logo

ކުޑަކުދިން އަނިޔާއިން ސަލަމާތްކުރުމަކީ އެންމެން އެކުގައި މަސައްކަތްކޮށްގެން ހާސިލުކުރެވޭނެ ކަމެއް: މެޑަމް ސާޖިދާ

profile

ޒިދާން މުޙައްމަދު - 03 ސެޕްޓެމްބަރު 2024 - 14:22

ކުޑަކުދިން އަނިޔާއިން ސަލަމާތްކުރުމަކީ އެންމެން އެކުގައި މަސައްކަތްކޮށްގެން ހާސިލުކުރެވޭނެ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

މެޑަމް ސާޖިދާ މިފަދައިން ވިދާޅުވީ ކުޑަކުދިންގެ ހައްޤުތަކާއި ރައްކާތެރިކަމާ ގުޅޭ ޤައުމީ އެކްޝަން ޕްލޭން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެކަމަނާ ވިދާޅުވީ، ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ޤާއިމުކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށާއި، އެ ޒިންމާގެ ދަށުން ކުޑަކުދިންގެ ހައްޤުތަކާއި ރައްކާތެރިކަމާ ގުޅޭ ޤައުމީ އެކްޝަން ޕްލޭން އިފްތިތާހުކޮށްފައިވާއިރު ކަމާގުޅޭ މުއައްސަސާތަކަށް އެ މަގަށް މަސައްކަތްތައް ބައްޓަން ކުރައްވަން ފަސޭހަވެގެންދާނެ ކަމަށެވެ.

މި އެކްޝަން ޕްލޭން އިފްތިތާޙްކުރުމާއެކު، ގިނަ މައްސަލަތަކެއް ހައްލުވެގެންދާނެކަން ފާހަގަކުރައްވައި މެޑަމް ސާޖިދާ ވިދާޅުވީ، އެޕްލޭނަކީ ހަމައެކަނި ޕޮލިސީއެއް ނޫން ކަމަށެވެ. އެއީ ކުޑަކުދިންނަށް ކުރާ އަނިޔާހުއްޓުވައި، ހިމާޔަތްކޮށް، އެކަމަށް އިޖާބަ ދޭނެ ގޮތްތައް ބަޔާންކުރާ، ވަރަށް ފުރިހަމަ ސާފު މަގުޗާޓެއް ކަމަށެވެ.


"އަޅުގަނޑުމެންގެ ތަޞައްވުރު ވަރަށް ސާފު، ކުޑަކުއްޖަކު އަނިޔާއިން އެއްކިބާވެފައިވާ މާޙައުލެއްގައި ހެދިބޮޑުވުމުގެ ފުރުސަތު ފަހިކޮށް، ޒިންމާދާރު ހަރުދަނާ ފަރުދަކަށް ހަދަންޖެހޭނެ. މި ތަޞައްވުރު ގެނައުމަށްޓަކައި ބޭނުންވަނީ އެއްބައިވަންތަ މަސައްކަތެއް. އަދި މިކަމަށް ހޭލުންތެރިކަން އިތުރުކުރަން ޖެހޭ"


އެކަމަނާ ވިދާޅުވީ މިއީ މިޤައުމުގެ ކޮންމެ ކުއްޖަކީވެސް، ލިބޭ ގެއްލުމުން ސަލާމަތްވުމުގެ އިތުރުން، ރައްކާތެރި މާޙައުލެއްގައި ކުރިއެރުމުގެ ބާރު ލިބިގެންވާ ކުއްޖަކަށް ހެދުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ދަތުރެއްގެ ފެށުން ކަމަށެވެ.

އެމީހުން ހިމާޔަތް ކުރުމަކީ އަހަރެމެން އެންމެންގެ ވާޖިބެއް ކަމަށާއި "ކޮންމެ ކުއްޖަކަށް އާއިލާއެއް" މި ޝިއާރުގެ ދަށުން ދައްކުވައިދެނީ ކޮންމެ ކުއްޖަކަށްވެސް ލޯބިވާ އަޅާލާ ޢާއިލީ މާހައުލެއް ހޯދައިދިނުމަށް އަހަރެމެން ސާބިތުކަމާއެކު ދެމިތިބޭނެކަން ކަމަށް އެކަމަނާ ވިދާޅުވިއެވެ. ނަމަވެސް ހަމައެކަނި ލަފުޒުތަކުން ނުފުދޭނެ ކަމަށާއި ކުޑަކުދިންނަށް ކުރާ އަނިޔާއާއި ގޯނާގެ މައްސަލަތަކުގައި ވަގުތުން ފިޔަވަޅު އަޅަންޖެހޭނެ ކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ.

ކުޑަކުދިންނަށް ލިބޭ އަނިޔާއިން ސަލަމާތް ކުރުމަކީ ހަމައެކަނި އެކަކުގެ ޒިންމާއެއް ނޫން ކަމަށާއި އެންމެން އެކުގައި މަސައްކަތްކޮށްގެން އެ މަޤްސަދު ހާސިލްކުރެއްވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.

tel:+9607331319