުގެ ތެރެއަށް ވައްޓައިލެވެއެވެ.
އަނެއްކޮޅުން ދޫ ފުރިހަމަ ގޮތުގައި ރައްކާކުރެވިއްޖެނަމަ އެމީހަކަށް ސުވަރުގެލިބޭނެ ކަމުގެ އުފާވެރި ޚަބަރު ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމްވަނީ ދެއްވާފައި ވެއެވެ. ޙަދިޘް ކުރެއްވިއެވެ. (من يضمن لي ما بين لحييه وما بين رجليه أضمن له الجنة)، މާނައަކީ: "އެމީހެއްގެ ދެކޯދޭތެރޭގައިވާތަނާއި)އަނގަ) ދެފައިދޭތެރޭގައިވާތަން(ފަރުޖު) ރައްކާތެރިކުރާނެ ކަމުގެ ގެރެންޓީދީފި މީހަކަށް ސުވަރުގެ ލިބޭނެކަމުގެ ގެރެންޓީ ތިމަންކަލޭގެފާނު ދެއްވަމެވެ".
މުޢާޛް ބިން ޖަބަލު ރަޟިޔަﷲ ޢަންހު އަށް ކީރިތި ރަސޫލާ ޞައްލަﷲ އަލައިހިވަސައްލަމް އެކިވައްތަރުގެ ހެޔޮކަންތައްތައް ބުނެދެއްވުމުން މުޢާޛް ސުވާލުދެންނެވިއެވެ. ތިމަންކަލޭގެފާނަށް ސުވަރުގެއަށްވަދެވި ނަރަކައިން ދުރުހެލިވާނެ ކަމެއްދަސްކޮށްދެއްވާށެވެ. ޙަދީޘް ކުރެއްވިއެވެ. "ހުރިހާ ހެޔޮކަމެއްގެ މައިގަނޑު ބުނެދެއްވަން ހެއްޔެވެ". މުޢާޛް ދެންނެވިއެވެ. "އާދޭހެވެ"، އެހިނދު ކީރިތި ރަސޫލާ ޞައްލަﷲ އަލައިހިވަސައްލަމަ އެކަލޭގެފާނުގެ ދޫކޮޅުގައި ހިއްޕަވައި ޙަދީޘް ކުރެއްވިއެވެ. "މިއެތި ހިފަހައްޓާށެވެ"، އެހިނދު މުޢާޛް ދެންނެވިއެވެ. "އަހަރުމެން ދައްކާވާހަކައެއްގެ ސަބަބުން ފާފަލިބޭތޯއެވެ؟"، ޙަދީޘް ކުރެއްވިއެވެ. "މީސްތަކުން މޫނުވަތަށް ނަރަކައަށް ވައްޓައިލެވެނީ އެމީހުންގެ ދުލުން ބޭރުކުރި ބަސްތަކެއްގެ ސަބަބުން ނޫން ކޮން ކަމަކުން ހެއްޔެވެ؟!". ދޫރައްކާތެރިކުރުމަކީ އީމާންކަމާއި ގުޅިފައިވާ ކަމެކެވެ. ޙަދީޘް ކުރެއްވިއެވެ، (من كان يؤمن بالله واليوم الآخر فليقل خيرا أو ليصمت) މާނައަކީ: "ﷲ އާއި އާޚިރަތްދުވަހަށް އީމާންވާމީހާ ހެޔޮބަސްބުނާހުށިކަމެވެ. ނޫންނަމަ ހަނުހުންނާށެވެ".
އަޅުގަޑުމެންގެ ކަންތައް ހުންނަގޮތާއި މެދު ނަޘަރުހިންގާލައިފި މީހަކަށް ޢަޖައިބު ކަންތައްތަކެއްފެނިގެންދެއެވެ. މީސްތަކުން ދުލާއިމެދު ކުޑަވެސް ފަރުވާތެރިކަމެއް ބަހައްޓާތަނެއް ނުފެނެއެވެ. ޙަގީގަތާއި ޚިލާފުވާހަކަ ދެއްކުމާއި، ޣީބަބުނުމާއި، ދެބައޮޑުވުން ފަދަ ނުރައްކާތެރި ކަންތައްތައް އަޅުގަޑުމެންގެ މުޖްތަމަޢުގައިވަނީ ޢާއްމުވެފައިވަނީ ބިރުގަންން ދަރަޖައަށެވެ. މިކަމަކީ ކިހާވަރެއްގެ ނުރައްކާތެރިކަމެއް ކަމާއިމެދު ކުޑަކޮށްވެސް ވިސްނައެއް ނުލައެވެ. ދުލުންބޭރުކުރާ ކޮންމެ ލަފްޡަކީ ރަގީބް އާއި ޢަތީދް ލިޔުއްވާނެ އެއްޗެއްކަމާއިމެދު ވިސްނައިނުލައެވެ. (ما يلفظ من قول إلا لديه رقيب عتيد) ق: ١٨ މާނައަކީ: "އޭނާގެ ދުލުންބޭރުކުރާ ކޮންމެ ބަހެއް ރަގީބް އާއި ޢަތީދް ލިޔުއްވައެވެ".
އަޅުގަނޑުމެންނަށް ﷲ ދެއްވި އެންމެބޮޑު ނިޢުމަތަކީ އިސްލާމްދީނުގެ މަތިވެރި ނިޢުމަތްކަން ކަށަވަރެވެ. އެންމެ ވަރުގަދަ ހަތިޔާރަކީ އެދީނުގެ އަޤީދާކަން ކަށަވަރެވެ. އެ ދީނުގައި ސާބިތުކަމާއެކު ތިބެވޭނީ އެކަކު އަނެކަކަށް އެއްބާރުލުންދީ އެހީތެރިވެގެންކަމަށް އަޅުގަނޑު ދެކެމެވެ.
ފަހަކަށް އައިސް އިސްލާމީ މުޖުތަމަޢުތަކުގެ ގިނަ އަންހެނުންވަނީ ހުޅަނގުގެ ޘަޤާފަތުގެ ޝިކާރައަކަށް ވެފައެވެ. މީގެ އަސަރު އަޅުގަނޑުމެންގެ މުޖުތަމަޢަށްވެސް ވަނީ ކޮށްފައެވެ. ބައެއް އަންހެނުންވަނީ އައުރަ ނިވާނުވާވަރުގެ ހެނދުން ލުމުގައި ޣާފިލުވެފައެވެ. އެއީ އެމީހުންނަށް ދީނުގައި އޮންނަގޮތް ނޭގެތީ ކަމަށްވެސް ވެދާނެއެވެ. ނޫނީ އެނގިހުރެ ތިމާގެ ހަވާނަފުސަށް ތަބާވަނީކަމަށްވެސް ވެދާނެއެވެ.
ލޮބުވެތި އުޙުތާއެވެ! ވަގުތު ފާއިތުވުމުގެ ކުރިން ތިބާގެ އައުރަ ނިވާކުރުމަށް އަވަސްވެގަންނާށެވެ. އަންހެނާގެ އައުރައަކީ އޭނާގެ އަބުރާ ޝަރަފެވެ. އިއްޒަތާއި ކަރާމަތެވެ. އަޅުގަނޑުމެންނަށް އަންގަވާފައިވަނީ ހެނދުންލައިގެން ނިވާވެގެން ތިބުމަށެވެ. އަޅުގަނޑުމެންގެ ހަޤީޤީ އަދާވަތްތެރިޔާ ޝައިތާނާ، އޭނާގެ މަޅީގައި އަޅުގަނޑުމެން އެންމެން ޖެއްސުމަށް މަސައްކަތްކުރާނެއެވެ. ﷲ ގެ ވަހީބަސް ފުޅެއްގެ މާނަގައި ވެއެވެ. ” އާދަމްގެ ދަރީންނޭ! ޝައިތާނާގެ ފިތުނައިގައި ތިޔަބައިމީހުން ނުޖެހޭ ހުށިކަމެވެ. ތިޔަބައިމީހުންގެ މައިންބަފައިން މީގެކުރިން ސުވަރުގެއިން ނެރިލި ފަދައިންނެވެ. އެދެމީހުންގެ ކިބައިން އެދެމީހުންގެ ހެނދުން ބޭލުވިއެވެ. އެއީ އެދެމީހުންގެ ހަށިގަނޑުގެ އައިބުތައް ދެއްކުމަށެވެ. އެސޮރާއި އެސޮރުގެ ބައިވެރީން ތިޔަބައިމީހުންނަށް ނުފެންނަތަނުގައި ތިބެ ތިޔަބައިމީހުންނަށް އެބަ ބަލައެވެ. ހަމަކަށަވަރުން ތިމަންއިލާހަށް އީމާންނުވާ މީހުންގެ ރަޙްމަތްތެރީންކަމުގައި ޝައިތާނުން ލެއްވީމެވެ.”
މުސްލިމް އަންހެނުން ބުރުގާއަޅައި ހަށިގަނޑު ނިވާކޮށް އަބުރުވެރިކަމާއި ޢިއްފަތްތެރިކަމާއެކުގައި ތިބުމަށް ﷲ އެކަނބަލުންނަށް އަމުރުކުރައްވާފައި ވެއެވެ. ” އަދި މުއުމިނު އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި އެކަނބަލުންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ. އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާ ތަންތަން ފިޔަވައި (އެބަހީ : މޫނާ ދެއަތްތިލަ ފިޔަވައި ) އެކަނބަލުންގެ ޒީނަތްތެރިކަން ހިލޭ ފިރިހެނުންނަށް ފާޅު ނުކުރާ ހުށިކަމެވެ. އަދި އެކަނބަލުންގެ ފިރީންނަށް ނުވަތަ އެކަނބަލުންގެ ބަފައިންނަށް ނުވަތަ އެކަނބަލުންގެ ފިރީންގެ ބަފައިންނަށް ނުވަތަ އެކަނބަލުންގެ ފިރީންގެ ފިރިހެން ދަރީންނަށް ނުވަތަ އެކަނބަލުންގެ އަޚުންނަށް ނުވަތަ އެކަނބަލުންގެ އަޚުންގެ ފިރިހެން ދަރީންނަށް ނުވަތަ އެކަނބަލުންގެ އުޚުތުންގެ ފިރިހެންދަރީންނަށް ނުވަތަ އެކަނބަލުންގެ ތެރެއިން އަންހެނުންނަށް ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރިކަމެއް ނުހިނގާވަރުގެ ގެންގުޅޭ މީހުންނަށް ނުވަތަ އަންހެނުންގެ އައުރައަކީ ކޮބައިކަން ނޭގޭވަރުގެ ކުޑަކުއްޖަކަށް މެނުވީ ، އެކަނބަލުންގެ ޒީނަތް ފާޅުނުކުރާ ހުށިކަމެވެ. އަދި އެކަނބަލުންގެ (ގަހަނާތަކާއި) ޒީނަތުގެ ތެރެއިން ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި ފައިތިލަތަކުން (ބިމުގައި) އެކަނބަލުން ނުތަޅާ ހުށިކަމެވެ. އޭ އެންމެހައި މުއުމިނުންނޭވެ! ތިޔަބައިމީހުން އެންމެން ﷲ އަށް ތައުބާވާށެވެ. (އެއީ ތިޔަބައިމީހުން ދިންނަވައި ނަސީބު ލިބިގަތުމަށްޓަކައެވެ.”
އަދި ހަމައެހެންމެ އަލް އަޙްޒާބު ސޫރަތުގައި ﷲ ވަހީކުރައްވާފައިވަނީ ” އޭ ނަބިއްޔާއެވެ. ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި ދަރިދަރިކަނބަލުންނާއި މުއުމިންގެ އަންހެނުން، އެކަނބަލުންގެ ޖިލްބާބުތަކުން ނިވާވެތިބުމަށް އަންގަވާށެވެ! ފާސިޤުންގެ ކިބައިން އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާގާތްކަން ބޮޑެވެ. ﷲ އީ ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ ރަސްކަލާންގެއެވެ.”
ލޮބުވެތި އުޚުތުންނޭވެ! ބުރުގާ އަޅައި އައުރަ ނިވާކުރަންޖެހޭކަން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘްފުޅުތަކުންވެސް އަޅުގަނޑުމެންނަށް އެނގިގެންދެއެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ. “ނަރަކައިގެ އަހުލުވެރިންގެތެރެއިން ދެބާވަތެއްގެ ބަޔަކުވެއެވެ. ތިމަންކަލޭގެފާނު އެދެބާވަތުގެ މީހުން ދެކެވަޑައެއް ނުގަންނަވަމެވެ. އެއީ ގެރީގެ ނިގޫފަދަ ޗާބޫކުތަކުން މީހުންގައިގާ ނުހައްގުން ތަޅާ އަދަބުދޭ ބަޔަކާ، ހެނދުންލައިގެން އޮރިޔާމުން ތިބޭ އަންހެނުންތަކެކެވެ. އެކަނބަލުންނަކީ ސީދާމަގުން އެއްކިބާވެ ނުބައިކަންތަކަށް ލެނބިފައިތިބޭ އަދި އެހެންމީހުން ސީދާމަގުން އެއްކިބާކޮށް ލަންބުވާބައެކެވެ. އެކަނބަލުންގެ އިސްތަށިގަނޑު ހީވާނީ ޖަމަލުގެ ގޮންގަނޑުހެންނެވެ. އެކަނބަލުންނަށް އެއްގޮތަކަށްވެސް ސުވަރުގެއަކަށް ނުވަދެވޭނެއެވެ. އަދި ސުވާރުގޭގެވަސްވެސް ނުގަނެވޭނެއެވެ. އެތާނގެވަސް މިވެނި އެވެނި ދުރުމިނަކަށް ހުންނާނެއެވެ.”
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
3 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
3 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
3 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
3 އަހަރު ކުރިން