logo

ރަސްމާލެ ވެގެންދާނީ ޑިޖިޓަލައިޒްޑް ޓެކްނޮލޮޖީ ހިމެނޭ، ބޮޑު އިކޯ ސިޓީއަކަށް: ރައީސް

profile

އަހުމަދު ޒަލީފު - 27 މޭ 2024 - 15:41

---

---

މި ސަރުކާރުން ފުށިދިއްގަރުފަޅި ހިއްކައިގެން ތަރައްޤީ ކުރަން ނިންމާފައިވާ ރަސްމާލެ ވެގެންދާނީ ޑިޖިޓަަލައިޒް ޓެކްނޮލޮޖީ ހިމެނޭ ބޮޑު އިކޯ ސިޓީއަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެންޓީގާ އެންޑް ބާބިޔުޑާގައ ބޭއްވި ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް (ޖީބީއެން) ފޯރަމް 2024 ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރަސްމާލެ ޕްރޮޖެކްޓަކީ މި ސަރުކާރުން ބޯހިޔާވަހި ކަމުގެ މައްސަލަ ހައްލު ކުރުމަށް ހިންގާ އެންމެ ބޮޑު މަޝްރޫޢު ކަމަށާއި އެއީ އެންމެ ބޮޑު އާ އިކޯ ސިޓީ ކަމުގައި ވެގެންދާނެ ކަމަށެވެ.

ޑިޖިޓަލައިޒް ޓެކްނޮލޮޖީގެ ހާއްސަ ސިފަތަކާއެކު އެ ސިޓީ ތަރައްގީ ކުރަން ހަމަޖެހިފައިވާއިރު ރަސްމާލޭގެ އަމާޒަކީ، ދިވެހިރާއްޖޭގެ ބޯހިޔާވަހިކަމުގެ ދަތިކަން ފިލުވައި، ރާއްޖޭގައި ފުރަތަމަ ފަހަރަށް މޮޑިއުލާ ބޯހިޔާވަހިކަމުގެ ބޭނުން ހިފުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރަސްމާލެ ފަރުމާކުރެވިގެންދާއިރު އެންމެ ޒަމާނީ ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރެވިގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ. ހަމައެއާއެކު އެއީ ތިމާވެއްޓާ ރައްޓެހި އަދި ހަކަތަ ހަރުދަނާ ވެގެންދާނެ ކަމެއް ކަމަށާއި، އެންމެ ފަހުން ނެޓް-ޒީރޯ އެމިޝަންއަށް ވާސިލްވާނެ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރަސްމާލެ އާއި މާލެ ކަނޑު އަޑީގެ ޓަނަލަކުން ގުޅާލަން މި ސަރުކާރުން ވަނީ ނިންމާފައެވެ. މާލެ އާއި ރަސްމާލެ ގުޅުވާލުމަށްޓަކައި ފަންނީ އިނޮވޭޓިވް މަސައްކަތްތަކެއް ފަށައި ވަރަށް ގާބިލު ކުންފުނިތަކާ އެކުގައި މަޝްވަރާތައް ފަށާފައިވާ ކަމަށާއި އެ ޓަނަލްގައި ރޭލެއް ދުއްވުމަށް ހަމަޖެހިފައިވާ އިރު، އެ ތަން ހަދާނީ ރޭލުގައި އިންނަ އިރު ކަނޑު އަޑީގެ ރީތި މަންޒަރުތައް ވެސް ފެންނަ ގޮތަށް ކަމަށް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މާލޭގެ ދެކުނަށް އޮންނަ ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީ ކުރާ "ރަސްމާލެ"ގެ މަސައްކަތް ފެށީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެ މަޝްރޫއުގެ ދަށުން 1،153 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ އިރު، އެ މަސައްކަތް ކުރުމަށް އާބަންކޯ އިން ހަވާލުކޮށްފައި ވަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާއެވެ.

https://wamco.com.mv/
tel:+9607331319