logo

ކެންސަރު ހޮސްޕިޓަލްގެ ފީސިބިލިޓީ ދިރާސާތައް ކޮށްދޭނެ ބަޔަކު ހޯދަނީ

profile

ޝުރުފާ މުހަންމަދު - 14 ފެބްރުއަރީ 2024 - 19:30

ދަރުމަވަންތަ ހޮސްޕިޓަލް

ދަރުމަވަންތަ ހޮސްޕިޓަލް

ކެންސަރު ހޮސްޕިޓަލް މާލެ ސަރަހައްދުގައި އިމާރާތްކުރަން ނިންމައި އެކަމުގެ ފީސިބިލިޓީ ދިރާސާތައް ކޮށްދޭނެ ބަޔަކު ހޯދަން ސަރުކާރުން އިއުލާންކޮށްފިއެވެ.

ހެލްތު މިނިސްޓްރީގެ އިއުލާނުގައި ބުނީ، ކެންސަރު ހޮސްޕިޓަލްގެ ކޮންސަލްޓޭޝަން އަދި ފީސިބިލިޓީ މަސައްކަތްތައް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް ރަޖިސްޓްރޭޝަން ޝީޓު ފުރިހަމަކުރުމަށް ފަހު އެ އޮފީހަށް އީމެއިލްކުރެވޭނެ ކަމަށެވެ. އެކަމަށް، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މި މަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައެވެ. ރަޖިސްޓްރީ ނުކުރާ މީހުންނާއި ގަޑި އަށް އަންދާސީ ހިސާބު ހުށަނާޅާ މީހުންގެ ފޯމު ބަލައިނުގަންނާނެ ކަމަށް އިއުލާނުގައި ބުނެއެވެ.

ރާއްޖޭގައި ކެންސަރަށް ހާއްސަ ހޮސްޕިޓަލެއް އިމާރާތްކުރުމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ޕްލޭނެކެވެ. އެގޮތުން ހޮސްޕިޓަލް އަޅަން ފުރަތަމަ ނިންމީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްސްގެ ދަށުން ލ. ގަމުގައެވެ. އެކަމަކު ސަރުކާރު ބަދަލުވި އިރު ވެސް އެ މަޝްރޫގެ އަމަލީ މަސައްކަތެއް ނުފެށެއެވެ.

ލ. އަތޮޅުގައި ކެންސަރު ހޮސްޕިޓަލް އެޅުމަކީ އާންމުންނާއި ސިއްހީ ޚިދުމަތްތެރިންގެ ކަންބޮވުން އޭރު ވެސް ބޮޑުވެފައިވާ މައްސަލައެކެވެ. މި ބައްޔަށް ފަރުވާ ކުރުމަށް ބޭނުންވާ ގިނަ ފެސިލިޓީތައް މާލެ ސަރަހައްދުގައި ހުރި އިރު، އަތޮޅުތެރެއަށް މައި ހޮސްޕިޓަލް ބަދަލުކުރުމަކީ ޚިދުމަތް ދިނުމުގައި އިތުރަށް ދަތިވާނެ ކަމެއް ކަމުގައި އޭރު ޑޮކްޓަރުން ވެސް ބުނެފައިވެއެވެ.

މި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް މި ސަރުކާރުން ވަނީ، ކެންސަރު ހޮސްޕިޓަލް މާލެ ސަރަހައްދަށް ބަދަލުކޮށްފައެވެ. އަދި ގަމުގައި ކެންސަރ ހޮސްޕިޓަލް އެޅުމަށް ޚާއްސަ ކުރި 20،000 އަކަ ފޫޓުގެ ބިމުގައި މިހާރު އަޅަން ނިންމާފައި ވަނީ މެންޓަލް ހެލްތު ހޮސްޕިޓަލެކެވެ. މި ސަރުކާރުން ކެންސަރު ހޮސްޕިޓަލް އިމާރާތްކުރަނީ، ދުބާއީގެ އެހީގަ ކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވެއެވެ.

tel:+9607331319