logo

ސިވިލް ސާވެންޓުން ތަމްރީނުކުރަން އިންޑިއާއާ އެކު ހެދި އެއްބަސްވުން އާ ކޮށްފި

profile

މަރްޔަމް އުމްނާ އިސްމާޢީލް - 09 އޯގަސްޓު 2024 - 23:55

ސިވިލް ސާވިސް މުވައްޒަފުން ތަމްރީނުކުރުމަށް ވެވުނު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ސިވިލް ސާވިސް މުވައްޒަފުން ތަމްރީނުކުރުމަށް ވެވުނު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރާއްޖޭގެ ސިވިލް ސާވިސް މުވައްޒަފުން ތަމްރީނުކުރުމަށް އިންޑިއާއާ އެކު ހަދާފައިވާ އެއްބަސްވުން އާ ކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރު މިއަދު ރާއްޖެ ވަޑައިގެން، ފޮރިން މިނިސްޓްރީގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި އެއްބަސްވުމުގައި ސިވިލް ސާވިސް ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައިވާ މުނޫ މަހާވަރެވެ.

އިންޑިއާގެ ނޭޝަނަލް ސެންޓާ ފޯ ގުޑް ގަވަނެންސްއާއި ރާއްޖޭގެ ސިވިލް ސާވިސް އިދާރާ އާ ދެމެދު ވެފައިވާ އެއްބަސްވުން އާކޮށް، އިތުރު 1000 މުވައްޒަފުން ތަމްރީނުކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ޖައިޝަންކަރު ވަނީ އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިދާޅުވެފަ އެވެ.

އިންޑިއާއާއި ރާއްޖެއިން މި އެއްބަސްވުމުގައި އެންމެ ފުރަތަމަ ސޮއިކުރީ 2019 ގަ އެވެ. ފަސް އަހަރުގެ މުއްދަތަކަށް ވެވުނު މި އެއްބަސްވުމުގެ މުއްދަތު ވަނީ މިދިޔަ ޖޫން މަހުގައި ހަމަވެފަ އެވެ. އެފަހަރުވެސް ދެ ގައުމުން އެއްބަސްވީ 1000 ސިވިލް ސާވެންޓުން ތަމްރީނުކުރުމަށެވެ. މި އެއްބަސްވުމުގެ ދަށުން ހުރިހާ ހަރަދެއް ކުރާނީ އިންޑިއާ ސަރުކާރުން ނެވެ.

މި އެއްބަސްވުމުގެ ދަށުން ސިވިލް ސާވެންޓުން އެކި ދާއިރާތަކުން ތަމްރީނު ކުރެވޭނެ އެވެ. އޭގެ ތެރޭގައި ޕަބްލިކް އެޑްމިނިސްޓްރޭޝަން، އީ-ގަވަނަންސް އެންޑް ސާވިސް ޑެލިވަރީ، ޕަބްލިކް ޕޮލިސީ އެންޑް ގަވަނަންސް، އެގްރޯ ބޭސްޑް ޕްރެކްޓިސް، ސެލްފް ހެލްޕް ގްރޫޕް އިނީޝިއޭޓިވްސް އަދި އާބަން ޑިވެލޮޕްމަންޓް އެންޑް ޕްލޭނިންގެ ދާއިރާ ހިމެނެ އެވެ.

މީގެއިތުރުން، މިރޭ އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ) ދަށުން ނިމިފައިވާ ހަ މަޝްރޫއުއެއް އިފްތިތާހުކޮށްފައިވާއިރު ރާއްޖޭގައި ޑިޖިޓަލް ޕޭމަންޓް ސިސްޓަމެއް ތައާރަފްކުރުމަށް އިންޑިއާގެ ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަނާއި އިކޮނޮމިކް މިނިސްޓްރީއާ ދެމެދު ވެސް އެއްވަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ.

tel:+9607331319