logo

މާލެ މަގުމަތިން 200 އަށް ވުރެ ގިނަަ ސައިކަލު ނަގައިފި

profile

ޝުރުފާ މުހަންމަދު - 22 ސެޕްޓެމްބަރު 2024 - 00:03

މާލެ ސަރަހައްދުން ބާވެފައިވާ އުޅަނދުތައް ނަގަނީ--- ފޮޓޯ: ސިޓީ ކައުންސިލް

މާލެ ސަރަހައްދުން ބާވެފައިވާ އުޅަނދުތައް ނަގަނީ--- ފޮޓޯ: ސިޓީ ކައުންސިލް

މާލެ މަގުމަތީގައި ބާވެ ހަލާކުވެފައި ހުރި 200 އަށް ވުރެ ގިނަ ސައިކަލު ނަގައިފި އެވެ.

މާލެ މަގުމަތީގައި ތިބި ބާ އުޅަނދުތައް ނެގުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން މިއަދު ކުރިއަށް ގެންދިޔައިރު، ކައުންސިލުން ބުނީ މިއަދު އެކަނި މާލެ ސަރަހައްދުން ، ބާވެ ހަލާކުވެފައި ހުރި 224 ސައިކަލް ނަގާފައިވާ ކަމަށެވެ.

މާލޭގެ މަގުތަކުގައި ހުރި ނުދުއްވާ ގިނަ ދުވަސްވެ، ހަލާކުވެފައިވާ އުޅަނދުފަހަރުތައް ނުނަގާނަމަ "އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވައިދު" ގެ 6 ވަނަ ނަމްބަރުގެ ދަށުން ނަގައި ނައްތާލެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ. އަދި އެއްގަމު އުޅަނދު ނެގުމުގެ ތެރޭގައާއި ނެގުމަށް ފަހު އުޅަނދާއި ތަކެއްޗަށް ލިބޭ ގެއްލުމާއި އުނި އިތުރަށް ކައުންސިލުން ޒިންމާ ނުވާނެކަމަށްވެސް ބުނެއެވެ.

މާލެ ތެރޭގައި ހުރި ބާ ވެހިކަލްތައް ނައްތާލުމުގެ މަސައްކަތް ކުރަމުން ދަނީ ސިޓީ ކައުންސިލާ، ފުލުހުން އަދި ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެންނެވެ. މި ޕްރޮގްރާމްގެ ދަށުން 300 އެއްހާ ވެހިކަލް ވަނީ ނައްތާލާފައެވެ. މި ޕްރޮގްރާމް ފަށައިފައިވަނީ މި ދިޔަ ފެބްރުއަރީ މަހުގައެވެ.

ވެރިރަށް މާލޭގެ މަގުތަކުގެ 65 ޕަސެންޓު އަބަދުވެސް ހިފައިފައި އޮންނަނީ ޕާކުކޮށްފައި އޮންނަ އުޅަނދުތަކުން ކަމަށާއި، މި ކަމުގެ ސަބަބުން މަގުމަތީގެ އެކްސިޑެންޓުތައް އިންތިހާއަށް އިތުރުވަމުންދާ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން މީގެކުރިން ވަނީ ބުނެފައެވެ.

tel:+9607331319