logo
 ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް, ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް, ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރަސްމާލެ ވިއްކުމާ ދެކޮޅަށް އެމްޑީޕީން ނުކުންނަންޖެހޭ: މީކާއިލް

profile

އާމިނަތު ޝަޒްލާ - 16 ނޮވެމްބަރު 2026 - 11:17

ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން ބިންތައް ހުސްނުވާ ގޮތަށް 99 އަހަރަށް ބޭރުގެ ފަރާތްތަކަށް ވިއްކާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް މައި އިދިކޮޅު ޕާޓީ، އެމްޑީޕީ އިސްވެ އޮވެ މަގުމައްޗަށް ނުކުމެ ވަރުގަދަ އިހުތިޖާޖުތަކެއް ކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މެންބަރު މީކާއީލް މިހެން ވިދާޅުވީ "އެކްސް" ގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

View post on Twitter

މީކާއީލް ވިދާޅުވީ، ރާއްޖޭގެ ބިންތައް ބޭރުގެ ފަރާތްތަކަށް މިފަދަ ދިގު މުއްދަތަކަށް ދިނުމަކީ ގައުމުގެ ސިޔާދަތާއި މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި އެމްޑީޕީއަކީ ގައުމުގެ މައި އޮޕޮޒިޝަން ޕާޓީއަށް ވާތީ، މިފަދަ ނާޒުކު ދަނޑިވަޅެއްގައި ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް، ގައުމީ މަސްލަހަތު ހިމާޔަތްކުރުމުގައި އެ ޕާޓީގެ ދައުރާއި ޒިންމާ އިންތިހާއަށް ބޮޑު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ބިމާބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި ތާވަލުކޮށްފައި އޮއްވައި، ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ބޮޑު ކަޅު ދަބަހެއް ހިއްޕަވައިގެން މަޖިލީހުގެ އިދާރާއަށް ވަޑައިގެންނެވި މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ވަނީ ދައުރުވެފައެވެ. މި މަންޒަރާއެކު އާންމުންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ބޮޑެތި ޝައްކުތަކާއި ސުވާލުތައް އުފެދި، ކޮރަޕްޝަނާއި ނުފޫޒު ފޯރުވުމުގެ ބޮޑެތި ތުހުމަތުތަކެއް ވަނީ މިނިސްޓަރަށާއި ސަރުކާރަށް އަމާޒުވެފައެވެ.

މިކަމަށް އިޝާރާތް ކުރައްވަމުން މީކާއީލް ވިދާޅުވީ، "ބްރަދަރ އަބްދުﷲ" ކަޅު ދަބަހަކާއެކު މަޖިލީހަށް ވަންނަވައި، އަދި އެކަންކަމާ ގުޅޭގޮތުން އަޑުއުފުލާ ފަރާތްތަކުގެ އަނގަބަންދުކުރުމަށްޓަކައި އަބުރުގެ ގާނޫނު އަލުން ގެނެސް ފާސްކުރަން އުޅޭއިރު، އެމްޑީޕީ މަޑުން އޮވެގެން ނުވާނެ ކަމަށެވެ. ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައި، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު ހަނިކުރަން ޖާގަ ދީގެން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މީކާއީލް ފާހަގަކުރެއްވި ގޮތުގައި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ކުރިމަތިލާއިރު، ޕާޓީއަށް ރައްޔިތުންގެ އިތުބާރާއި ތާއީދު އަލުން ލިބެން އޮތީ މިފަދަ ބޮޑެތި ގައުމީ މައްސަލަތަކުގައި ސާބިތުވެ، އެކަތިގަނޑެއްގެ ގޮތުގައި އިދިކޮޅު ޕާޓީގެ ގޮތުގައި ދެމިއޮވެގެންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލެ ހިއްކުމުގެ މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ނުކޮށް ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެ މަޝްރޫއު ހަވާލުކުރި ބޭރުގެ ކުންފުންޏަށް ހުޅުމާލެއިންނާއި ރަސްމާލެއިން އަގުބޮޑު ބިންތަކެއް ދިގު މުއްދަތަކަށް ދޭން އުޅޭ މައްސަލައިގައި އިދިކޮޅު ފަރާތްތަކުންނާއި ގިނަ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މިފަދަ ނިންމުންތަކަކީ ރާއްޖޭގެ މުސްތަގުބަލަށް އޮތް ބޮޑު ގެއްލުމެއްގެ ގޮތުގައި ސިޔާސީ މައިދާނުގައި ދަނީ ސިފަކުރެވެމުންނެވެ.

https://wamco.com.mv/
tel:+9607331319