
އުސް އިމާރާތްތައް ބިނާކުރާއިރު ރައްކާތެރިކަމަށް ސަމާލުވާންޖެހޭ

މުޙައްމަދު ފަޟްލޫން - 06 ނޮވެމްބަރު 2025 - 18:58
ޒަމާން ބަދަލުވެ ތަރައްގީވަމުންދާ ވަރަކަށް އެކި ފެންވަރުގެ އެކި ފަންތީގެ ގޯތިގެދޮރު އިމާރާތްކުރުން ވަނީ ފެޝަނަކަށް ވެފައެވެ.
މާލޭގެ މަލަމަތިން ފެންނަ އުސް އިމާރާތްތަކާއި އެއްވަރަށް މާލެ ސަރަހައްދުގެ އެހެނިހެން ދިމަ ދިމާލުންވެސް މިއަދު ފެނިގެންދަނީ އުސް އިމާރާތްތައް ކުރަމުންދާ މަންޒަރެވެ.
މާލެ އާއި ހުޅުމާލޭގައި ހުރި އުސް އިމާރާތްތަކަށް ބަލާނަމަ ރީތި އިމާރާތްތަކާއި އައު އަދި ބައު އިމާރާތްތައްވެސް ފެނެއެވެ. ސުވާލަކީ ބައު އިމާރާތްތައް ވީރާނާވެ ދަންދެން އެ އިމާރާތްތައް މަރާމާތު ނުކޮށް ނުވަތަ އެ އިމާރާތްތަކުގެ ބަދަލުގައި އެހެން އިމާރާތްތަކެއް ގާއިމް ނުކޮށް ތިބުމަކީ ކޮންކަހަލަ ކަމެއް ބާއެވެ؟
މާލޭގައި ދުވަސްވީ ބައެއް އިމާރާތްތަކުގެ ތަންތަންގަނޑު ދޭތެރެ ދޭތެރެއިން ވެއްޓެއެވެ. މިހެން ދިމާވަނީ ފަހަރުގައި އިމާރާތް ބައުވުމާއި، ގުދުރަތީ ގޮތުން އިމާރާތަށް ދިމާވާ ކޮންމެވެސް ކަމެއް ނުވަތަ އެ އިމާރާތް ބިނާކުރުމުގައި ވެވިފައިވާ އިހުމާލެއްގެ ސަބަބުން ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.
އުސް އިމާރާތްތަކުގެ ފުރިހަމަ މިސާލަކަމަށް ބަލާނަމަ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާފްލެޓްތަކަކީ ރީތި އަދި އެހާމެ އުސް އިމާރާތްތަކެކެވެ.
ހިޔާ ފްލެޓް ތަކަކީ ލޮލަށް ބަލައިލަން ރީތި ފްލެޓްތަކެކެވެ. ޖާގަ ތަނަވަސްވެފައި އެތައް އާއިލާތަކަކަށް ބޯހިޔާވަހިކަން ލިބިދިން ބިނާތަކެކެވެ. ނަމަވެސް އެތަންތަނުގެ ސަލާމަތާއި ރައްކާތެރިކަމާއި މެދު މިއަދު މިވަނީ ބިރުވެރިން ހިތުގައި އުފެދިފައެވެ.
ބިރެވެރިކަން އުފެދުނީ ބެލްކަންޏަށް ވާ ގޮތަށް ހަރުކޮށްފައި ހުންނަ ދޮރާއި ދިމާ ބޭރުގައި ހުންނަ ބެލްކަނި ނުވަތަ ރެއިލިންގ މާ ތިރިވުމުގެ ސަބަބުން ނުރައްކާތެރި ހާދިސާ ހިނގައި މީހުން މަރުވެފައިވެއެވެ.
މިހާތަނަށް ހިޔާ ފްލެޓްގައި 7 ވަރަކަށް މަރު ހިނގާފައިވާއިރު މިއީ ވިސްނާލަންޖެހޭ ސީރިއަސް މައްސަލައެކެވެ.
ހިޔާ ފްލެޓް ސަރަހައްދުގައި އިޖްތިމާއީ އެތަކެއް މައްސަލަތައް އިތުރުވަމުންދާއިރު އެ މައްސަލަތައް މަދުކުރަން ކަމާއި ބެހޭ ފަރާތްތަކުންވެސް މުހިއްމު މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
އިމާރާތްތައް ކުރާއިރު އިމާރާތް ކުރާ ތަންތަނުގެ ފެންވަރަށް ބެލުމާއި އިމާރާތްތަކެއް ޖެހިޖެހިގެން ކައިރި ކައިރީގައި އެޅުމުން އެކަމުގެ ސަބަބުން ކުރިމަތިވެދާނެ އުނދަގޫތަކާއި ބެހޭ ގޮތުން ވިސްނާލުމަކީވެސް ބޭނުންތެރިކަމެކެވެ.
އިމާރާތްތައް ބައެއް ފަހަރު ބުރި ބުރިއަށް ނަގަނީ ޖާގައިގެ ގޮތުން ދަތިކަން ހުރުމުގެ ސަބަބުންނެވެ.
އަނެއްބައި ފަހަރު އިމާރާތްތައް މަތިމައްޗަށް ޝީޓުއަޅައިގެން ނަގަމުންދަނީ ރީތިކަމާއި ހިތްގައިމުކަން ދެއްކުމުގެ ގޮތުންނެވެ.
ރާއްޖޭގެ ބިމުގައި އިމާރާތެއް ކުރާއިރު އެ އިމާރާތުގެ ފެންވަރާއި މެދު ވިސްނާލުމަކީ ވަރަށް މުހިއްމު ކަމެކެވެ.
އުސް އިމާރާތްތައް ގިނަ ވުމުގެ ސަބަބުން އުފެދޭ ނޭދެވޭ މައްސަލަތަކަށް ބަލާއިރު ތޮއް ޖެހުން އިންތިހާއަށް އިތުރުވެ އެކަމުގެ ނޭދެވޭ އަސަރު ވަށައިގެންވާ މާހައުލަށް ކުރާތަން މަދުން ނަމަވެސް ފެނިގެންދެއެވެ.
މިސާލެއްގެ ގޮތުން މަގުމަތީގެ ހަލަބޮލިކަމާއި ވެހިކަލް ޕާކްކުރާނެ ޖާގަތައް މަދުވުމާއި ވައި ނުސާފުވުން ފަދަ އެތައް ކަމެއް ހިމެނެއެވެ.
އިމާރާތްތައް ގިނަ ވުމުގެ ސަބަބުން ދިމާވާ އަނެއް މައްސަލަ އަކީ ހިތްފަސޭހަކޮށްލަން ދާނެ ޖާގަތައް މަދުވުމެވެ.
މާލެއަކީ ބިމުގެ ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑުތަނަށްވުމުން ދިރިއުޅުމުގެ ޖާގަ ހޯދުމަށް އުސް އިމާރާތް އެޅުމަކީ ދިރިއުޅުމުގެ މުހިއްމު ހައްލެކެވެ.
ނަމަވެސް މާލޭގައި އުސްއިމާރާތް ތައް ގިނަ ވުމުގެ ސަބަބުން މަގުތަކުގައި ދުވާލުގެ ވަގުތުތަކުގައި ވެސް އަނދިރިކަން އިހްސާސްވެ އެކަށީގެންވާ ވަރަށް އަވީގެ އަލި ނުލިބުމަކީ ދިރިއުޅުމުގެ ފެންވަރަށް ނޭދެވޭ އަސަރު ކުރާ ކަމެކެވެ.
މިހާރުވެސް ބާރުބޮޑުވެފައިވާ މާލޭގެ ފެނާއި ނަރުދަމާގެ ނިޒާމާއި ކަރަންޓުގެ ހިދުމަތަށް އުސް އިމާރާތްތަކުގެ ސަބަބުން އިތުރަށް ބާރު ބޮޑުވެއެވެ. އެހެންކަމުން އުސް އިމާރާތްތައް ބިނާކުރާއިރު ދުރު ރާސްތާ ރޭވުންތަކާއި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ސަމާލުކަން ދީގެން ކުރިއަށް ގެންދިއުމަކީ މުހިއްމު ކަމެކެވެ.
އުސް އިމާރާތްތަކަކީ ތަރައްގީ އާއި ކުރިއެރުމުގެ ރަމްޒެއް ކަމުގައި ވެސް ބެލެވިދާނެއެވެ.
ބިން ކުޑަ އާބާދީ ބޮޑޫ ސިޓީތަކަށް އުސް އިމާރާތްތަކެއް ހުރުމަކީ ބޭނުންތެރި ކަމެކެވެ. ނަމަވެސް އެ އިމާރާތްތަކާއި ގުޅިފައިވާ ގިނަ ގޮންޖެހުންތަކެއް ހުރއެވެ. އެހެންކަމުން އުސް އިމރާތްތައް ބިނާކުރާއިރު ތިމާވެއްޓަށް ގެއްލުން ނުލިބޭނެ ގޮތަށް އަދި އާއްމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭނެ ގޮތަކަށް ރޭވުންތައް ރާވަންޖެހެއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން


