logo

ގަތަރަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

profile

މުޙައްމަދު ފަޟްލޫން - 14 ޖުލައި 2026 - 08:29

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ

https://wamco.com.mv/

މި ދަތުރުފުޅަކީ ގަތަރުގެ ކުރީގެ އަމީރު، ޝައިޚް ހަމަދު ބިން ހަލީފާ އާލްސާނީ އަވަހާރަވުމާ ގުޅިގެން، އެޤައުމުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އާލް ސާނީއަށާއި ޝާހީ އާއިލާއަށް ތައުޒިޔާ ދެންނެވުމަށާއި އިޙުތިރާމު އަދާކުރެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވީ މިދިޔަ އާދީއްތަ ދުވަހުއެވެ.

މި ދަތުރުފުޅުގެ ތެރެއިން، ގަތަރުގެ އަމީރު ޝައިހް ތަމީމް ބިން ޙަމަދު އާލް ސާނީއާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އިޚްލާޞްތެރި ތައުޒިޔާ ރައްދުކުރައްވާފައެވެ.

އަވަހާރަވި ކުރީގެ އަމީރަކީ ރާއްޖޭގެ ތަރައްގީއަށް ފާހަގަކޮށްލެވޭ ފަދަ މުހިންމު އެހީތެރިކަމެއް ފޯރުކޮށްދެއްވާފައިވާ ބޭފުޅެކެވެ.

ގަޠަރު އެއަރވޭޒްގެ ޚިދުމަތް ރާއްޖެއަށް ފެށުމާއި، ލ. ގަމުގައި ހުންނަ ހަމަދު ބިން ހަލީފާ އަލްސާނީ ސްކޫލް ބިނާކުރެއްވުމުގެ އިތުރުން، ހުޅުމާލޭގައި މަސްޖިދުއްޝައިޚް ގާސިމް ބިން އަލް ސާނީ ބިނާކުރެއްވުމަކީ އެމަނިކުފާނުގެ ދީލަތި އެހީތެރިކަމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މީގެ އިތުރުން، 2005 ވަނަ އަހަރު ގަތަރުގެ ކުރީގެ އަމީރު ވަނީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްވެސް ކުރައްވާފައެވެ.

ދިވެހިރާއްޖެއާއި ޤަޠަރާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 26 މެއި 1984 ގައެވެ.

ގަތަރަކީ ދިވެހިރާއްޖޭގެ ތަރައްޤީއަށާއި ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ގައުމެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk