
ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންގެ ތެރޭގައި ފުއްޕާމޭގެ ކެންސަރު އިތުރުވަނީ! އެއީ ކީއްވެގެން ބާ؟

މުޙައްމަދު މުޝްރިފް - 17 ފެބްރުއަރީ 2025 - 07:00
އާބާދީގެ ނިސްބަތެއްގެ ގޮތުގައި ދުނިޔޭގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ އަދަދު ދަށްވަމުންދާއިރު، ފުއްޕާމޭގެ ކެންސަރުގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 2 މިލިއަން މީހުން މަރުވަމުންދެއެވެ. ދުވަހަކުވެސް ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންގެ ތެރޭގައި ކޭސްތައް ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާ ކަމަށް އާ ދިރާސާ ރިޕޯޓްތަކުން ދައްކައިފިއެވެ.
މި ދިރާސާގެ ފަހަތުގައި ތިބި ބައިނަލްއަގްވާމީ ޓީމުން ހޯދި ހޯދުންތަކުން ދައްކާ ގޮތުގައި މި ގްރޫޕްގެ މީހުންގެ ފުއްޕާމޭގެ ކެންސަރުގެ ނިސްބަތް ވައި ތަޣައްޔަރުވުމުގެ މިންވަރު އިތުރުވުމާއި އޭގެ ސަބަބުން ސިއްހަތަށް ލިބޭ ގެއްލުންތަކާ ގުޅިދާނެ ކަމަށާއި އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ އިރުމަތީ އޭޝިއާ ޚާއްސަކޮށް ޗައިނާއަށެވެ.
"ދުނިޔޭގައި ފުއްޕާމޭގެ ކެންސަރަކީ ނިސްބަތުން އެންމެ ގިނަ ކެންސަރަށް ވާތީ، ބަދަލުވަމުން އަންނަ ބަލިޖެހުމާއި ގިނަވުމުގެ ޕެޓަރންތަކާއި އެކަމުގެ ސަބަބުތައް ފުރިހަމައަށް ދެނެގަތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް،" ކަމުގައި ދިރާސާވެރިން ޝާއިއުކުރި ކަރުދާހުގައި ލިޔެފައިވެއެވެ.
2022 ވަނަ އަހަރު ގްލޯބަލް ކެންސަރ އޮބްޒަވޭޓަރީ (ގްލޯބޮކެން) ސާވޭގެ ތަފާސްހިސާބުތަކުގެ އިތުރުން 1988 އިން 2017 އަށް ކެންސަރު ޖެހުނު މީހުންގެ އެހެން ރެޖިސްޓްރީތަކަށް ބަލައި ދިރާސާވެރިން ވަނީ މުޅި ދުނިޔޭގައި ފުއްޕާމޭގެ ކެންސަރުގެ އެންމެ އާންމު ވައްތަރުގެ ގޮތުގައި އެޑިނޯކާސިނޯމާ ކަނޑައަޅާފައެވެ.
އެޑިނޯކާސިނޯމާ ފެށެނީ ގްލޭންޑްތަކުން ކަމަށާއި، ދުންފަތުގެ އިސްތިއުމާލު ކުރުމުން މިއީ ޔަގީނުން ވެސް ދިމާވެދާނެ ކަމެއް ނަމަވެސް، ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ކެންސަރުގެ އެންމެ އާއްމު ވައްތަރެއް ނޫނެވެ. ނަމަވެސް ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންގެ ފުއްޕާމޭގެ ކެންސަރުގެ އެންމެ އާންމު ވައްތަރެވެ.
އެމީހުންގެ ހޯދުންތައް ކުރީގެ ދިރާސާތަކާ ކްރޮސް ރެފަރެންސްކޮށް، ދުވަހަކުވެސް ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންގެ ފުއްޕާމޭގެ ކެންސަރުގެ ކޭސްތައް އިތުރުވަމުންދާކަން ދިރާސާވެރިން ދެނެގެންފައި ވެއެވެ. އެއީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުން އެކަމުން ދުރުކުރަން ކުރާ މަސައްކަތްތަކާއި ޒުވާނުން ފުރަތަމަ ފަހަރަށް އެ އާދަ ފެށުމާއި ދުރުކުރުމަށް ކުރާ މަސައްކަތްތަކުގެ އިތުރުން މިހާރު އެންމެ ބޮޑަށް ހައްލެއް ހޯދަން ޖެހިފައިވާ މައްސަލަ ކަމަށް ދިރާސާވެރިން ބުނެ އެވެ.
"ދުނިޔޭގެ ގިނަ ގައުމުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ އާބާދީ ދަށްވަމުންދާއިރު، ދުވަހަކުވެސް ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންގެ ފުއްޕާމޭގެ ކެންސަރުގެ ނިސްބަތް ދަނީ އިތުރުވަމުން" ކަމަށް ދިރާސާވެރިން ލިޔެފައި ވެއެވެ.
"ދުވަހަކުވެސް ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންގެ ފުއްޕާމޭގެ ކެންސަރަކީ މުޅި ދުނިޔޭގައި ކެންސަރާ ގުޅިގެން މަރުވާ ފަސްވަނަ ސަބަބު އަދި އޭގެ މައިގަނޑު ވައްތަރަކީ އެޑިނޯކާސިނޯމާ ކަމަށާއި އެންމެ ގިނައިން މިކަން ދިމާވަނީ އަންހެނުންނާއި އޭޝިއާގެ އާބާދީތަކުގައި" ކަމަށް ވެސް މި ދިރާސާއިން ދައްކައެވެ.
ރިސާޗް ޓީމުން ބުނާ ގޮތުގައި ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންގެ ފުއްޕާމޭގެ ކެންސަރު އިތުރުވުމުގެ ސަބަބުގެ އެއްބަޔަކީ ވައި ތަޣައްޔަރުވުން އިތުރުވުމެވެ. ކުރީގެ އެތައް ދިރާސާ އަކުން ވެސް ވަނީ މިކަން ކަށަވަރު ކުރެވިފައެވެ.
މިބަލި އިރުމަތީ އޭޝިއާ އާއި ޚާއްސަކޮށް ޗައިނާއާ ގުޅުވާލެވޭ އިރު، މިއީ ވައިގެ ނުސާފުކަން ދުނިޔޭގައި އެންމެ ގޯސް ބައެއް ގައުމުތަކެވެ.
ފުއްޕާމޭގެ ކެންސަރު ޖެހޭ އެއް ސަބަބު މަދުވަމުން ދިޔަ ނަމަވެސް އަނެއް ސަބަބު އިތުރުވަމުން އަންނައިރު، މި ސަބަބަކީ އަމިއްލަ ދިރިއުޅުމުގެ ވައްޓަފާޅި އާއި ގުޅުވާނުލެވޭ، ނަމަވެސް މުޅިދުނިޔޭގެ ތިމާވެށްޓާއި ދުނިޔޭގެ ވައި ތަޣައްޔަރުވުމާ ގުޅޭ ސަބަބެއް ކަމަށް ވެސް މި ދިރާސާއިން ފާހަގަ ވެއެވެ.
ގިނަގިނައިން ޑޭޓާ އެއްކުރުމާއި ތަހުލީލު ކުރުމުން އަބަދުވެސް ވާހެން ސައިންސްވެރިންނަށް ފުއްޕާމޭގެ ކެންސަރު އުފެދެމުންދާ ގޮތުގެ ރަނގަޅު ތަފްސީލެއް ލިބިގެން ދިޔައީއެވެ. އަދި ހަމަ އެހެންމެ ދުނިޔޭގެ އެންމެ އާންމު އެއް ކެންސަރާއި އަޅުގަނޑުމެން ކުރިމަތިލާން ވީކަންވެސް މެއެވެ.
"މި ހޯދުންތަކުން އަލީގައި ފުއްޕާމޭގެ ކެންސަރު ޖެހުމުގެ ނިސްބަތް ދަށްކުރުމަށް ނުވަތަ ޖީލުތަކަށް އަންނަން އޮތް ނުރައްކާ ކުޑަކުރުމަށް ދުންފަތާއި ވައި ތަޣައްޔަރުވުން ކޮންޓްރޯލް ކުރުމަށް ސިޔާސަތުތައް އެކުލަވާލައި ތަންފީޒު ކުރަން މަސައްކަތްކުރާ މީހުންނަށް އިތުރު މައުލޫމާތާއި އެހީ ތެރި ކަން ލިބޭނެ" ކަމަށް ދިރާސާވެރިން ލިޔެފައިވެ އެވެ.
މި ދިރާސާ ވަނީ ދަ ލަންސެޓް ރެސްޕިރޭޓަރީ މެޑިސިން ގައި 3 ފެބްރުއަރީ 2025 ގައި ޝާއިއުކޮށްފައެވެ.
https://www.thelancet.com/journals/lanres/article/PIIS2213-2600(24)00428-4/abstract
މާސްކެއް އަޅައިގެން ހުރި އަންހެނެއް - ފޮޓޯ: ގެޓީ އިމޭޖްސް
ގުޅުން ހުރި ޙަބަރުތައް

ސިއްހަތު ސަލާމަތުން ބެހެއްޓުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހޯދުން މުހިންމު: މެޑަމް
25 ދުވަސް ކުރިން

ފިޔާތޮށި ރިބަނުގެ މަސް ނިމެނީ، ރައްކާތެރިކަމުގެ ފިޔަވަޅުއަޅަން ފަށަން ރަނގަޅު ފުރުސަތެއް
މަހެއް ކުރިން

ދުނިޔޭގެ ލޮލުގެ ފެނުމުގެ ދުވަސް : އަމިއްލަ ލޮލާއި އެހެންމީހުނެގެ ލޯދެކެވެސް ލޯބިވާންޖެހޭ
2 މަސް ކުރިން

ސިއްޙީ ނުރަނގަޅު ހުރިހާ އާދަތަކުން ދުރުހެލިކުރުވުމަށް، ފަރުވާގެ މުއްދަތުގައި ބާރުއަޅަނީ
އަހަރެއް ކުރިން


