logo

އަނެއްކާވެސް ޣައްޒާގެ ސްކޫލަކަށް ބޮންއަޅައި އެތައްބަޔަކު ޝަހީދުކޮށްލައިފި

profile

ސައިފް އަޒުހަރު - 11 ސެޕްޓެމްބަރު 2024 - 23:53

އިސްރާއީލުގެ މަތިންދާ ބޯޓުތަކުން ބޮންއެޅި އަލް-ޖައޫން ސްކޫލް: މި ސްކޫލަށް ބޮންއެޅީ ކުރިން އެއްވެސް އިންޒާރެއް ކުރުމެއްނެތި ކަމަށް ފަލަސްތީނުން ބުނޭ

އިސްރާއީލުގެ މަތިންދާ ބޯޓުތަކުން ބޮންއެޅި އަލް-ޖައޫން ސްކޫލް: މި ސްކޫލަށް ބޮންއެޅީ ކުރިން އެއްވެސް އިންޒާރެއް ކުރުމެއްނެތި ކަމަށް ފަލަސްތީނުން ބުނޭ

އިސްތިއުމާރީ އިސްރާއީލު ސިފައިން ހަނގުރާމަމަތީ މަތިންދާ ބޯޓުތަކުން އަނެއްކާވެސް ޣައްޒާގެ ސްކޫލަކަށް ބޮންއަޅައި 16 މީހުން ޝަހީދު ކޮށްލައިފިއެވެ.

ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސައިރަތު ރެފިއުޖީ ކޭމްޕްގައި ހުންނަ އަލް ޖައޫނީ ސްކޫލަށް ބޮން އެޅިއިރު، ހަނގުރާމައިގެ ސަބަބުން ރައްކާތެރިކަމާއި ހިމާޔަތް ހޯދައިގެން އެ ސްކޫލްގައި 2،000 އަށްވުރެ ގިނަ މީހުން ތިއްބެވެ. އެއީ، އދގެ ރެފިއުޖީ އޭޖެންސީން ހިންގާ ސްކޫލެކެވެ.

ބޮންއެޅުމުގެ ސަބަބުން 16 މީހުން ޝަހީދުއިރު، ޝަހީދުވި މީހުންނާއި އަދި ޒަޚަމްވި މީހުންގެ ތެރޭގައިވެސް އެތައް ކުޑަކުދިން ހިމެނޭ ކަމަށް ފަލަސްތީނުން ރިޕޯޓް ކުރެއެވެ.

ބޮންއެޅުމުގެ ސަބަބުން ވެއްޓިފައިވާ ސްކޫލްގެ އިމާރާތުގެ ދަށުގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ފަލަސްތީން ސިވިލް ޑިފެންސުން އަދިވެސް ކުރަމުން ގެންދާއިރު، މި ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު އަދިވެސް އިތުރުވާނޭ ކަމަށް ލަފާކޮށްފައި ވެއެވެ.

މަންޒަރު ދުށް ފަލަސްތީނު މީހަކާ ހަވާލީ މީޑިއާއިން ބުނެފައިވަނީ، ބޮން އެޅުމުގެ ސަބަބުން އަންހެނުންނާއި ކުޑަކުދީންގެ ހަށިތައް ކުދިކުދިވެގެން ދިޔަ ކަމަށެވެ.

މި ލާއިންސާނީ ޖަރީމާ ހިންގުމަށްފަހު އިސްތިއުމާރީ އިސްރާއީލުން ބުނެފައިވަނީ، އެމީހުން ބޮންއެޅީ ހަމާސްގެ ކޮމާންޑް ސެންޓަރަކަށް ކަމަށެވެ.

އެއްވެސް ހެއްކެއް ގަރީނާއެއްނެތި، ޣައްޒާގައި އާންމުން ހިމާޔަތް ހޯދައިގެން ތިބޭ ސްކޫލްތަކަށް ބޮންއަޅައި އެތައްބަޔަކު ޝަހީދުކޮށްލުމަށްފަހު ޒަޔަނިސްޓުން އަދުވެސް ބުނަމުންދަނީ އެމީހުން ބޮންއެޅީ ހަމާސްގެ ކޮމާންޑް ސެންޓަރަކަށް ކަމަށެވެ.

ދުނިޔޭގެ ދެކޮޅުވެރިކަމާހެދި "ސޭފް ޒޯން" އޭ ކިޔައި އިސްރާއީލުން އަމިއްލައަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި އާންމުން ތިބޭ ތަނެއްވެސް މިހާރު ރައްކާތެރިއެއް ނޫނެވެ. ކެނޑިނޭޅި އިސްރާއީލުން ގެންދަނީ "ސޭފް ޒޯން" ގެ ތެރޭގައި ހުންނަ ތަންތަނަށް ބޮންއަޅަމުންނެވެ.

އެގޮތުން، މިދިޔަ އޮގަސްޓްމަހުގެ 1 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އެކަނިވެސް، އދގެ ރެފިއުޖީ އޭޖެންސީން ޣައްޒާގައި ހިންގާ 6 ސްކޫލަކަށް އިސްރާއީލުގެ ޓެރަރިސްޓުން ވަނީ ބޮންއަޅައި އެތައްސަތޭކަ ބަޔަކު ޝަހީދު ކޮށްލާފައެވެ. އެހުރިހާ ސްކޫލްތަކަކީވެސް ހިމާޔަތް ހޯދަން އާންމުން ވަދެތިބި ވަގުތީ ހިޔާވަހި ތަކެވެ.

އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުގެ 7 ވަނަ ދުވަހު ނަސްލުނައްތާލުމުގެ ޖަރީމާތަކުގައި މިއަދާއި ހަމައަށް، ޣައްޒާގައި އދއިން ހިންގާ ސްކޫލްތަކާއި، އެނޫންވެސް ޖުމްލަ 190 އިމާރާތަކަށް 435 އުދުވާނީ ހަމަލާ ދީފައި ވެއެވެ.

އިސްރާއީލުގެ އަނިޔާވެރިކަން ހުއްޓުވުމުގައި އދ ނާކާމިޔާބު ވެފައިވާއިރު، އިސްރާއީލަށް ހަތިޔާރާއި، ޓެކްނިކަލް އެހީތެރިކަމާއި، ޖާސޫސީ މައުލޫމާތުދީ، ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ހުއްޓާނުލާ ކުރިއަށް ގެންދަން އެންމެބޮޑު ހިތްވަރެއް ދެމުން ގެންދަނީ އެމެރިކާއާއި، ހުޅަނގުގެ ގައުމުތަކުންނެވެ.

tel:+9607331319