logo

މަގުތަކުން ބައު ވެހިކަލްތައް ނެގުމުގެ މަސައްކަތް އަނެއްކާވެސް ފަށައިފި

profile

ޒިދާން މުޙައްމަދު - 21 ސެޕްޓެމްބަރު 2024 - 14:14

މާލެ މަގުތަކުގައި ހުރި ބާ އުޅަނދުތައް ނަގަން ފުލުހުންނާއި ކައުންސިލް މުވައްޒަފުން މަސައްކަތް ކުރަނީ.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލެ މަގުތަކުގައި ހުރި ބާ އުޅަނދުތައް ނަގަން ފުލުހުންނާއި ކައުންސިލް މުވައްޒަފުން މަސައްކަތް ކުރަނީ.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލޭގެ މަގުތަކުގައި ހުރި ބާ އުޅަނދުތައް ނެގުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފުލުހުންނާ ގުޅިގެން އަނެއްކާވެސް ފަށައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ އެ އުޅަނދުތައް ނަގަނީ މާލޭގެ މަގުތައް ތަރުތީބުކޮށް، ރީތިކުރަން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކަމަށެވެ.

ކައުންސިލުން ބުނި ގޮތުގައި މާލޭގެ އެކި މަގުތަކުގައި ބޭނުން ނުކުރާތާ އެތައް އަހަރެއްވީ އުޅަނދުތައް އެބަހުއްޓެވެ. އޭގެ ތެރެއިން ބައެއް ވެހިކަލްތައް ހުރީ ބާވެ، އެކި ބައިތައް ވެސް ނެތިފައި ކަމަށް ކައުންސިލުން ބުންޏެވެ.

މާލޭ ސިޓީގެ މަގުތަކުގައި ނުދުއްވާ ގިނަ ދުވަސްވެ ހަލާކުވެފައިވާ ވެހިކަލްތައް ނެގުމުގެ މަސައްކަތް އެންމެ ފުރަތަމަ ކޮށްފައިވަނީ މާލޭ ސިޓީގެ މޭޔަރކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވިއިރު 2021 ގައެވެ.

ވެރިރަށް މާލޭގެ މަގުތަކުގެ 65 ޕަސެންޓު އަބަދުވެސް ހިފައިފައި އޮންނަނީ ޕާކުކޮށްފައި އޮންނަ އުޅަނދުތަކުން ކަމަށާއި، މި ކަމުގެ ސަބަބުން މަގުމަތީގެ އެކްސިޑެންޓުތައް އިންތިހާއަށް އިތުރުވަމުންދާ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން މީގެކުރިން ވަނީ ބުނެފައެވެ.

މާލޭގެ މަގުތަކުގައި ހުރި ނުދުއްވާ ގިނަ ދުވަސްވެ، ހަލާކުވެފައިވާ އުޅަނދުފަހަރުތައް ނުނަގާނަމަ "އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވައިދު" ގެ 6 ވަނަ ނަމްބަރުގެ ދަށުން ނަގައި ނައްތާލެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އަދި އެއްގަމު އުޅަނދު ނެގުމުގެ ތެރޭގައާއި ނެގުމަށް ފަހު އުޅަނދާއި ތަކެއްޗަށް ލިބޭ ގެއްލުމާއި އުނިއިތުރަށް ކައުންސިލުން ޒިންމާ ނުވާނެކަމަށްވެސް ބުނެއެވެ.

މާލެ ތެރޭގައި ހުރި ބާ ވެހިކަލްތައް ނައްތާލުމުގެ މަސައްކަތް ކުރަމުން ދަނީ ސިޓީ ކައުންސިލާ، ފުލުހުން އަދި ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެންނެވެ. މި ޕްރޮގްރާމްގެ ދަށުން 300 އެއްހާ ވެހިކަލް ވަނީ ނައްތާލާފައެވެ. މި ޕްރޮގްރާމް ފަށައިފައިވަނީ މި ދިޔަ ފެބްރުއަރީ މަހުގައެވެ.

tel:+9607331319