
ވިޔަފާރީގެ ބޭނުމަށް ފޭދޫ އަދި މަރަދޫފޭދޫ އިން ބިން ކުއްޔަށް ދޫކުރަނީ

އާމިނަތު ޝަޒްލާ - 11 އޮކްޓޯބަރު 2026 - 10:39
އައްޑޫ ސިޓީގެ ފޭދޫ އަވަށުން އެއް ބިމާއި، މަރަދޫފޭދޫ އަވަށުން ދެ ބިމެއް ވިޔަފާރީގެ ބޭނުމަށް 20 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް އައްޑޫ ސިޓީ ކައުންސިލުން އިޢުލާނުކޮށްފިއެވެ.
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފުރުޞަތު ހުޅުވާލާފައިވަނީ ރަޖިސްޓްރީ ކޮށްފައިވާ ފަރުދުންގެ ވިޔަފާރިތަކަށާއި، ކުންފުނި، ޕާޓްނަރޝިޕް އަދި ލޯކަލް އިންވެސްޓްމަންޓްތަކަށް ކަމަށެވެ.
ކައުންސިލުން ހާމަކުރި މަޢުލޫމާތަށް ބަލާއިރު، ފޭދޫން ދޫކުރުމަށް ހަމަޖެހިފައިވަނީ 1،800 އަކަފޫޓުގެ ބިމެކެވެ. ވެއަރހައުސް ނުވަތަ ގުދަން އެޅުމަށް ދޫކުރާ މި ބިން އޮންނަނީ އެ އަވަށުގެ 77 ނަންބަރު ކޮށީގައި، "ހިޔަލަވިލާ" ގޯއްޗާއި އިންވެގެން ހުޅަނގަށް ލިންކްރޯޑަށް ވާގޮތަށެވެ.
މީގެއިތުރުން މަރަދޫފޭދޫން ދޫކުރުމަށް ނިންމާފައިވަނީ ކެފޭ، ރެސްޓޯރަންޓް ނުވަތަ ޢާންމު ވިޔަފާރި ކުރުމަށް ޚާއްޞަ ދެ ބިމެކެވެ. އެއީ އޯކިޑުމަގާއި ލިންކްރޯޑާ ގުޅޭ ކަންމަތީގައި އޮންނަ 1،468.40 އަކަފޫޓުގެ ބިމަކާއި (ބިން ނަންބަރު: MFLL B40 P01)، އަސްރުމާ މަގާއި އުއްމީދީ މަގާ ދެމެދުގައިވާ ބްލޮކްގައި "ސާޔާ" ގޯއްޗާ އިންވެގެން އުތުރަށް އޮންނަ 1،000 އަކަފޫޓުގެ ބިމެކެވެ (ބިން ނަންބަރު: MFLL B58 P01).
މި ބީލަމުގައި ބައިވެރިވުމަށްޓަކައި 300 ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. ބީލަމުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ 11 އޮކްޓޫބަރު 2026 އިން ފެށިގެން 18 އޮކްޓޫބަރު 2026 ގެ ނިޔަލަށް، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށެވެ. ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ފުރިހަމަ މަޢުލޫމާތާއި ފައިސާ ޖަމާކުރި ސްލިޕް ކައުންސިލްގެ އީމެއިލް (finance@adducity.gov.mv) މެދުވެރިކޮށް ފޮނުވަން ޖެހޭނެއެވެ. އަދި 18 އޮކްޓޫބަރުގެ 14:00 ގެ ފަހުން ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަންނާނެ ކަމަށްވެސް ކައުންސިލުން ވިދާޅުވިއެވެ.
ބީލަމަށް ރަޖިސްޓްރީވާ ފަރާތްތަކަށް މަޢުލޫމާތު ކަރުދާހާއި ބީލަން ފޯމު 11 އޮކްޓޫބަރުން ފެށިގެން 19 އޮކްޓޫބަރުގެ ނިޔަލަށް އީމެއިލް ކުރެވޭނެއެވެ. އަދި ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 26 އޮކްޓޫބަރު 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައެވެ.
ކައުންސިލުން ވިދާޅުވި ގޮތުގައި، މި ބިންތަކާ ގުޅޭ ޗާޓާއި ޕޮއިންޓް ދެވޭނެ އުޞޫލުތައް މަޢުލޫމާތު ޝީޓުގައި ހިމެނިފައިވާނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގައި ކައުންސިލްގެ ނަންބަރު 6885003 އަށް ގުޅުއްވުމަށް އެ އިދާރާއިން ވަނީ އެދިވަޑައިގެންފައެވެ.
ގުޅުން ހުރި ޙަބަރުތައް

މާދަމާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ޕާސްޕޯޓު ދޫކުރަން ފަށަނީ
2 ގަޑިއިރު ކުރިން

ތޮއްޖެހުން ކުޑަކުރުމަށް އެމްޑީޕީގެ ސަރުކާރުން ފެށި އާރްޓީއެލްގެ ޚިދުމަތަކީ މުހިންމު މަޝްރޫޢެއް: އާޒިމް
2 ގަޑިއިރު ކުރިން

ދައުލަތަށް ލިބުނު އާމްދަނީ 31.5 އިންސައްތަ އިތުރުވެއްޖެ
2 ގަޑިއިރު ކުރިން

ދައުލަތުގެ މުއައްސަސާތައް ހިމެނޭ ވެބްސައިޓެއް ރައީސް އޮފީހުން އިފްތިތާހްކޮށްފި
2 ގަޑިއިރު ކުރިން


