logo

ފިޔާތޮށި ރިބަނުގެ މަސް ނިމެނީ، ރައްކާތެރިކަމުގެ ފިޔަވަޅުއަޅަން ފަށަން ރަނގަޅު ފުރުސަތެއް

profile

ޝަހްޒާ މުޙައްމަދު - 26 އޮކްޓޯބަރު 2025 - 10:15

އޮކްޓޯބަރު މަހު ފިޔާތޮށި ރިބަން ވަރަށް އާންމުވެއެވެ. މިއީ އުރަމަތީގެ ކެންސަރަށް ހޭލުންތެރި ވުމުގެ މަހުގެ ރަމްޒެކެވެ. އުރަމަތީގެ ކެންސަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުންނަށް ވަރަށް އާންމުކޮށް ކުރިމަތިވާ ނުރައްކާތެރި ބައްޔެކެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ހާމަކުރާ ގޮތުގައި، ކޮންމެ އަހަރަކު މިލިއަންނެއްހާ އަންހެނުންނަށް އުރަމަތީގެ ކެންސަރު ޖެހި، އެތައް ބަޔެއްގެ ފުރާނަ މި ބަލީގައި ގެއްލިދެއެވެ. މި ބަލީގެ ނުރައްކާތެރިކަން ކުޑަކުރުމަށްޓަކައި، ހޭލުންތެރިކަން އިތުރުކުރުމަކީ އިންތިހާއަށް މުހިންމު ކަމެކެވެ. މިގޮތުން، ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރ މަހަކީ ދުނިޔޭގެ އުރަމަތީގެ ކެންސަރު ހޭލުންތެރިކުރުމުގެ މަހުގެ ގޮތުގައި ފާހަގަކުރެވި، މި ބަލީގެ ނުރައްކާތެރިކަން، ދެނެގަތުމުގެ މުހިންމުކަމާ ބެހޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމުގެ ތަފާތު ޕްރޮގްރާމްތައް ހިންގައެވެ.

https://wamco.com.mv/

އުރަމަތީގެ ކެންސަރަކީ އުރަމަތީގެ ސެލްތައް ކޮންޓްރޯލް ނުކުރެވޭ މިންވަރަށް ބޮޑުވެ، ހަށިގަނޑުގެ އެހެން ބައިތަކަށް ފެތުރިގެންދާ ބައްޔެކެވެ. މިއީ އަންހެނުންގެ މެދުގައި އެންމެ އާންމު ކެންސަރުގެ ބާވަތް ކަމަށް ވިޔަސް، އެއްޕަސެންޓް ފިރިހެނުންނަށްވެސް މި ބައްޔަށް ހުށަހެޅުމުގެ ފުރުސަތު އޮވެއެވެ. މި ބަލި ކުރިމަތިވުމުގެ އެންމެ ބޮޑު ސަބަބުތަކުގެ ތެރޭގައި އާއިލީ ގޮތުން ވާރުތަވުން، އުމުރުން ދުވަސްވުމާއި ހޯރމޯންތަކާ ގުޅުން ހުރި ކަންކަން ހިމެނެއެވެ. މީގެ އިތުރުން މާބޮޑަށް ހަށިގަނޑު ހެލިފެލިވެ ނޫޅުމާއި، ބަރުދަން އިތުރުވުމާއި، ބަނގުރާ ބުއިމާއި، ދުންފަތުގެ އިސްތިޢުމާލު ކުރުމަކީވެސް މި ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަންކަމެވެ.

އުރަމަތީގެ ކެންސަރު ކުރިން ދެނެގަތުމަކީ ބަލިން ފަރުވާ ލިބިގަނެ، ފުރާނަ ސަލާމަތްވުމުގެ ފުރުސަތު ބޮޑުކޮށްދޭ އެންމެ މުހިންމު އެއްކަންތަކެވެ. އުރަމަތީގައި އާދަޔާ ޚިލާފު ގޮށް ނުވަތަ ގަނޑެއް ހުރުމާއި، އުރަމަތި ކުރިން ހުންނަ ސައިޒަށް ނުވަތަ ބައްޓަމަށް ބަދަލު އައުމާއި، އުރަމަތީގެ ހަންގަނޑަށް ބަދަލު އައުމާއި، އެތެރެއަށް ވަދެފައި ހުރުން ނުވަތަ ލޭ ނުވަތަ ދޮސް ފަދަ އެއްޗެއް އައުމަކީ އުރަމަތީގެ ކެންސަރުގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެއެވެ. މިފަދަ ކޮންމެ ކަމެއް ފާހަގަކުރެވިއްޖެނަމަ، އަވަހަށް ޑޮކްޓަރެއްގެ ލަފާ ހޯދައި، ބަލި ދެނެގަތުމަށް ބޭނުންވާ ޓެސްޓުތައް ކުރުން މުހިންމެވެ. އަމިއްލައަށް އުރަމަތި ބަލައި ހެދުމާއި، ގަވާއިދުން ސްކްރީނިންގ ޓެސްޓުތައް ކުރުމަކީ ބަލި ކުރިން ދެނެގަތުމަށް އެހީތެރިވެދޭނެ ކަންކަމެވެ.

ސީނިއާ ކޮންސަލްޓެންޓް ރޭޑިއޮލޮޖިސްޓެއްކަމަށްވާ ޑރ. މުފްލިހާ އަސްލުޓީވީގެ ހާލުކިހިނެއް ޕްރިގްރާމުގައި ވިދާޅުވިގޮތުގައި، އުމުރުން 25 އަހަރުން ފެށިގެން ޓެސްޓުކުރަންޖެހޭނެ އަދި 40 އަހަރުން މަތީގެ އަންހެނުން ސްކްރީނިން މެމޯގްރާމް ހެދުމަކީ ވަރަށް މުހިންމުކަމެއްކަމަށެވެ. އަމިއްލައަށް ބަލާ ޓެސްޓުކުރުމަކީ ވެސް ގަވައިދުން ކުރަންޖެހޭކަމެކެވެ.

މިއީ ކުރިން ދެނެގަނެވިއްޖެ ނަމަ މުޅިން ރަނގަޅުކުރެވޭ ބައްޔަކަށްވާތީ، ބަލި ކުރިން ދެނެގަތުމުގެ މުހިންމުކަން އަބަދުވެސް ޑޮކްޓަރުން ފާހަގަކުރައްވައެވެ.

އޮންކޮލޮޖީ ސަރޖަން ޑރ. ޝިފާންގެ ލިޔުމެއްގައި ގައިވާގޮތުން މިބަލިން ދުރުހެލި ވުމަށް ކުރެވިދާނެ ކަންކަން ހުރެއެވެ. އެގޮތުން ގާތުންދިނުމަކީ މުހިއްމުކަމެއްކަމަށް ޑޮކްޓަރު ފާހަގަކުރައްވާ، އަދި އުމުރުން ދުވަސްވުމަށްފަހު ހަށިގަނޑަށް އަންނަ ބަދަލުތަކާ "ހޯމޯން" އަށް އަންނަ ބަދަލުތައް ދެނެގަތުން މުހިންމު، އަދި ރަނގަޅު ބަރުދަނެއްގައި ހަށިގަނޑު ބެހެއްޓުމާއި ކަސްރަތު ކުރުމަކީ ފުރިހަމަ ސިއްހަތެއްގައި ހުރުމަށް މުހިންމުކަމެކެވެ. އަދި މިންހެޔޮ ކެއުމެއް ހިޔާރުކުރުންވެސް މުހިންމެވެ.

އެގޮތުން ބޭނުންކުރާ ކާނާއަކީ، އުރަމަތީގެ ކެންސަރ ދުރުކުރުމަށް އެޅޭނެ އެއް މުހިހްމު ފިޔަވަޅު ކަމުގައި ޑރ. ވެސް ފާހަގަކުރައްވައެވެ.

ޑރ. ޝިފާން ވިދާޅުވެފައިވާގޮތުގައި އަމިއްލަ އުރަމައްޗައް އަންނަ ބަދަލުތައް އަމިއްލައަށް ދެނެގަނެވޭނެ ނިޒާމަށް ހޭލުންތެރިވުމަކީ މުހިންމުކަމެކެވެ. މިގޮތުން އުމުރުން 40-20 އަހަރާ ދެމެދުގެ ކޮންމެ އަންހެނެއްވެސް، މަސްވަރުކަންތަކަށްފަހު ކޮންމެ ދުވަހަކު އަމިއްލައަށް ބަލާ ޗެކް ކުރަން ވާނެއެވެ. މިގޮތަށް ބަލާފާސް ކުރާއިރު ދެފަރާތް އަޅާކިޔަން، ހަންގަނޑަށް އަންނަ ބަދަލު، އަދި ކިހިލިފަތް ބަލަން ވާނެއެވެ.

މައިގަނޑު ގޮތެއްގައި އުރަމަތީގެ ކެންސަރ ސްކްރީން ކުރުމަށް ބޭނުން ކުރާ ވަސީލަތަކީ "މެމޯގްރާމް" އެވެ. މިއީ މިކަމަށް ޚާއްސަ ކުރެވިފައިވާ އެކްސްރޭ މެޝިނެއްގެ އެހީގައި ނެގޭ އުރަމަތީގެ އެކްސްރޭ އެކެވެ.

އުރަމަތީގެ ކެންސަރުގެ ފަރުވާއަށް ބަލާއިރު، އުރަމަތީގެ ކެންސަރަށް ސަރޖަރީ، ކީމޯތެރަޕީ، ރޭޑިއޭޝަން ތެރަޕީ، ހޯރމޯން ތެރަޕީ އަދި ޓާގެޓެޑް ތެރަޕީ ފަދަ ތަފާތު ފަރުވާތައް ލިބެން ހުރެއެވެ. ބަލި ދެނެގަނެވޭ މަރުޙަލާއާ ގުޅިގެން ފަރުވާގެ ނަތީޖާ ތަފާތުވެއެވެ. އެހެންކަމުން، ބަލި ކުރިން ދެނެގަތުމަކީ ފަރުވާގެ ކާމިޔާބީއަށް މުހިންމު ރޯލެއް އަދާކުރާ ކަމެކެވެ.

އުރަމަތީގެ ކެންސަރަކީ ފަރުވާ ކުރެވޭ ބައްޔެކެވެ. ނަމަވެސް އެ ބަލި ކުރިން ދެނެގަތުމަކީ ކޮންމެހެންވެސް މުހިންމު ކަމެކެވެ. ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރ މަހަކީ މި ބަލި ހަނދާންކޮށް، އެ ބައްޔާ ބެހޭ ގޮތުން މަޢުލޫމާތު ހޯދައި، އަމިއްލަ ސިއްހަތަށް ސަމާލުވުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. ރާއްޖޭގެ ބައެއް ސިއްހީ ހިދުމަތްދޭ ތަންތަނުން ހިލޭ ސްކްރީން ކުރުމުގެ ޚިދުމަތް ވެސް މިމަހު ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay