.jpg&w=3840&q=75)
ފުލުފުލުން ޔަމަނުން މިސައިލް ހަމަލާތައް އަންނާތީ އިސްރާއީލުގެ އެންމެބޮޑު އެއަރޕޯޓު ހުއްޓުމަކަށް

ސައިފް އަޒުހަރު - 14 މޭ 2025 - 05:56
ޔަމަނުގެ ހޫޘީން އިސްރާއީލަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފިއެވެ.
މިސައިލްތައް ޔަމަނުން އުދުއްސާލުމާއެކު އިސްރާއީލުން ނުރައްކާ އަންނަ ކަމުގެ އިންޒާރުގެ ޑަނޑޫރާގެ އަޑުފަށްގަނޑު އިވެމުންދިޔައެވެ. ނުރައްކާ އަންނަ ކަމުގެ އިންޒާރުގެ އަޑުތައް އިސްރާއީލުގެ މެދުތެރެއާއި، ހިފާފައިވާ ގުދުސްއިން ވެސް ޖަހަމުންދިޔައެވެ.
އޭގެފަހުން އިސްތިއުމާރީ އިސްރާއީލު އަސްކަރިއްޔާއިން ބުނެފައިވަނީ، ޔަމަނުން ފޮނުވާލި އެއް މިސައިލް، ސިފައިން ވައްޓާލި ކަމަށެވެ.
މިފަހަރު މިސައިލް ހަމަލާތައް މި އައީ، ތެލް އަވީވްގައި ގާއިމްކޮށްފައިވާ އިސްރާއީލުގެ އެންމެބޮޑު އިންޓަރނޭޝަނަލް އެއަރޕޯޓް ކަމަށްވާ، ބެން ގޫރިއަން އިންޓަރނޭޝަނަލް އެއަރޕޯޓަށް އަމާޒުކޮށް ހޫޘީން މިސައިލް ހަމަލާއެއް ފޮނުވާލިތާ ގަޑިއިރުތަކެއް ފަހުންނެވެ.
އިސްރާއީލު އަސްކަރިއްޔާއިން ބުނެފައިވަނީ، ބެން ގޫރިއަން އެއަރޕޯޓަށް އަމާޒުކޮށް ފޮނުވާލި މިސައިލްވެސް ވައްޓާލި ކަމަށެވެ.
މިސައިލް ހަމަލާތަކާ ގުޅިގެން ބެން ގޫރިއަން އިންޓަރނޭޝަނަލް އެއަރޕޯޓްގެ އޮޕަރޭޝަންސްތައް މިހާރުވަނީ ހުއްޓާލާފައެވެ. އެގޮތުން، މަތިންދާ ބޯޓުތައް ޖެއްސުމާއި، ފުރުން ވަގުތީގޮތުން ވަނީ ހުއްޓުމަކަށް ގެނެސްފައެވެ.
މިއަދުގެ މިސައިލް ހަމަލާތަކާ ގުޅިގެން ހޫޘީން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.
ހޫޘީން މިފަހުން އިސްރާއީލަށް ހަމަލާދެނީ "ފަލެސްތައިން-2" ގެ ނަމުން ނަންދީފައިވާ ހައިޕަރސޮނިކް ބެލިސްޓިކް މިސައިލް ބޭނުންކޮށްގެންނެވެ. އިސްރާއީލުގެ އެއަރ ޑިފެންސް ފޫއަޅުވާލާފައި މީގެ ގިނަ ހަމަލާތައް މީގެކުރިންވަނީ އޭގެ އަމާޒަށް ވާސިލްވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

އިސްރާއީލުން ޖެނިން އަށް ދިން ހަމަލާއެއްގައި ފަލަސްތީނުގެ 6 މީހަކު ޝަހީދުކޮށްލައިފި
2 އަހަރު ކުރިން

އިސްރާއީލުގެ އެއަރލައިނަށް ރާއްޖޭގައި ޖެއްސުމުގެ ހުއްދަ ނުދޭނަން - މިއުވާން
2 އަހަރު ކުރިން

ޔަމަނުގެ މައްސަލަ ނިމުމަކަށް ގެނައުމަށްޓަކައި ސައުދީން ކުރާ މަސައްކަތްތަކަށް ދިވެހި ސަރުކާރުން ތާއީދުކޮށްފި
2 އަހަރު ކުރިން

ޔަމަނުގައި ބޭއްވި ޗެރިޓީ ހަރަކާތެއްގައި ފިތިގެން 78 މީހުން މަރުވެއްޖެ
2 އަހަރު ކުރިން