
ހުޅުމާލެ ފަޅުތެރެއިން ގެއްލުނު މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެ

މުޙައްމަދު ފަޟްލޫން - 22 މޭ 2026 - 11:44
ހުޅުމާލޭގެ ސްޓެލްކޯ ސަރަހައްދު ފަޅުތެރެއަށް ވަލެއް އައްސަން މޫދަށް ފޭބި ފަހުން ޚަބަރެއް ނުވެގެން ހޯދަމުންދިޔަ މީހާ، ހުޅުލޭ ސީޕްލޭން ޓާމިނަލް ސަރަހައްދުގެ ކަނޑުގެ އަޑީގައި ނިޔާވެފައި އޮއްވައި ފެނިއްޖެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާއަކީ ހުޅުލޭ ސީޕްލޭން ޓާމިނަލްގެ އުތުރު ފަޅުގައި އަޅާފައި އޮތް ތެޔޮ ބާޖެއްގައި މަސައްކަތްކުރާ ފަޅުވެރިއެކެވެ.
އޭނާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ އިއްޔެ އިރުއޮއްސި 18:30 ހާއިރުއެވެ.
މެރިން ފުލުހުންނާއި އެމްއެންޑީއެފް ކޯސްޓްގާޑުން މައުލޫމާތު ދެއްވި ގޮތުގައި، މި މީހާ ގެއްލުނީ ހުޅުމާލެ ސްޓެލްކޯއާ ދިމާލުން ފަޅުތެރެއަށް ވަލެއް އެއްސުމަށްޓަކައި މޫދަށް ފޭބި ވަގުތުގައެވެ.
އޭނާ ހޯދުމަށްޓަކައި އެމްއެންޑީއެފްގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާވިސް އާއި އެއާޕޯޓް ރެސްކިޔު ޓީމުތަކުން ރޭގެ ވަގުތުގައި ވަނީ ބޮޑު ސަރަހައްދެއް ބަލައި ފާސްކޮށްފައެވެ.
މިގޮތުން ފުލުހުންނާއި ސިފައިން ގުޅިގެން ހުޅުމާލެ ފަޅުތެރޭގެ ބައެއް ސަރަހައްދުތަކަށް ޑައިވްކޮށްގެންވެސް ވަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ.
ހޯދަމުންދިޔަ މީހާ މިހާރު ވަނީ ސީޕްލޭން ޓާމިނަލްގެ ފަޅުތެރެއިން ފެނިފައިވާއިރު އޭނާ މަރުވެފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މި ހާދިސާ ހިނގި ދުވަހަކީ މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ނުހަނު ގޯސްވެ، ވައިގަދަވުމުގެ ސަބަބުން ކަނޑުތައް ގަދަވި ދުވަހެކެވެ.
މޫސުން ގޯސްވުމާ ގުޅިގެން، ފަޅުތެރޭގައި އަޅާފައި ހުންނަ އުޅަނދުފަހަރު އޮޔާދިޔަ ނުދިނުމަށްޓަކައި އިތުރު ވާޖަހައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ އާންމުކޮށް މިފަދަ ހާލަތްތަކުގައި އުޅަނދުފަހަރުގެ ފަޅުވެރިން ކުރާ ކަމެކެވެ.
ބެލެވޭ ގޮތުގައި، ގެއްލުނު މީހާ މޫދަށް ފޭބީ ވެސް އެފަދަ މަސައްކަތެއް ކުރުމުގެ ތެރޭގައެވެ.
ގުޅުން ހުރި ޙަބަރުތައް

ފެންކުޅި ކުޅޭނެ ކަމެއް ނެތް، މި އީދު ރަނގަޅަށް ވެސް ފެން ވާނެ
22 މިނިޓު ކުރިން

އެލައިޑް ހުޅުމާލެ ރަން ކާމިޔާބުކަމާއެކު ނިންމާލާފައިފި
2 ގަޑިއިރު ކުރިން

ޑައިވަރުން މަރުވި ހާދިސާ: ތަހުގީގަށް ބޭނުންވެދާނެ ހެކި ނަގައި ފުލުހުންނާ ހަވާލުކޮށްފި
4 ގަޑިއިރު ކުރިން

އައްޑޫ ސިޓީ ލިންކް ރޯޑް މަރާމާތު ކުރުމަށް ބޭނުންވާ ސާމާނު އައްޑޫ އަށް ގެންގޮސްފި
7 ގަޑިއިރު ކުރިން


.gif&w=3840&q=75)