logo
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހައުސިންގ މިނިސްޓަރ ޑރ. އަލީ ހައިދަރު މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ--- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހައުސިންގ މިނިސްޓަރ ޑރ. އަލީ ހައިދަރު މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ--- ފޮޓޯ: މަޖިލިސް

ބުރިޖު މަސައްކަތް ނުނިމެނީސް ގޯތިތައް ހަވާލެއް ނުކުރެވޭނެ: މިނިސްޓަރ ހައިދަރު

profile

ޝުރުފާ މުހައްމަދު - 12 އޯގަސްޓު 2024 - 06:34

ތިލަމާލެ ބުރިޖުގެ މަސައްކަތް ނުނިމެނީސް، ގުޅީފަޅުން ބަހާފައިވާ ގޯތިތައް ރައްޔިތުންނަށް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓަރ ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އިތުރު ދާއިރާގެ މެމްބަރު މުހަންމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ހައިދަރު ވަނީ ގުޅީފަޅުގެ ގޯތިތައް ދޫކުރުން ލަސްވާ 3 ސަބަބެއް ހާމަކުރައްވާފަ އެވެ. އޭގެ ތެރެއިން މައިގަނޑު ސަބަބެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވީ ތިލަމާލެ ބްރިޖުގެ މަސައްކަތަށް ގުޅީފަޅުން ބޮޑު ސަރަހައްދެއް ކޮންސްޓްރަކްޝަން ސައިޓަކަށް ވެފައި އޮތުމެވެ. އެހެންވެ އެ ބިންތައް ދޫކުރެވޭނީ އެތަނުގައި ތިލަމާލެ ބްރިޖުގެ މަސައްކަތްތައް އެއްކޮށް ނިމުމުން ކަމަށާއި، އެ މަސައްކަތް ނިމޭނީ އަންނަ އަހަރުގެ ސެޕްޓެމްބަރު ތެރޭގައި ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީ އާ ހަވާލާދީ މިނިސްޓަރ ހައިދަރު ވިދާޅުވި އެވެ.

އެ ސައިޓު އެތަނުން ހުސްކުރެވޭނެ ކަމަށް މައުލޫމާތު ލިބިފައި އޮތީ އަންނަ އަހަރު ސެޕްޓެމްބަރ ހާ ތަނަށް. ބްރިޖުގެ މަސައްކަތަށް އެތަން ބޭނުންކުރަމުން ދާއިރު، އެތަނުން ބިން އެލޮކޭޓްކޮށްގެން މީހުންނަށް ބިން ދޫކުރެވޭނީ އެތަނުގެ މަސައްކަތް ނިމުނީމަ. އެއީ އެތަނުގައި ބޮޑެތި ހެވީ ވެހިކަލްތައް ދުއްވާ ކޮންމެ ދުވަހަކު ވެސް ދަތުރުކޮށް ހަދާ، ކުރިން ދޫކޮށްފައި ހުރި ގޯތިތަކުގެ ކަންމުޑިތައް ވެސް އެއްކޮށް ހަލާކުވެގެން ހިނގައްޖެ.

މިނިސްޓަރ ވިދާޅުވީ އަލުން އެ ގޯތިތައް ފާހަގަކޮށް ކަންމުޑި ޖަހައިގެން އެ މަސައްކަތް ކުރެވިދާނެ ކަމަށެވެ. އެކަމަކު އެތަނަކީ މިވަގުތު ކޮންސްޓްރަކްޝަން ސައިޓެއްގެ ގޮތުގައި އޮތް ތަނެއް ކަމުން، އެކަން ކޮށްފި ނަމަ އެ ވާނީ އިތުރަށް ކުރެވޭ ޚަރަދަކަށް ކަމަށާއި، އެތަން އެގޮތަށް ދެމި ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރަށް މިދިޔަ ސަރުކާރުން އެ ބިންތައް ބަހާފައި ވަނީ އެތަނުގައި މީހުން ދިރިއުޅެން އެކަށީގެންވާ ގޮތަކަށް ނޫންކަމަށް ވިދާޅުވެ، މިނިސްޓަރ ވަނީ މި ސަރުކާރުން މިހާރު ގުޅީފަޅުގެ އައު ލޭންޑްޔޫޒް ޕްލޭނެއް ހަދާފައިވާކަން ފާހަގަކުރައްވާފަ އެވެ. އެ ޕްލޭން އެކުލަވާލީ އެއްވެސް ތަކުލީފަކާ ނުލާ ރައްޔިތުންނަށް އުޅެވޭނެ ގޮތަށް ހުރިހާ ވަސީލަތްތަކެއް ލިބެން ހުންނާނެ ގޮތަށް ކަމަށާއި އެ ޕްލޭނަށް ގުޅީފަޅު ކޮމިއުނިޓީގެ މަޝްވަރާވެސް ހޯދާފައިވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މިނިސްޓަރ ވިދާޅުވި ގޮތުގައި އެ މަސައްކަތް މިހާރު އޮތީ ޕްލޭން ފާސްކުރުމުގެ އެންމެ ފަހު މަރުހަލާގަ އެވެ.

މި ސަރުކާރުން ލޭންޑް ޔޫޒް ޕްލޭނަށް ގެންނަން ނިންމާފައިވާ ބައެއް ބަދަލުތަކުގެ ތެރޭގައި މިދިޔަ ސަރުކާރުން ގުޅީފަޅަށް ބަދަލުކުރަން ނިންމި ޕޯޓް އަނބުރާ ތިލަފުއްޓަށް ބަދަލުކުރުން ހިމެނެ އެވެ.

މިނިސްޓަރ ވިދާޅުވީ އެތަނުން ބިން ބަހާފައިވާއިރު، އޭގެ ތެރެއިން ބައެއް ބިންތަކަކީ ފަޅުތެރެއިން ދޫކޮށްފައިވާ ބިންތަކެއް ކަމަށާއި، އަދި އެތަން ހިއްކާ ވެސް ނުނިމޭ ކަމަށެވެ. އަދި ވީ އެންމެ އަވަހަކަށް އެ މަސައްކަތް ނިންމުމަށް މި ސަރުކާރުން މިހާރު އެމްޓީސީސީއާ އެކަމުގެ މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.

އިމާރާތްކުރުމާއި ބިނާކުރުމާ ބެހޭ ވަޒީރު ވިދާޅުވީ އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް މަޝްވަރަތައް ކުރަމުންދާ ކަމަށް. އެހެންވީމަ ނިމޭނެ ވަކި ދުވަހެއް ވެސް ވިދާޅެއް ނުވޭ. އެ ބިމުން 85 ހެކްޓަރ އަދި ހިއްކަން އެބަ އޮތް. އެ 85 ހެކްޓަރ އެއްކޮށް ހިއްކާ ނިމުނީމަ އެތަނުން ގޯތިތައް ހަވާލުކުރެވޭނީ

ގުޅީފަޅުން ހިއްކާ ނިންމަން އޮތް ޖާގައިގެ ތެރޭގައި މި ސަރުކާރުން އެތަނަށް އިތުރުކުރަން ނިންމި ޖާގަ ވެސް ހިމެނެ އެވެ. މީގެ އިތުރަށް ގިރާވަރުފަޅުން ގޯތި ލިބުނު ބައެއް މީހުންގެ ގޯތިތައް ވެސް މިހާރު ގުޅީފަޅަށް ބަދަލުކޮށްފައިވާއިރު، އެކަމުގެ އިދާރީ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށް މިނިސްޓަރ ހައިދަރު ވިދާޅުވި އެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay