logo

ތެލެސީމިއާ ކޮންޓްރޯލް ކުރަން އެކުލަވާލި މާސްޓަރ ޕްލޭނަކީ އިންސާނީ ޚިދުމަތެއް: ފަސްޓްލޭޑީ ސާޖިދާ

profile

ޒިދާން މުޙައްމަދު - 13 އޯގަސްޓު 2024 - 13:36

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު

ތެލެސީމިއާ ކޮންޓްރޯލް ކުރަން އެކުލަވާލި މާސްޓަރ ޕްލޭނަކީ އިންސާނީ ޚިދުމަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިފަދައިން ވިދާޅުވީ ތެލެސީމިއާ ކޮންޓްރޯލް ކުރުމަށް އެކުލަވާލި 10 އަހަރުގެ މާސްޓަރ ޕްލޭނާ ބެހޭގޮތުން ކަމާ ގުޅޭ ފަރާތްތަކާއެކު މަޝްވަރާ ކުރެއްވުމަށް ބޭއްވި ވޯކްޝޮޕްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ތެލެސީމިއާގެ މައްސަލައަކީ ޤައުމީ މުހިންމު މައްސަލައެއް ކަމަށެވެ. އަދި ތެލެސީމިއާ ކޮންޓްރޯލް ކުރުމަށް އެކުލަވާލި 10 އަހަރުގެ މާސްޓަރ ޕްލޭނަކީ މުހިންމު ޤައުމީ މަސައްކަތެއް ކަމަށާއި އެއީ އިންސާނީ ޚިދުމަތެއްކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ ވިދާޅުވީ މިހާރުވެސް ތެލެސީމިއާ ބަލި ހުރިކަމަށް ކަމާއި ބެހޭ އިދާރާތަކުގައި 955 ކުއްޖަކު ރަޖިސްޓްރީކޮށްފައިވާ ކަމަށާއި 666 ކުދިންނަށް ފަރުވާ ދެމުންދާ ކަމަށެވެ. އެއަދަދަށް ބެލުމުން ވެސް ރާއްޖޭގައި ތެލެސީމިއާ ބަލި ފެތުރިފައި އޮތް މިންވަރު އެނގިގެންދާ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެއީ ޤައުމުގައި އޮތް ކަންބޮޑުވުމަށް ލުޔެއް ހޯދުމަށް ކުރެވޭ ޢިލްމީ މަސައްކަތެއްކަން ފާހަގަކުރައްވާފައެވެ.
ތެލެސީމިއާއަކީ އެތައް ގިނަ އާއިލާތަކަކުން ތަހައްމަލު ކުރަމުން އަންނަ ކަމެއް ކަމަށާއި ނިސްބަތުން ރާއްޖޭގައި މިކަން އޮތީ އިތުރަށް ވިސްނާ ހޭލުންތެރިވާން ޖެހޭ ފަދަ ހާލަތެއްގައި ކަމަށް އެކަމަނާ ވިދާޅުވިއެވެ. ސަރުކާރުން މިކަމަށް ދޭ ޚާއްސަ އިސްކަމުގެ ދަށުން ވޭތުވެދިޔަ 8 މަސް ދުވަހުގެ ތެރޭގައި 14 ކުދިން ބޯންމެރޯ ހަދަން ފޮނުވިކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އޭގެތެރެއިން 1 ކުއްޖަކު ފަރުވާ ފުރިހަމަ ކުރުމަށްފަހު މިހާރު ރާއްޖެ އައިސްފައިވާ ކަމަށާއި މިއީ ވަރަށް ބޮޑު ހިތްހަމެޖެހުމެއް ކަމަށް ވިދާޅުވިއެވެ.

ތެލެސީމިއާ ބަލި ކޮންޓްރޯލް ކުރުމަށް އެކުލަވާލި 10 އަހަރުގެ މާސްޓަރ ޕްލޭން އެކުލަވާލީ ސިއްހީ ވުޒާރާ އާއި މޯލްޑިވިއަން ބްލަޑް ސަރވިސަސް ގުޅިގެންނެވެ.

އެ މާސްޓަރ ޕްލޭންގައި 7 ސިޔާސަތެއް އެކުލެވެއެވެ. އަދި ތެލެސީމިއާގެ ޤާނޫނުގައި ހިމެނޭ ކަންތައްތައް ވެސް މާސްޓަރ ޕްލޭންގައި ހިމަނާފައިވާ ކަމަށާއި މާސްޓަރ ޕްލޭނަށް އަމަލު ކުރަން ފެށުމާއެކު ތެލެސީމިއާ ބައްޔަށާއި ފަރުވާ ދިނުމަށް އައު ކުރިއެރުންތަކެއް ލިބޭނެކަން ސިއްހީ ވުޒާރާ އިން ވަނީ ހާމަކޮށްފައެވެ.

ތެލެސީމިއާ ޖެހޭ ކުދިންނަށް ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް އަދުގެ ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

tel:+9607331319