.webp&w=3840&q=75)
ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ އެކްޓިވިސްޓު އިސްމާޢީލް ޒަރިޔަންދު,
ރިއަލް އެސްޓޭޓް ބިލުގައި ބިމުގެ މުއްދަތު އޮތް ގޮތަށް ޒަރިޔަންދު ފާޑުވިދާޅުވެއްޖެ

އާމިނަތު ޝަޒްލާ - 16 ނޮވެމްބަރު 2026 - 13:04
ރާއްޖޭގައި މިހާރު އޮތް ރިއަލް އެސްޓޭޓް ތަރައްޤީގެ ބިލުގެ 78(ށ) އަދި 89 ވަނަ މާއްދާގެ ދަށުން، ޚާއްޞަ ޒޯންތަކުގައި ބިނާކުރާ ޢިމާރާތްތަކާއި ޔުނިޓްތައް ވިއްކުމުގައި، ބިމުގެ އަސްލު ކުލީގެ މުއްދަތު ހަމަނުވަނީސް އަލުން ފެށޭ 99 އަހަރުގެ މުއްދަތެއް ގަންނަ ފަރާތަށް ވަގުތުން ލިބިދޭ ގޮތަށް އޮތް އޮތުމަކީ، ބައިނަލްއަޤްވާމީ ފެންވަރުގައި ގެންގުޅޭ އުޞޫލުތަކާ ޚިލާފު ކަމެއް ކަމަށް ބުނެ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ އެކްޓިވިސްޓު އިސްމާޢީލް ޒަރިޔަންދު ފާޑުވިދާޅުވެއްޖެއެވެ.
މި މައްސަލަ ފާހަގަކޮށް، ޒަރިޔަންދު، ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ސިންގަޕޫރުގައި ތަރައްޤީކުރާ ސަރަހައްދުތަކުން ޔުނިޓެއް ނުވަތަ ތަނެއް ވިއްކުމުގެ މުޢާމަލާތެއް ހިންގިކަމުގައިވިޔަސް، ޑިވެލޮޕަރުގެ ކުލީގެ އަޞްލު މުއްދަތު ހަމަވާ ތާރީޚަކަށް ޢާންމު މުޢާމަލާތްތަކުގައި އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.
ޒަރިޔަންދުގެ ޕޯސްޓުގައި ބުނެފައިވާ ގޮތުގައި، ސިންގަޕޫރުގައި ބިމެއްގެ ކުލީގެ މުއްދަތު އިތުރުކުރަން ބޭނުންނަމަ، އެޤައުމުގެ "ސްޓޭޓް ލޭންޑްސް އެކްޓް 1920" ގެ 20 އަދި 21 ވަނަ މާއްދާގެ ދަށުން ދައުލަތުގެ ބިމެއް އަލުން ކުއްޔަށް ދޫކުރާ "ސަރަންޑަރ އެންޑް ރީގްރާންޓް" އުޞޫލަށް މަގު ހުޅުވެނީ، ސަރުކާރުން އެ ހުށަހެޅުން ވަކިން ބެލުމަށްފަހު، އެ ވަގުތުގެ މާކެޓު އަގަށް ބަލައިގެން ކަނޑައަޅާ ޕްރީމިއަމް ކުރިން ދެއްކުމުންނެވެ. އެހެންކަމުން، ބިމުގެ ވެރިފަރާތް ކަމަށްވާ ދައުލަތަށް އިތުރު މާލީ މަންފާއެއް ލިބޭ ގޮތަށާއި، މުއްދަތު އިތުރުކުރުމުގެ އިޚްތިޔާރު ސީދާ ސަރުކާރުގެ އަތްމަތީގައި ބާއްވައިގެން ކުރިއަށްދާ ނިޒާމެއް ސިންގަޕޫރުގައި ޤާއިމުކުރެވިފައިވާ ކަން ޕޯސްޓުގައި ފާހަގަކޮށްފައިވެއެވެ.
ނަމަވެސް ރާއްޖޭގެ ރިއަލް އެސްޓޭޓް ތަރައްޤީގެ ބިލުގައި މިކަން އޮތް ގޮތް ސިންގަޕޫރުގެ އުޞޫލުތަކާ މުޅިން ތަފާތެވެ. އެ ބިލުގެ 78(ށ) އަދި 89 ވަނަ މާއްދާ ބަޔާންކުރާ ގޮތުގައި، ޚާއްޞަ ޒޯނެއްގައި ތަރައްޤީކުރާ ޢިމާރާތެއް ނުވަތަ ޔުނިޓެއް ވިއްކުމުގެ މުޢާމަލާތެއް ހިނގާއިރަށް، އެ ތަނެއް ގަންނަ ފަރާތަށް ވަގުތުން އަލުން ފެށޭ 99 އަހަރުގެ މުއްދަތެއް ލިބިގެންދެއެވެ. މިއީ ދައުލަތަށް އިތުރު މާލީ ބުރައަކާ ނުލައި އަދި މާކެޓު އަގަށް ބެލުމެއްނެތި، ދިގު މުއްދަތަކަށް ބިމުގެ ބާރު ގެއްލިގެންދާ ފަދަ އިންތިޒާމެއް ކަމަށް ބުނެ ގިނަ ބައެއްގެ ކަންބޮޑުވުން ދަނީ އުފެދެމުންނެވެ.
މިފަދަ ބޮޑެތި އިޤްތިޞާދީ އަދި ޤާނޫނީ ބަދަލުތަކެއް ހިމެނޭ މި ބިލު ރައްޔިތުންގެ މަޖިލީހުގައި މިހާރު ދިރާސާކުރަމުން އަންނައިރު، މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ގެ ރިޔާސަތުގެ ދަށުން، މި ބިލާމެދު ކަމާބެހޭ ފަރާތްތަކުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ދައުލަތާއި ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްވާނެ ފަދަ އިޞްލާޙުތަކެއް ގެންނަންޖެހޭ ކަމަށް ފާޑުކިޔާ ފަރާތްތަކުން ގޮވާލައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބިމާ ބެހޭ ސިޔާސަތުތައް އެކަށައެޅުމުގައި ޤައުމީ މަޞްލަޙަތު އިސްކުރުމަށްވެސް އިދިކޮޅު ފަރާތްތަކުން ބާރުއަޅަމުންދެއެވެ.
ގުޅުން ހުރި ޙަބަރުތައް

ހިތަދޫ އެމްބިއުލާންސް ކޮމްޕްލެކްސް ޢިމާރާތްކުރުން ބަޔަކާ ހަވާލުކޮށްފި
11 ގަޑިއިރު ކުރިން

ޕާސްޕޯޓް ނިމިފައިވާނަމަ ލަސްނުކޮށް ހަވާލްވާން އިމިގްރޭޝަނުން އެދިއްޖެ
11 ގަޑިއިރު ކުރިން

ރަސްމާލެ ވިއްކުމާ ދެކޮޅަށް އެމްޑީޕީން ނުކުންނަންޖެހޭ: މީކާއިލް
13 ގަޑިއިރު ކުރިން

އިންކަމް ޓެކްސް އާއި ޖީއެސްޓީ ބިލު، މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި
13 ގަޑިއިރު ކުރިން


