logo

ޕޯލިއޯ ވެކްސިން ޖެހުމުގެ ފުރަތަމަ ފިޔަވަހި ނިމުމާއެކު ހަމަލާދީފި

profile

ސައިފް އަޒުހަރު - 03 ސެޕްޓެމްބަރު 2024 - 20:22

ޣައްޒާގެ ކުޑަކުދިންނަށް ޕޯލިއޯ ވެކްސިން ދިނުން ކުރިއަށްދަނީ: ފޮޓޯ - އދ

ޣައްޒާގެ ކުޑަކުދިންނަށް ޕޯލިއޯ ވެކްސިން ދިނުން ކުރިއަށްދަނީ: ފޮޓޯ - އދ

ޣައްޒާގައި ކުރިއަށްގެންދާ ޕޯލިއޯ ވެކްސިން ދިނުމުގެ ޕްރޮގްރާމް އަދި ކުރިއަށްދަނީ ރަނގަޅަށް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނެފިއެވެ.

ޣައްޒާއިން ޕޯލިއޯ ފެނުމާ ގުޅިގެން، ކުޑަކުދިންނަށް ޕޯލިއޯ ވެކްސިން ދިނުމުގެ މަސައްކަތް ފެށިގެންދިޔައީ، އދއާއި، ޑަބްލިޔުއެޗްއޯއާއި އެނޫންވެސް ގައުމުތަކުން ޕްރެޝަރކޮށްގެން އިސްރާއީލުން އެކަމަށް ހުއްދަ ދިނުމުންނެވެ.

ޕޯލިއޯ ވެކްސިން ކެމްޕެއިން ކުރިއަށް ގެންދިއުމަށްޓަކައި، ވެކްސިން ޖަހާ ސަރަހައްދުތަކުގައި ހަނގުރާމަ މަޑުޖައްސާލައި، ބައެއް ހިސާބުތަކުން އިސްރާއީލު ސިފައިންވަނީ ފައިބައިގެން ގޮސްފައެވެ.

ޑަބްލިޔުއެޗްއޯގެ އީސްޓަން މެޑިޓަރޭނިއަން ރީޖަންގެ ޕޯލިއޯ އިރެޑިކޭޝަން ޑިރެކްޓަރ ހާމިދު ޖަފަރީ ވިދާޅުވީ، ޣައްޒާގެ ކުދިންނަށް ޕޯލިއޯ ވެކްސިން ޖެހުމަށް ފެށި ކެމްޕެއިންގެ ފުރަތަމަ ފިޔަވަހީގައި ކުރިން އަންދާޒާ ކުރި ވަރަށް ވުރެންވެސް ގިނަ ކުދިންނަށް ވެކްސިން ޖެހިއްޖެ ކަމަށެވެ.

ފުރަތަމަ ފިޔަވަހީގައި ވެކްސިން ދިނުމަށް ހަމަޖެއްސި ޣައްޒާގެ މެދުތެރެއިން، ކުރިން ލަފާކުރި ވަރަށް ވުރެ ގިނަ ކުދިން ވެކްސިން ދޭންޖެހުނު ކަމަށާއި، އެހެންވެ އިތުރު ކުދިން ތިބިތޯވެސް ބަލަމުންދާ ކަމަށް ހާމިދު ޖަފަރީ ވިދާޅުވިއެވެ.

ޣައްޒާގެ ދެކުނުގައި ޕޯލިއޯ ވެކްސިން ޖެހުމުގެ ކެމްޕެއިން ފަށާނީ ބުރާސްފަތި ދުވަހު ކަމަށާއި، ޣައްޒާގެ ދެކުނުގައި ވެކްސިން ޖަހަންޖެހޭ 300،040 ކުދިން އެބަ ތިބި ކަމަށް އަންދާޒާ ކުރެވިފައިވާ ކަމަށް ޑިރެކްޓަރ ހާމިދު ޖަފަރީ ވިދާޅުވިއެވެ.

ދެކުނުގައި ވެކްސިން ޖެހުމުގެ ކެމްޕެއިން ހަތަރު ވަރަކަށްދުވަސްތެރޭ ނިންމުމަށްފަހު ދެން ކެމްޕެއިން ފަށާނީ ޣައްޒާގެ އުތުރުގައި ކަމަށާއި، އުތުރުގައި، އުމުރުން 10 އަހަރުން ދަށުގެ 150،000 އެއްހާ ކުޑަކުދިން އެބަތިބި ކަމަށް އަންދާޒާ ކުރެވިފައިވާ ކަމަށް ޖަފަރީ ވިދާޅުވިއެވެ.

ޣައްޒާގެ މެދުތެރޭގައި ޕޯލިއޯ ވެކްސިން ޖެހުމުގެ ކެމްޕެއިންގެ ފިޔަވަހި ނިމުމާއެކު، ވެކްސިން ޖަހަމުންދިޔަ އަލްއަގްސާ ހޮސްޕިޓަލް ކައިރިއަށް އިސްތިއުމާރީ ސިފައިން އިއްޔެވަނީ ބޮންއަޅާފައެވެ. އެ ހޮސްޕިޓަލް ކައިރިއަށް މިއަދުވެސް ހަމަލާދިނުމުގެ ސަބަބުން 5 ކުޑަކުދިން ޒަޚަމްވެފައި ވެއެވެ.

ޣައްޒާގެ ކުޑަކުދިންނަށް ޕޯލިއޯ ވެކްސިން ޖެހުމަށް، ބައެއް ސަރަހައްދުތަކުން ހަނގުރާމަ ހުއްޓާލައި އިސްރާއީލު ފޭބި ފޭބުން ގިނަ ބަޔަކު ސިފަކުރަމުން ގެންދަނީ އިސްރާއީލުން ޖެއްސި ޕީއާރް ސްޓަންޓެއްގެ ގޮތުގައެވެ.

tel:+9607331319