logo

ތައިލޭންޑުން ޑީޕޯޓްކުރި ތިން މީހުން ރާއްޖެއިން ހައްޔަރުކޮށްފި

profile

ޒިދާން މުޙައްމަދު - 21 ސެޕްޓެމްބަރު 2024 - 01:15

ހައްޔަރުކުރި މީހުންގެ ފޮޓޯ އަދި ވަނަވަރު --- ފުލުހުން

ހައްޔަރުކުރި މީހުންގެ ފޮޓޯ އަދި ވަނަވަރު --- ފުލުހުން

މާރާމާރީއެއްގެ މައްސަލާގައި ތުހުމަތު ކުރެވިފައި ވަނިކޮށް ރާއްޖޭން ފުރައިގެން ގޮސް ތައިލޭންޑުގައި އުޅެނިކޮށް އެ ގައުމުން އަތުލައިގަނެ ޑީޕޯޓްކޮށްލި ތިން ދިވެހިން ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މީޑިއާއަށް ވިދާޅުވީ، އެމީހުންނަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު މާލޭގައި ނުރައްކާތެރި ހަތިޔާރު ބޭނުން ކޮށްގެން މީހަކަށް ހަމަލާދިން މައްސަލައަކާ ގުޅިގެން ހޯދަމުން އަންނަ ބައެއް ކަމަށެވެ.

އެ އެންމެން ވެސް ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެމީހުން ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރުނު ކަމަށާއި އަދި އެމީހުން ރާއްޖެ އައިސްފައިވަނީ ފިލައިގެން އުޅެނިކޮށް ތައިލޭންޑުން ޑީޕޯޓް ކޮށްލުމުން ކަމަށެވެ.

ހައްޔަރު ކޮށްފައިވަނީ ހ. ދޮންތުނޑު، މުހައްމަދު އަހުސަން (26އ)، ލ.ގަން، މުކުރިމަގު، މޫރިތި، އަސްވާން މުހައްމަދު (28އ) ގެ އިތުރުން މ. މަސްކޮތަންގެ، މުހައްމަދު ސިބްތް އަބްދުﷲ (19އ)އެވެ.

މިމީހުން ހައްޔަރުކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

މީގެ ތެރެއިން އެކަކު ހައްޔަރު ކޮށްފައިވަނީ މިމަހުގެ 18 ވަނަ ދުވަހު ކަމަށާއި އަނެއް ދެމީހުން ހައްޔަރު ކޮށްފައިވަނީ ހުކުރު ދުވަހު ކަމަށް ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއެވެ.

މިމައްސަލައާއި ގުޅިގެން އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، އަސްވާން މުހައްމަދު ބަންދުން ދޫކޮށް، ދެން ތިބި ދެމީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރު ކޮށްފައިވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

tel:+9607331319