logo

އަންހެން ވިޔަފާރިވެރިންނަށް 6.5 މިލިއަން ޑޮލަރުގެ ލޯނު ސްކީމެއް ތައާރަފްކުރާނަން: ރައީސް

profile

އަހުމަދު ޒަލީފު - 27 މޭ 2024 - 13:15

  ރައީސް ޑރ މުޙައްމަދު މުޢިއްޒު

ރައީސް ޑރ މުޙައްމަދު މުޢިއްޒު

އަންހެން ވިޔަފާރިވެރިންނަށް 6.5 މިލިއަން ޑޮލަރުގެ ލޯނު ފެސިލިޓީއެއް ތައާރަފްކުރަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ހަވީރު އެންޓީގާ އެންޑް ބާބިޔުޑާ ބޭއްވި ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް (ޖީބީއެން) ފޯރަމް 2024ގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނު ވަނީ މުހިންމު ތިން ކަމެއްގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން އެންމެ ކުދި، ކުދި، އަދި މެދުފަންތީގެ ވިޔަފާރިތަކާއި، ޒުވާން ވިޔަފާރިވެރިން ކުރިއަރުވައި، އިންވެސްޓްމަންޓްތަކަށް މަގުފަހި ކޮށްދޭން ޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަދު މުޅި ދުނިޔޭގައިވެސް، ތިމާވެށީގެ ކަންކަން ލަފާކުރަން ނޭނގޭ މިންވަރަށް ހަލުވިކަމާއެކު ބަދަލުވަމުން ދާއިރު، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ނިސްބަތްވާ އަމިއްލަ ވިޔަފާރިތަކަށް ކުރިއަށްވުރެވެސް ބޮޑަށް އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަކުރެއްވި ދެވަނަކަމަކީ، ރައްޔިތުންގެ މެދުގައި ތަފާތުކުރުމެއްނެތި، އެންމެން ޝާމިލްކުރުމަށާއި ބާރުވެރިކުރުވުމަށް އިސްކަން ދިނުމެވެ. އަދި ޢުމްރާނީ ތަރައްޤީއިން ފެށިގެން ކާރިސާތަކުގެ ހިރާސް ކުޑަކުރުމާ ހަމައަށްވެސް، ދެ ފަރާތުން ގުޅިގެން، އެއް އަމާޒަކަށް ވާޞިލްވުމަށް، ބަދަހިކަމާއެކު މަސައްކަތްކުރުމަށް މަގުފަހި ކޮށްދޭން ޖެހޭކަންވެސް ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް ކަހަލަ، ޖިއޮގްރަފީގޮތުން ދުރުމިނުގައި ރަށްތައް އުފެދިފައި ހުރި ގައުމު ތަކަށް މިކަން ވަރަށް މުހިންމު ކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ އަންހެން ވިޔަފާރިވެރިންނަށް 6.5 މިލިއަން ޑޮލަރުގެ ލޯނު ފެސިލިޓީއެއް ތައާރަފްކުރުންކަމަށެވެ. އަދި މި ފެސިލިޓީ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް 25 އިންސައްތަ ކަނޑައެޅުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެންމެ ފަހު ކަމަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ފަރާތުގެ މެދުގައި ގުޅުން ޤާއިމުކޮށް ތަޖުރިބާ ޙިއްޞާކުރެވޭނެ މަގުފަހި ކޮށްދިނުމުގެ މުހިއްމުކަމަށް އަލިއަޅުވައިލައްވާފައެވެ. އެއްވެސް ބައެއްގެ އުޖާލާ އަދި އުންމީދީ މުސްތަޤުބަލަށް އެޅޭ ހުރަހަކަށް، މާލީ އެހީތެރިކަން ލިބުމުގެ ދަތިކަން ވިޔަނުދިނުމަށް، ބޭންކުތަކަށާއި ބައިނަލްއަޤްވާމީ އިދާރާތަކަށާއި އެހެނިހެން މާލީ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ. އަދި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ނިސްބަތްވާ އަމިއްލަ ވިޔަފާރިތަކާއި ކުދި ވިޔަފާރިތަކުގެ ބޭނުންތަކަށް ވިސްނައިގެން މިހާރަށްވުރެ ފަސޭހަ، އަގުހެޔޮ، އަދި އެކަށޭނަ ގޮތަކަށް ކަންކަން ކުރުމަށް ރާވައި އިސްކަންދީގެން، ޒިންމާދާރުކަމާއި ދުރުވިސްނުމާއެކު މާލީ އެހީތެރިކަމުގެ ދޮރުތައް ހުޅުވާލުމަށްވެސް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވައިލެއްވީ، އެންޓިގާ ބާބުޑާގެ އެޖެންޑާ ހާޞިލްކުރެވޭނީ، ސިޑްސްގެ ޤައުމުތަކުގެ ސަރުކާރުތަކުން އަމިއްލަ ވިޔާފާރިވެރިންނާއި ގުޅިގެން މަސައްކަތް ކޮށް، އެންމެން ޝާމިލުވާގޮތަށް އުޖާލާ މުސްތަޤުބަލެއް ހޯދައިދިނުމަށް މިކުރާ ވިލުންތެރި މަސައްކަތުގައިވެސް އަމިއްލަ ވިޔަފާރަވެރިން ކުރިއަށް ނެރެގެންކަން ފާހަކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ތަޤްރީރުކުރެއްވި މި ރަސްމިއްޔާތަކީ އޮފީސް އޮފް ދަ ހައި ރެޕްރެޒެންޓޭޓިވް ފޮރ ދަ ލީސްޓް ޑިވެލޮޕްޑް ކަންޓްރީޒް، ލޭންޑްލޮކްޑް ޑިވެލޮޕިންގ ކަންޓްރީސް އަދި ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (އޯ.އެޗް.އާރް.އެލް.އެލް.އެސް) އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

https://wamco.com.mv/
tel:+9607331319