logo

ޓޫރިޒަމް ބިލްގެ މަސައްކަތް އެއް ދުވަހުން ނިންމާލައިފި

profile

މަރްޔަމް އުމްނާ އިސްމާޢީލް - 15 އޯގަސްޓު 2024 - 18:07

ރައްޔިތުންގެ މަޖިލީހުގެ ތަޅުން --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ތަޅުން --- ފޮޓޯ: މަޖިލިސް

ރިސޯޓުތައް ކުއްޔަށް ދޫކުރުމުގައި ލުއި ދެވޭ އޮތް ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމުހެ ބިލުގެ މަސައްކަތް އެއް ދުވަހުން އެ ބިލުގެ ދިރާސާކުރި މުޅި މަޖިލީހުގެ ކޮމިޓީން ނިންމާލައިފި އެވެ.

ސަރުކާރުގެ ފަރާތުން، ދަނގެތި ދާއިރާގެ މެންބަރު ޢަބްދުالله ރަޝީދު ހުށަހެއްޅުއްވި މި ބިލު މަޖިލީހަށް ބަލައިގަނެ، ކޮމިޓީއަށް ފޮނުވީ މިއަދުގެ ޖަލްސާގަ އެވެ.

މަޖިލީހުގެ ޖަލްސާތައް އާއްމުކޮށް ކޮންމެ ހަފްތާއެއްގެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހު އޮތް ނަމަވެސް، މި ބިލުގެ މަސައްކަތް ކުރުމަށް މަޖިލީހުގެ ޖަލްސާއެއް މިއަދު ބާއްވާފައިވެއެވެ.

އެ ޖަލްސާގައި ރިސޯޓުތައް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރަން ފައިސާ ދައްކަން ދޭ މުއްދަތު ދެ އަހަރުން ހަ މަހަށް ކުޑަކޮށް، މުއްދަތު އިތުރުކުރަން ދައްކަން ޖެހޭ އަގު ވެސް ކުޑަކޮށް ހުށަހަޅާފައިވާ މި ބިލު ބަލައިގަތުމަށް ފާސްކުރީ 75 މެމްބަރުންގެ ވޯޓާ އެކު އެވެ. އެ ބިލު ބަލައިގަތުމާ ދެކޮޅަށް 3 މެމްބަރަކު ވޯޓު ދެއްވި އެވެ.

ބިލު ބަލައިގަތުމާ އެކު ދިރާސާއަށް ފޮނުވާފައިވަނީ މުޅި މަޖިލީހުގެ ކޮމިޓީއަށެވެ. ކޮމިޓީ ބައްދަލުވުން ފެށުމާ އެކު ފޮނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ހުށަހެޅުއްވީ، އެ ބިލު ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް އިތުރު ބަހުސަކަށް ނުގޮސް ފާސްކުރުމަށެވެ.

"ހުރިހާ މެމްބަރުންވެސް މި އިސްލާހުތަަކަށް ތަޅުމުގައި ބަހުސްކުރެވެމުންދިޔައިރުގައި ހުރިހާ މެމްބަރުން ވެސް މި އިސްލާހުތަކަށް އިއްތިފާގުވޭ. އެހެންމަ އަޅުގަނޑު ހުށަހަޅަން އިތުރު ބަހުސަކަށް ނުގޮސް، މި އިސްލާހު ކޮމިޓީން މި ހުށަހެޅިފައިމިވާ ގޮތަށް ފާސްކުރުމަށް. " މަމްދޫހު ވިދާޅުވި އެވެ.

އެއާ އެކު އިދިކޮޅު އެމްޑީޕީގެ ޕީޖީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް ވަނީ ބިލުގެ މަސައްކަތް އަވަސް ގޮތަކަށް ކުރަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ރިޔާސަތާ ސުވާލު އަމާޒުކުރައްވާފަ އެވެ. އެހެންނަމަވެސް ކޮމިޓީގައި މެމްބަރުން ދެއްވަން ޖެހޭނީ އަމިއްލަ ހިޔާލު ކަމަށް ވާތީ އެއީ ރިޔާސަތުން ޖަވާބުދާރީވާން ޖެހޭ ސުވާލެއް ނޫން ކަމަށް ވިދާޅުވި އެވެ.

" ވަރަށް އަވަސް ގޮތަކަށް މުޅި ބިލް ނިމިގެންދާތަން މި ފެންނަނީ. މިއީ ހަމަ މިވަގުތަށް މިކަން ކުރަން އެންމެ ރަނގަޅު ގޮތްތޯ ޗެއާ ކޮބާތޯ މީގެ މަގްސަދަކީ؟" ނާޒިލް ސުވާލު ކުރެއްވި އެވެ.

ރިޔާސަތުން އެހެން ވިދާޅުވުމާ އެކު މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު ވަނީ އެ ބިލު އަވަސްވެގެން ކަންބޮޑުވަނީ ރާއްޖެއަށް ޓޫރިޒަމްގެ އިންވެސްޓްމެންޓްތައް ލިބުމާ ދެކޮޅަށް ވަކާލާތު ކުރައްވާ ބޭފުޅުން ކަމަށެވެ. އެކަން ފާހަގަކުރައްވަމުން އޭނާ އެދިވަޑައިގެންނެވީ ބިލުގެ މަސައްކަތް ލަސްނުކޮށް، ވީހާވެސް އަވަހަކަށް އެ ބިލު ފާސްކޮށްދިނުމަށެވެ.

ގާތްގަނޑަކަށް 15 މިނެޓަށް ކުރިއަށް ދިޔަ ކޮމިޓީ ބައްދަލުވުން ނިންމާލީ އެ ބިލު ފާސްކުރުމަށްފަހު އެވެ. އެ ބިލު ކޮމިޓީން ފާސްކުރީ 76 މެމްބަރުންގެ ވޯޓާ އެކު އެވެ.

ޓޫރިޒަމްގެ ގާނޫނު މިހާރު އޮންނަ ގޮތުން ރިސޯޓު ހަދަން ރަށެއް ނުވަތަ ބިން ކުއްޔަށް ދޫކޮށްފައިވާ ފަރާތުގެ ވަކި ޝަރުތުތަކެއް ފުރިހަމަވާނަމަ، އެ ތަނެއް ކުއްޔަށް ދެވޭ މުއްދަތު 50 އަހަރަށް ވުރެ އިތުރުނުވާނެ ގޮތަކަށް އިތުރުކޮށްދެވެ އެވެ. އެ ގާނޫނުގެ 9 ވަނަ މާއްދާގެ (ކ) ގެ (2) ވަނަ ނަމްބަރުގައި ވާގޮތުން 27 ޑިސެމްބަރު 2022 އިން ފެށިގެން ފުރަތަމަ ދެ އަހަރުގެ ތެރޭގައި މުއްދަތު އިތުރުކުރުމުގެ ފީއެއްގެ ގޮތުގައި 5 މިލިއަން އެމެރިކާ ޑޮލަރު އެއް ފަހަރާ ދައްކަން ޖެހެ އެވެ. އަދި އެ މުއްދަތަށް ފަހު 99 އަހަރަށް މުއްދަތު އިތުރުކުރަން ހުށަހަޅާ ނަމަ މުއްދަތު އިތުރުކުރެވޭނީ 10 މިލިއަން ޑޮލަރު އެއްފަހަރާ ދެއްކުމުން ނެވެ.

އެ މާއްދާގެ 2 ވަނަ ނަމްބަރަށް މިހާރު ހުށަހަޅާފައިވާ އިސްލާހުގައިވާގޮތުން އެ ބިލު ފާސްކޮށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި މުއްދަތު އިތުރުކުރުމުގެ ފީއަކަށް އެއް ފަހަރާ 5 މިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ. އެ ނަމްބަރުގެ ފަހަތަށް އާ ނަމްބަރެއް އިތުރުކުރަން ހުށަހަޅާފައިވާއިރު އެ ނަމްބަރުގައި ބުނަނީ އިސްލާހަާށް އަމަލުކުރާ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ މުއްދަތަކަށްފަހު މުއްދަތު އިތުރުކުރެވޭނީ 10 މިލިއަން ޑޮލަރު އެއް ފަހަރާ ދައްކައިގެން ކަމަށެވެ.

މިހާރު އަމަލުކުރާ ގާނޫނުގެ ދަށުން 5 މިލިއަން ޑޮލަރުގެ ފީއެއް ނަގައިގެން މުއްދަތު އިތުރުކުރެވޭ ފުރުސަތު ޑިސެމްބަރުގެ ނިޔަލަށް ހަމަވާއިރު އެ އިސްލާހު ފާސްވެއްޖެ ނަމަ، 10 މިލިއަންގެ ބަދަލުގައި 5 މިލިއަން ޑޮލަރު ދައްކައިގެން ވެސް ކުއްޔަށް ހިފާ މުއްދަތު އިތުރުކުރަން އިތުރު ފުރުސަތެއް ލިބޭނެ އެވެ.

https://int.etukuri.mv/
tel:+9607331319