
ސީލައިފް އައްމަޓީގެ ޕާސްޕޯޓް ހިފަހައްޓައިފި

އައިމިނަތު ޒައިބާ - 14 އޭޕްރީލު 2026 - 05:18
ސީލައިފް ގްލޯބަލްއިން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ފްލެޓް ނުދިން މައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ގެ މައްޗަށް ކުރި ހިޔާނާތުގެ ހުރިހާ ދައުވާތައް އޭނާގެ މައްޗަށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށް، އޭނާގެ ޕާސްޕޯޓް ހިފަހައްޓަން އެ ކޯޓުން އަމުރުކޮށްފިއެވެ.
ގިނަ ބައެއްގެ އަތުން މަކަރާއި ހީލަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގަައި، ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އޭނާގެ މައްޗަށް ހިޔާނާތްތެރިވުމުގެ ކުށުގެ 42 ދައުވާއެއް 30 މޭއި 2021 ގައި ކުރިއެވެ.
އެ މައްސަލައިގެ ޝަރީއަތް ހިންގުމަށްފަހު ދައުވާތައް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ އޭޕްރިލް 9ގައެވެ.
ޕްރޮސެކިއުޓީ ޖެނެރަލް (ޕީޖީ) އޮފީހުން ވިދާޅުވީ،ކްރިމިނަލް ކޯޓުން ނިންމި އެ ނިންމުން އިސްތިއުނާފުކުރުމަށް، އެޕްރީލް 11 ދުވަހު ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އަދި އެ އޮފީހުން ހައިކޯޓުގައި އެދިފައިވާނީ މި މައްސަލައިގެ ހެކި ގަރީނާ ކޯޓުން ވަޒަންކޮށްފައިވަނީ ގާނޫނާ ހިލާފަށްކަމަށް ކަނޑައަޅުއްވައިދެއްވައި، މިއީ މަދަނީ ތަބީއަތުގެ މައްސަލައެއްކަމަށް ކޯޓުން ކަނޑައަޅުއްވާފައިވަނީ އަދި ގާނޫނުގައި ބަޔާންކޮށްފައިވާ ހިޔާނާތްތެރިވުމުގެ ކުށުގެ އުންސުރުތައް މާނަކޮށްފައިވަނީ ގާނޫނާ ހިލާފަށްކަމަށް ކަނޑައަޅުއްވައިދެއްވައި، އެ ދައުވާތައް ސާބިތުވާކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދި ކަމަށް ޕީޖީން ވިދާޅުވިއެވެ.
މީގެ އިތުރުން، މައްސަލައިގެ އިސްތިއުނާފު މަރުހަލާ ނިމެންދެން އޭނާ ރާއްޖެއިން ފުރުން މަނާކުރުމުގެ އަމުރަކަށް އެދި މި އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، އިއްޔެއޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ނެރުއްވާފައިވާ ކަމަށްވެސް ޕީޖީން ވިދާޅުވިއެވެ.






.gif&w=3840&q=75)