
ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޤާނޫނީ ވަކީލު ޢަލީ ޙުސައިން، ފޮޓޯ: އަސްލުޓީވީ
ރާއްޖޭގެ ސަރަހައްދަށް ބަދަލެއް އަންނަނަމަ ނިންމަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން: ޢަލީ ޙުސައިން

އާމިނަތު ޝަޒްލާ - 04 ނޮވެމްބަރު 2026 - 12:45
ދިވެހިރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް އަންނަ ކަމަށްވާނަމަ އެކަން ނިންމަން ޖެހޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސްގެން ކަމަށާއި، ރައްޔިތުންގެ ވޯޓަކާ ނުލައި އެފަދަ ކަމެއް ކުރުމަކީ ޤާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޤާނޫނީ ވަކީލު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ މިއަދު ހަވީރު ބޭއްވި "ދިވެހި ބިން ދިވެހިންނަށް" ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ޢަލީ ޙުސައިން ވިދާޅުވީ، ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެންނަ ކަމަށްވާނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭނެ ކަމަށް ކުރީގެ ޤާނޫނުއަސާސީގައި ނޯންނަ ކަމަށެވެ. ނަމަވެސް، ވިހިވަނަ ރައްޔިތުންގެ މަޖިލީހުން ޤާނޫނުއަސާސީގެ 3 ވަނަ މާއްދާއަށާއި، 262 ވަނަ މާއްދާއަށް ގެނައި އިސްލާހުގެ ދަށުން، ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް އަންނަނަމަ އެކަމެއް ނިންމަން ޖެހޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ ފަރާތްތަކަށް، ވަކިން ޚާއްޞަކޮށް ޣައިރު ދީންތަކުގެ މީހުންނަށާއި ޒަޔަނިސްޓުންނާ ގުޅުންހުރި ފަރާތްތަކަށް ލިބޭ ގޮތަށް ކަންކަން ކުރުމަކީ ރާއްޖޭގެ ސަރަހައްދަށް އަންނާނެ އެންމެ ބޮޑު އެއް ބަދަލު ކަމަށް ޢަލީ ޙުސައިން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޒަމާނުއްސުރެ މި ބިމުގެ މިލްކުވެރިކަން އޮތީ ދިވެހި މުސްލިމު މުވާޠިނުންނަށް ކަމަށާއި، ވޭތުވެދިޔަ 900 އަށް ވުރެ ގިނަ އަހަރު މި ބިމުގައި އިވެމުންދަނީ ބަންގީގެ އަޑު އެކަނި ކަމަށެވެ. އެހެންކަމުން ބޭރުގެ ފަރާތްތަކަށް ރަސްމާލެ އަދި ހުޅުމާލެ ފަދަ ތަންތަނުން ބިން މިލްކުކުރެވޭ ގޮތް ހެދުމަކީ، އެހެން ދީންތަކުގެ ޝިޢާރުތަކަށް މި ބިމުގައި ފުރުޞަތު ހުޅުވި، ޤައުމިއްޔަތަށާއި އިސްލާމީ ވަހުދަތަށް ދެވޭ ވަރަށް ބޮޑު ގެއްލުމެއް ކަމުގައި ސިފަކުރެއްވިއެވެ.
މި މައްސަލައިގެ ހައްސާސްކަން ބޮޑުކަމުން މިހާރު ވާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައި، ވަގުތީ އަމުރަކަށް ވެސް އެދިފައި ކަމަށް ޢަލީ ޙުސައިން ހާމަކުރެއްވިއެވެ. އަދި މި މައްސަލައާ ގުޅިގެން ގިނަ ބައެއްގެ ބައިވެރިވުމާއެކު އިތުރަށް ވަރުގަދަކޮށް ބޭއްވުމަށްޓަކައި، ކުރިން ބާއްވަން އުޅުނު އެއްވުން މިހާރު ނޮވެމްބަރު 13 ވަނަ ދުވަހަށް ފަސްކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ޢަލީ ޙުސައިން އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސް، ޤާނޫނުއަސާސީއާ ޚިލާފަށް ބިންތައް ދޫކޮށް އެފަދަ އެއްބަސްވުންތަކެއް ހަދައިފިނަމަ، ދެން އަންނަ ސަރުކާރަކުން އެ އެއްބަސްވުންތައް ބާޠިލުކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށާއި އެކަން ކަށަވަރު ކުރައްވާނެ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ފަނޑިޔާރު އަލީ ރަޝީދު ރިޓަޔަރ ކުރައްވަނީ
ގަޑިއިރެއް ކުރިން

ކޮމަންވެލްތުގެ ގުޅުންތައް ވަރުގަދަކުރުމަށް ބޭނުންވާ މުހިންމު ތިން ކަމެއް ނައިބު ރައީސް ބަޔާންކޮށްދެއްވައިފި
ގަޑިއިރެއް ކުރިން

2028 ގައި ވެރިކަމަށް އަންނަ ވެރިއަކު ރަސްމާލެ މަޝްރޫއު ބާތިލްކުރާކަން ކަށަވަރުކުރާނަން: ޝެއިހް އިމްރާން
ގަޑިއިރެއް ކުރިން
.jpg&w=3840&q=75)
ޓެކްސްގެ ދެ ޤާނޫނަކަށް އިޞްލާޙު ގެނައުމުގެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފި
ގަޑިއިރެއް ކުރިން


