logo

ކޮރަޕްޝަން ނައްތާލުމަށް ކުރާ މަސައްކަތުގައި އެއްބާރުލުން ދޭނަން: ޕީޖީ

profile

އާމިނަތު ޝަފާ - 23 ސެޕްޓެމްބަރު 2024 - 18:11

ޕީޖީ އައްބާސް ޝާމިލްއާއެކު

ޕީޖީ އައްބާސް ޝާމިލްއާއެކު

ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް ކުރަމުންދާ މަސައްކަތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛް ޢައްބާސް ޝަރީފު ވިދާޅުވެއްޖެއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛް ޢައްބާސް ޝަރީފު، މިކަމުގެ ޔަގީންކަް ދެއްވީ، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އަލްއުސްތާޛް އާދަމް ޝާމިލްއާ މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންގެ އޮފީހުގައި މިއަދު ކުރިއަށްދިޔަ މި ބައްދަލު ކުރެއްވުމުގައި އޭސީސީގެ ރައީސް ވަނީ، ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛް ޢައްބާސް ޝަރީފު ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އައްޔަންކުރެއްވުމާ ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ދަންނަވާފައެވެ.

މި ބައްދަލު ކުރެއްވުމުގައި ކޮރަޕްޝަންގެ މައްސަލަތައް ކޯޓުގައި ކާމިޔާބު ކުރުމަށްޓަކައި ދެ މުއައްސަސާ އެއް އަމާޒަކަށް މަސައްކަތް ކުރުމުގެ މުހިންމުކަން ޕްރޮސިކިއުޓަރ ޖެނެރަލް ފާހަގަ ކުރެއްވިއެވެ.

އެގޮތުން ކޮރަޕްޝަން މައްސަލަތަކުގެ ތަޙުޤީޤުތައް އިތުރަށް ހަރުދަނާކޮށް މިހާރަށްވުރެ ވަރުގަދަ ކުރުމަށްޓަކައި އިންވެސްޓިގޭޓަރުންނަށް، ޕްރޮސިކިއުޓަރުންގެ އިތުރު އެހީތެރިކަން ބޭނުންވާނަމަ، އެކަމަށް މަގު ފަހިކޮށްދެއްވާނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ވިދާޅުވިއެވެ.

މި ބައްދަލު ކުރެއްވުމުގައި، ކޮރަޕްޝަން މައްސަލަތަކުގެ ތަޙުޤީޤުތައް މިހާރަށްވުރެ އަވަސް ކުރެއްވުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ބާރުއެޅުއްވިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ދެވަނައަށް އެންމެ ގިނަ މައްސަލަ ހުށަހަޅަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުންނެވެ.

އެގޮތުން މިއަހަރުގެ މިހާތަނަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަޙުޤީޤުކޮށް ހުށަހެޅި 5 މައްސަލައެއްގައި ދަޢުވާކުރުމަށް ކޯޓަށް ހުށަހަޅާފައިވާނެއެވެ. އަދި މިއަހަރުގެ މިހާތަނަށް 11 މައްސަލައެއް އޭސީސީން މި އޮފީހުގެ މަޝްވަރާއަށް (ޑިއުޓީ ޕްރޮސިކިއުޝަނަށް) ހުށަހަޅާފައިވެއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) ޢައްބާސް ޝަރީފު މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު ޖިނާއީ ޢަދުލުގެ ނިޒާމުގައި މަސައްކަތްކުރާ އިދާރާތަކުގެ ވެރިންނާ ގެންދަވަނީ ވަކިވަކިން ބައްދަލު ކުރައްވަމުންނެވެ. އެގޮތުން އާދީއްތަ ދުވަހު ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއާ ބައްދަލުކުރައްވާފައި ވެއެވެ. އަދި ބުރާސްފަތި ދުވަހު ދައުލަތުގެ ބަންޑާރަނާއިބާވެސް ބައްދަލުކުރައްވާފައިވެއެވެ.

https://int.etukuri.mv/
tel:+9607331319