logo

އަދިވެސް އެދެނީ ރައީސް ޔާމީން އިންތިހާބުގައި ވާދަ ކުރުން - މުޢިއްޒު

profile

އަހުމަދު ޒަލީފު - 03 އޯގަސްޓު 2023 - 20:18

މޭޔަރ ޑރ މުޙައްމަދު މުޢިއްޒު

މޭޔަރ ޑރ މުޙައްމަދު މުޢިއްޒު

އަދިވެސް އުންމީދު ކުރައްވަނީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައިސް އަބްދުﷲ ޔާމީން އަބަދުލްގައްޔޫމްއަށް ސްޕްރީމް ކޯޓުން ކާމިޔާބު ލިބުންކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރިޔާސީ ޓިކެޓް ކާމިޔާބު ކުރެއްވި ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު ވިދާޅުވީ އޭނާއަށް ލިބުނު ޓިކެޓަކީ އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެނޑިޑޭޑް ރައީސް ޔާމީންއަށް އިންތިހާބުގައި ވާދަ ނުކުރެވިއްޖެ ހާލަތެއްގައި ވާދަކުރަން ލިބުނު ޓީކެޓެއްކަމަށާއި އެކަމުގައި އަމިއްލަ މަސްލަހަތެއް ނެތްކަމަށެވެ.

އޭނާ ވިދާޅުވީ އިދިކޮޅުން ކުރަނީ ގައުމީ މަސައްކަތެއްކަމަށާއި އޭނާ އަދިވެސް އުންމީދު ކުރައްވަނީ ސްޕްރީމް ކޯޓުން ރައީސް ޔާމީނަށް ކާމިޔާބު ލިބުމަށްކަމަށެވެ.

މީގެ އިތުރުން އޭނާއަށް މިއަދު ނެގި ވޯޓުގައި ވޯޓު ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާ ވިދާޅުވީ އެ ރޫހުގައި މަސައްކަތް ކުރައްވައިފި ނަމަ ރައީސް ޔާމީން މިނިވަން ވާނެކަމަށެވެ.

ޕީއެންސީގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިވާ ބޭފުޅުންގެ ތެރެއިން ޕާޓީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ބޭފުޅެއް ކަނޑައެޅުމުގެ ބައްދަލުވުން ބާއްވާފައިވަނީ މިއަދު ހަވީރު 4:00 ގައި ބޭއްވި ޕާޓީގެ މަޝްވަރާ މަޖިލީހުގައެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިއްޖެނަމަ، ވެރިކަން ކުރާނީ ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން ކަމަށް ޕީއެންސީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ޕީއެންސީގެ ޕްރައިމަރީގެ ވޯޓަށްފަހު މުއިއްޒު ވިދާޅުވީ އެ ދެ ޕާޓީން ވެސް ހުރިހާ ކަަމެއް ކުރިއަށް ގެންދަނީ ޔާމީނުގެ އިރުޝާދުގެ ދަށުން ކަމަށެވެ. އަދި މިއަދު ބޭއްވި ޕްރައިމަރީގެ ކަންކަންވެސް ކުރިއަށް ގެންދިޔައީ ވެސް ޔާމީނުގެ އިރުޝާދުގެ ދަށުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

tel:+9607331319